މި މަހު އިންޑިއާގެ ބެންގަލޫރުގައި ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ގައުމީ ފުޓްބޯޅަ ޓީމުގެ 23 ކުޅުންތެރިންގެ ސްކޮޑު ފައިނަލްކޮށް ޖަޕާން ޓްރެއިނިން ކޭމްޕް ދިއުމަށް ތައްޔާރުވެއްޖެ އެވެ.
ރޭ ގައުމީ ޓީމުން ވަނީ ސާފް ޗެމްޕިއަންޝިޕްގެ ކުރިން މާލޭގައި ކުރާ ފަހު ޓްރެއިނިންތައް ކުރިއަށް ގެންގޮސްފަ އެވެ. މިއަދުގެ ވަގުތެއްގައި 10 ދުވަހުގެ ޓްރެއިނިން ކޭމްޕަކަށް ޖަޕާނަށް ފުރުމަށް ހަމަޖެހިފައިވާއިރު، މިހާރު ވަނީ ކޭމްޕާއި މި މަހު 21 އިން އަންނަ މަހުގެ ހަތަރަކަށް އޮތް ސާފް ޗެމްޕިއަންޝިޕަށް 23 ކުޅުންތެރިންގެ ސްކޮޑު ފައިނަލް ކޮށްފަ އެވެ.
އެ ގޮތުން، ގައުމީ ޓީމުގެ ސްކޮޑުގައި ހިމެނިގެން މުބާރާތަކަށް ފުރަތަމަ ފަހަރަށް ދާ ކުޅުންތެރިން ވެސް މި ފަަހަރު ޓީމުގައި ހިމެނެ އެވެ. އެ ކުޅުންތެރިންނަށް ބަލާއިރު، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ ކެޕްޓަން، މުހައްމަދު ނިޒާމް (ޕީކޭ) އަދި އެ ޓީމަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ހުނަރުވެރި މިޑްފީލްޑަރު، އަހުމަދު އައިހަމް (ފަތޯ)ގެ އިތުރުން ކްލަބް އީގަލްސްގެ ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) އާއި 19 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން، ހުމައިދު ހުސެއިން އަދި ބުރު ސްޕޯޓްސް ކްލަބްގެ ފުލްބެކް، އިބްރާހިމް އުސާމާ އަބްދުލް މަޖީދު (އުކާ) ހިމެނެ އެވެ.
ބީޖީ ސްޕޯޓްސް ކްލަބާއި ކްލަބް ވެލެންސިއާ، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަދި ށ. މިލަންދޫ ޓީމަށް ފުރަތަމަ ޑިވިޝަނުގައި ކުޅުނު ޕީކޭ އަކީ އަނިޔާ އިން އެނބުރި އައުމަށް ފަހު މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއެކެވެ. އިސްމާއިލް މަހަފޫޒް (އިންމަ)ގެ ކޯޗުކަމުގައި ސަސް އަށް ކުޅޭ ޕީކޭ އަކީ އިތުބާރާ އެކު ކުޅޭ ޑިފެންޑަރެކެވެ.
ހއ. އުތީމަށް އުފަން، އައިހަމް އަކީ މިދިޔަ ދެ ސީޒަނަށް ބަލާއިރު، ޒުވާން ކުޅުންތެރިންގެ ތެރެއިން އެންމެ ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ އެއް މިޑްފީލްޑަރެވެ. ގޯލާ ރަށްޓެހި މިޑްފީލްޑަރެއްގެ ގޮތުގައި ފާހަގަކުރެވޭ އައިހަމް މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ސްކޮޑުގައި ހިމެނުނުއިރު، މިއީ އޭނާ ގައުމީ ސްކޮޑެއްގައި ވެސް ހިމެނުނު އަލަތު ފަހަރެވެ.
ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ޒުވާން އުމުރުގައި އައި ނަމަވެސް، ބ. އޭދަފުށްޓަށް އުފަން ނިޝާމްގެ ކުޅުން ބޮޑަށް ފާހަގަވާން ފެށީ މިދިޔަ ސީޒަނުތަކުގައި ޓީސީ ސްޕޯޓްސް ކްލަބްގައި ދެއްކި ކުޅުމާއި ހޯދަމުން އައި ކުރިއެރުމުގެ ސަބަބުންނެވެ. މި ސީޒަނުގައި ކްލަބް އީގަލްސް އަށް ބަދަލުވެ، ގިނަ މެޗުތަކުގައި ބަދަލަކަށް ކުޅެން އެރި ނަމަވެސް ލިބޭ ކޮންމެ ފުރުސަތެއްގައި ކަހަލަ ގޮތަކަށް ނިޝާމް ވަނީ މޮޅަށް ކުޅެފަ އެވެ. މިއީ، ސީނިއާ ގައުމީ ޓީމުގެ ފައިނަލް ސްކޮޑެއްގައި ހިމެނިގެން ނިޝާމް މުބާރާތަކަށް ދާ ފުރަތަމަ ފަހަރެެވެ.
ނަވާރަ އަހަރުން ދަށުގެ ގައުމީ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން މިދިޔަ އަހަރު ހުމެއިދު ވަނީ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕާއި 19 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ކުޅެފަ އެވެ. އީގަލްސްއާ އެކު މިދިޔަ އަހަރު 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކުރި ކެޕްޓަން، ހުމެއިދު މިދިޔަ އަހަރުން ފެށިގެން އީގަލްސްގެ ސީނިއާ ޓީމަށް ކުޅެމުން އަންނައިރު، އޭނާ ފާހަގަކުރެވެނީ ރާއްޖޭގައި އެންމެ މުސްތަގުބަލު އުޖާލާ އެއް ޑިފެންޑަރުގެ ގޮތުގަ އެވެ.
