އިންތިޚާބީ އަހަރެއް ދެބައި ވީ އެވެ. ދުވަސްވީ އެކުވެރިން ހަތުރުވެރިންނަށް ވެ ނިމިއްޖެއެވެ. އޮޅިގެންވެސް އެއްގަލަކަށް އަރާތިއްބާ ނުފެންނާނެޔޭ ހީވި އެތައް ބަޔަކު އަތުގުޅާލައިގެން ތިބެ އެއްތަށިން ނޫނީ ނުކާތަންވެސް ފެންނާން ފަށައިފިއެވެ. ކޮންމެ ހުކުރަކީ އަދި ކޮންމެ ބަންދަކީ ކޮންމެވެސް ކުލައެއްގެ އެއްވުމަކަށް ޓިކެޓު ބަހައިގެން ރައްޔިތުން އެއްތަންކުރާ ދުވަހެއް ކަމަށް ހަދާ ތާވަލުކޮށް ނިންމާލައިފިއެވެ. ނުފޯރާ ފޮތިން ފޫގަޅަނީކަން އެނގޭ ހާލަތުގައިވެސް ޕޯޑިއަމްތަކުގައި އެ ވާހާ ވަޢުދަކަށް "ވާހް!ވާހް!" ކިޔައި އަތްޖަހަން އެއްބަޔަތު އެ ތިބެނީ މަހު މުސާރަ ގެއްލިދާނެކަމުގެ ބިރުގައިކަމުގައި ވީ ދުވަސް، އަނެއްކާވެސް ތަކުރާރުވަމުން އެބަދެއެވެ. ޢާއިލީ އަދި ގެވެށި ހަމަނުޖެހުންތައް ހުއްޓުވުމަށް ބޭރިހެދިގެން ތިބޭ މީހުން ގިނަވަމުން އެދަބެއެވެ. ހިހޫތަނުން ކައިގެން، ކެޔޮތޮށިތައް ބިތުފަންގީގެ ނިވަލުގައި ފޮރުވައިގެން އުޅޭން ޢަޒުމު ކަނޑައަޅައި ތިބި މީހުން، އަތްމަތި އަވަސްކަމާއެކު މަސައްކަތްކުރާ މަންޒަރު ފެންނަމުން އެބަދެއެވެ.
މިހުރިހާ ނާޗަރަންގީއެއްގެ އަޑުތަކުތެރޭ ފަނޑުވެފައިވަނީ ވަޠަންގެ ގޮވާލުމެވެ. އަމިއްލަ އެދުމާއި އަމިއްލަ މަސްލަޙަތުގެ ކުރިމަތީ ހަވާސާކުރެވިފައިމިވަނީ ޤައުމީ މަސްލަޙަތެވެ. ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ (ނ.ޢ.ޢ.ވ) އޮނަރަބަލް ޢަބްދުއްރަޝީދު ޙުސައިންގެ ޅެން "ޤައުމު ފަނާކުރުމާއި ބިނާކުރުން" މިއީ، މި ފަދަ ދަނޑިވަޅެއްގައި ލިބިގަންނަން ރަނގަޅު ފިލާވަޅުތަކެއް އުނގަންނައިދޭ ޅެމެކެވެ. ސާދާ ބަހުރުވައިން ލިޔުއްވާފައިވާ ސާދާ ވަޒަނެއްގެ، ސާދަ ބައިތުގެ ޅެމެކެވެ. އެހެން ނަމަވެސް ދެއްވަނީ މުހިއްމު މެސެޖެކެވެ. ހަނދާންކޮށްދެނީ މުހިއްމު ކަމެކެވެ. ޤައުމު ބިނާކުރާން ތިބީ އަހަރެމެން ކަމަށްވީ ހިނދު، ޤައުމު ފަނާވެދާނެ ފަދަ ކަންކަންވެސް މި ކުރަނީ ޚުދު އަހަރެމެން ކަމެވެ. މުޅި ޅެމުން ވަކި ވަކި އެކި ކަންކަމަށް އަލިއަޅުއްވާލައްވާފައިވާއިރު، ޖުމުލަ ގޮތެއްގައި އިލްތިމާސް ކުރައްވަނީ ކުރާ ޢަމަލުން ޤައުމަށް ލިބޭނީ ފައިދާއެއްތޯ ނުވަތަ ދެވެނީ ގެއްލުމެއްތޯ ވިސްނައި ފިކުރުކުރުމަށެވެ. ވިދާޅުވެފައިވެއެވެ.
