މިއާމީ (ޖޫން 2) - އެމެެރިކާގެ ފުޓްބޯޅަ ލީގު، މޭޖަ ލީގު ސޮކާ (އެމްއެލްއެސް)ގެ އިންޓަ މިއާމީގެ ކޯޗަކަށް ހުރި، އިނގިރޭސި ކުރީގެ ޑިފެންޑަރު، ފިލިޕް ނެވިލް މަގާމުން ވަކިކޮށްފި އެވެ.
ނެވިލްގެ ކޯޗުކަމުގައި އެމްއެލްއެސްގައި އިންޓަ މިއާމީ ކުޅުނު 13 މެޗުގެ ތެރެއިން 10 މެޗުން ވަނީ ބަލިވެފަ އެވެ. ނެވިލްގެ ކޯޗުކަމުގައި އިންޓަ މިއާމީން އެންމެ ފަހުން ކުޅުނު މެޗަކީ ބުދަ ދުވަހުގެރޭ ނިއުޔޯކް ރެޑްބުލް އަތުން 1-0 އިން ބަލިވި މެޗެވެ. މިއީ އިންޓަ މިއާމީ ޖެހިޖެހިގެން ބަލިވި ހަަތަރު ވަނަ މެޗެވެ.
އިންޓަ މިއާމީ އަކީ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ، ޑޭވިޑް ބެކަމްގެ ހިއްސާ އޮންނަ ކްލަބް އެކެވެ.
އުމުރުން 46 އަހަރުގެ ނެވިލް، އިންޓަ މިއާމީގެ ކޯޗުކަމާ ހަވާލުވީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ. ނެވިލްގެ ކޯޗުކަމުގައި އިންޓަ މިއާމީ ވަނީ އެމްއެލްއެސް ކަޕްގެ ޕްލޭއޮފަށް ދަތުރުކޮށްފަ އެވެ. އެކަމަކު، އޭނާ އަށް އިންޓަ މިއާމީގެ ކޯޗުކަން ގެއްލުނީ އެމްއެލްއެސްގައި ނަތީޖާ ނުނެރެވިގެންނެވެ.
"ބައެއް ފަހަރު ފުޓްބޯޅައިގައި ނިންމަން ޖެހޭނީ އެންމެ އުނދަގޫ ނިންމުން، މިއީ އޭގެ ނިންމުމެއް. ފިލް (ނެވިލް) މި ޓީމަށް ކޮށްދިން ހިދުމަތްތަކަށް އަހަރެމެން ޝުކުރުވެރިވަން، މިއީ މި ވަގުތަށް ބަލާއިރު، އާ ކޯޗަކާ އެކު އަހަރެމެން ކުރިއަށްދާންވީ ވަގުތު،" ބެކަމް ބުންޏެވެ.
އިންޓަ މިއާމީ ކޯޗުކަމާ ނެވިލް ހަވާލުވުމުގެ ކުރިން އޭނާ ވަނީ އިނގިރޭސި އަންހެން ގައުމީ ޓީމުގެ ކޯޗެއްގެ ގޮތުގައި ތިން އަހަރު މަސައްކަތް ކޮށްފަ އެވެ. މެންޗެސްޓާ ޔުނައިޓެޑާއި އެވަޓަން އަށް ކުރިން ކުޅުނު ޑިފެންޑަރު، ފިލް ނެވިލް ކޯޗިން ކެރިއަރު ފެށީ 2015 ވަނަ އަހަރު ސަލްފޯޑް ސިޓީގެ ކެއާޓޭކާ ކޯޗެއްގެ ގޮތުގަ އެވެ.