ފުޓްބޯޅައިގެ މަޝްހޫރު ރަށެއް ކަމަށްވާ އދ. މަހިބަދޫ އަށް އުފަން، އުސާމާ، ފުރަތަމަ ޑިވިޝަނުން ފުރަތަމަ ފެނިގެންދިޔައީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބުންނެވެ. މި ސީޒަނުގައި ބުރު ސްޕޯޓްސް ކްލަބަށް ބަދަލުވުމަށް ފަހު، އުސާމާ އަންނަނީ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ)ގެ ކޯޗުކަމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.
ސާފަށް ޕްރެކްޓިސް ފަށަން 40 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑެއް އެފްއޭއެމުން އިއުލާނުކުރި ނަމަވެސް ޕްރެކްޓިސް ފެށީ 30 ކުޅުންތެރިންނާ އެކު އެވެ.
އެ ގޮތުން، މުބާރާތަށް ސްކޮޑު ފައިނަލްކުރިއިރު، ބާކީވި ހަތް ކުޅުންތެރިންނަކީ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)ގެ އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު)، އަލީ ނާޖިހު (ނާޖީ) އާއި ޝަނާން ރަޝާދުގެ އިތުރުން ބުރު ސްޕޯޓްސް ކްލަބްގެ މުހައްމަދު ނާއިމް އާއި ޝައިހާން އަލީ އަދި ޓީސީ ސްޕޯޓްސް ކްލަބްގެ އަހުމަދު މާއިޝް ރަޝީދު އަދި ސަސްގެ މުހައްމަދު ސަހާއު (ބޭލް) އެވެ.
ޖަޕާން ކޭމްޕާއި ސާފް ޗެމްޕިއަންޝިޕަށް ނެގި ސްކޮޑު:
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން:
ސަމޫހު އަލީ (ސަަމުއްޓެ)، އަހުމަދު ނޫމާން (ހެލްމެޓް)، ހުސެއިން ސިފާއު (ކުރޯ)، އިބްރާހިމް އައިސަމް، ހައިޝަމް ހަސަން (ބިޑި)، ހަސަން ރާއިފް (ހަންނަ)، ހުސެއިން ނިހާން (ނިހާޓް)، ހަސަން ޝިފާޒް (ޑުންގާ)، ހަމްޒާ މުހައްމަދު (ހަމްޕު)، ހުސެއިން ޝަރީފް (ހުސެން)، ނާއިޒް ހަސަން (ދާދު)، މުހައްމަދު އިރުފާން (އިރޭ)، އަލީ ފާސިރު (ސެންޓޭ)، މުހައްމަދު ފައިސަލް
ކުލަބު އީގަލްސް:
މުހައްމަދު ޝަފީއު (ޗެކް)، އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ)، ނިޝާމް މުހައްމަދު ރަަޝީދު (ޕޮގްބާ)، ހުމެއިދު ހުސެއިން
ސުޕަ ޔުނައިޓެޑް ސްޕޯޓްސް:
އަހުމަދު އައިހަމް (އައިހު)، މުހައްމަދު ނިޒާމް (ޕީކޭ)، އަހުނަފް ރަޝީދު (އަހުއްކޮ)
ބުރު ސްޕޯޓްސް ކްލަބް:
އިބްރާހިމް އުސާމާ
ކުލަބު ވެލެންސިއާ:
އިބްރާހިމް ވަހީދު ހަސަން (އިއްބެ)
ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރަން ގައުމީ ފުޓްބޯޅަ ޓީމު ބެންގަލޫރަށް ދާނީ ޖަޕާން މަގުންނެވެ. އިޓަލީގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯގެ އިރުޝާދުގެ ދަށުން ރާއްޖޭން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕަކަށް ނުކުންނައިރު، މި ފަހަރުގެ މުބާރާތުގައި ރާއްޖެ ހިމެނެނީ، ބަންގްލަދޭޝް އާއި ބޫޓާން އަދި ލެބަނަންއާ އެކު ގްރޫޕް ބީގަ އެވެ. ރާއްޖޭން ފުރަތަމަ މެޗުގައި މި މަހު 22 ވަނަ ދުވަހު ކުޅޭނީ ބޫޓާންއާ އެވެ.
ރާއްޖޭން ވަނީ 2008 އާއި 2018 ގައި ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފަ އެވެ. ރާއްޖޭން އެންމެ ފަހުން 2021 ވަނަ އަހަރު އަމިއްލަ ގައުމުގައި ސާފް ޗެމްޕިއަންޝިޕް ބޭއްވިއިރު، ދިޔައީ ތިން ވަނަ އެވެ. އެ ފަހަރު މުބާރާތުގައި ފަސް ގައުމު ކުޅޭތީ، މުބާރާތް ކުރިއަށްގެންދިޔައީ ލީގު ބުރެއް ކުޅެފައި އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލް ކުޅޭ ގޮތަށެވެ. ރާއްޖެ އަށް އެންމެ ފަހުގެ ސާފް ޗެމްޕިއަންޝިޕްގައި ކޯޗުކޮށްދިނީ މިހާރު އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި ހުރި ރާއްޖޭގެ އެންމެ ކާމިޔާބު އެއް ފުޓްބޯޅަ ކޯޗު، އަލީ ސުޒޭން އެވެ.