ދިވެހި ބިން ހަސަދައިގެ އަލިފާނަށް ލަނީވެސް އަހަރެމެން
ދިވެހި އުއްމަތް ސުލްޙަވެރި ތަނަކަށް ހަދަން ތިބި އަހަރެމެން
ދިވެހި މިނިވަންކަން ނަގައިލީ ކޮންމެ ފަހަރަކު އަހަރެމެން
ދިވެހި މިނިވަންކަން ދިފާޢުކުރީ ކެރޭ ހަމަ އަހަރެމެން
ދިވެހި ކާބަފައިންގެ އައިބު ކިޔައި މި ހަދަނީ އަހަރެމެން
ދިވެހި އަބްޠާލުންގެ ޛިކުރާ އާކުރަން ތިބި އަހަރެމެން
މިއީ ފުރަތަމަ ތިން ބައިތެވެ. ޅެމުގެ ސާދަ ބައިތުގައިވެސް ކޮންމެ ބައިތެއްގެ ޞަދުރާއި ޢަޖުޒު ނިންމާފައިވަނީ "އަހަރެމެން" މި ލަފުޒު ތަކުރާރުކުރައްވައިގެންނެވެ. ކޮންމެ ކުށަކުން ތިމާ ބަރީޢަވެ، އަނެކާގެ ކުށްދެއްކުމުގެ އާދަ ކަށީގައި ހަރުލާފައިވި މިޒަމާނުގައި، ގޯހެއް ހެދިކަމުގައިވިޔަސް، ހެވެއް ހޯދައިދިން ކަމުގައިވިޔަސް އެއީ ހަމަ "އަހަރެމެން ކުރާ ކަމެއްކަން ހަނދާންވުމުން، ޒަމާނީ "ވަޠަނީ" ކަނުކަމުގެ ހޫނުން ކެކި ކެކި ހުންނަ ލޭ ހިހޫކޮށްލައެވެ. ތިމަންނާ އިނގިލިދިއްކޮށް އިލްޒާމް އަޅުވާ "އޭނާ" ހަމަ އެފަދައިން އިލްޒާމް އަޅުވާނޭ އެނާއަކީ ޚުދު ތިމާމީހާކަން ހަނދާކޮށްދެއެވެ. ކޮންމެ ބައިތެއްގެ ޞަދުރުގައި ޅެންވެރިޔާ ސިފަކުރައްވަނީ އަހަރެމެންނަށް ބޭއިޚތިޔާރުގައި ކުރެވޭ ނުވަތަ ގަސްދުގައި ކުރާ، ޤައުމަށް ގެއްލުންދެނިވި ކަންތައްތަކެވެ. ޢަޖުޒުގައި ހަނދާންކޮށްދެއްވަނީ އެ ބަޔާންކުރައްވާ ޢަމަލު ހުއްޓުވަން ނުވަތަ އެ މައްސަލަ ޙައްލުކުރުމުގެ ޒިންމާ ކޮނޑުއަޅަން ތިބި މީހުންނަކީވެސް ޙުދު އަހަރެމެންކަމެވެ. އަދި ކޮންމެ ބައިތަކުން ހަނދާންކޮށްދެނީ ޤައުމަށް ގެއްލުންދެނިވި ކަންކަން ކުރަނީ ބޭރުން އަންނަ ބަޔަކު ނޫންކަމެވެ. ޤައުމު ކުރިއަރުވައި، ދިފާޢުކުރަންވެސް ހަވާލުވެ ތިބި މީހުންކަމެވެ.
ހަމަ އެ ޅެމެވެ. އެހެން ދެތިން ބައިތެވެ.
ދިވެހި ނަން ބަދުނާމުކޮށް ބޭރާ މި ގުޅަނީ އަހަރުމެން
ދިވެހި ޤައުމަށް ރީތި ނަން ހޯދަން އުޅެން ތިބި އަހަރެމެން
ދިވެހި ބިން ބައިބައިވެދާ ކަންތައް މި ކުރަނީ އަހަރެމެން
ދިވެހި ބިމުގައި ވަޙްދަތާއެކު ދިރިއުޅެން ތިބި އަހަރެމެން
ދިވެހި ނަޞްލަށް ފާޅުގައި ޣައްދާރު މި ވަނީ އަހަރެމެން
ދިވެހި ފަސްގަނޑުދެކެ ނިހާއީ ލޯބިވާންވީ އަހަރެމެން
މި ޅެމުގައި ޖެހިލުމެއްނެތި މި މުޚާޠަބުކުރަނީ ރައްޔިތެއްގެ ގައިގައި ހުންނާނޭ އެންމެ ބޮޑު އުނި ސިފައަށެވެ. ޤައުމު އޮތް ޙާލަތަކަށް އައުމުގައި ތިމާގެ އެއްވެސް ދައުރެއް ނުވާކަމަށް ޤަބޫލުކުރެވޭ ޤަބޫލުކުރުމަށެވެ. އަދި އެ މައްސަލަ ޙައްލުކުރުމުގައި ތިމާގެ ޒާތީ ޒިންމާއެއް ނުވާކަމަށް ޤަބޫލުކުރެވޭ ޤަބޫލުކުރުމަށެވެ.
"އަދަރިޒަމް" ގެ ނަޒަރިއްޔާ ދިރާސާކުރައްވާ މަޝްހޫރު ޖޯން އޭ. ޕަވަލް ވިދާޅުވެފައިވެއެވެ. "ކުރުމުއްދަތެއްގެ ތެރޭ ބޮޑު ބަދަލެއް ތަޖުރިބާކުރަން ޖެހޭ މުޖުތަމަޢެއްގައި، އެ ބަދަލަށް ޖަވާބުދާރީވުމުގެ ގޮތުން ވަރަށް ގިނަ ފަހަރު ކުރެވޭ ކަމަކީ، އެ ބަދަލަށް ހޭނޭ މީހުންނަކީ މުޖުތަމަޢަކަށް ކުފޫހަމަވާ މީހުން ކަމަށް ކަނޑައަޅައި، އެ ނޫން މީހުން އެއީ "އެމީހުން" (އަދަރސް)ކަމުގައި ކަނޑައެޅުމެވެ. އަދި "އެމީހުންނަކީ" މުޖުތަމަޢުގެ ބަލިފައި ކަމުގައި ބެލުމެވެ."
މި ފަދަ ޙާލަތްތަކުގައި ތަފާތު ޚިޔާލުތަކަށް އިޙުތިރާމުކުރުމުގެ ބަދަލުގައި، އެ ބަދަލަށް ހޭނުނު މީހުން ފިޔަވައި ދެން ތިބި މީހުންނަކީ އެ ޖަމާޢަތަށް ކުރިމަތިވާ ހުރިހާ ގޯހެއްގެ ޒިންމާ އުފުލަން ތިބޭ މީހުންކަމުގައި ލޭބަލްވެއެވެ. އަދި އެއްކަލަ ކުފޫ ހަމަވާކަމަށް ދެކޭ އާބާދީގެ އަމިއްލަ ނަޒަރުގައި އެމީހުންގެ ދައުރަކީ ޙައްލު ހޯދުމެއް ނޫނެވެ. ބައިވެރިކުރުމެއްވެސް ނޫނެވެ. ހަމައެކަނި ކުށްދައްކާލުމެވެ.
ދިވެހިންގެ ތެރޭގައި ވަކި ކަހަލަ ބަޔަކު އެބަ އުޅެޔޭ ކިޔައި ، އެއް ބައެއްގެ ސިފައެއް ބީރައްޓެހިކޮށްލަން އުޅުމުގެ ތެރޭގައި، ދުނިޔޭގެ ނަޒަރުގައި "އަދަރސް" އަށް އެ ހަދާލެވެނީ އިސްތިސްނާއެއް ނެތި ހުރިހާ ދިވެހިންކަން، އެ ހިނދު އަހަރެމެން ހަނދާންނެތެއެވެ. ދިވެހި ބިން ބައިބައިވާ ފަދަ ކަންތައްތައް ކޮށްގެން، ވަޞީލަތް މަދު މި ދިވެހިންނަށް އެއްބަޔަކު އަނެއްބަޔަކަށް ބަރޯސާ ނުވެ އަނގަޔާ އަތާ ދިމާކުރެވެން ނެތްކަން ދަންނަ ޙާލުގައިވެސް، އެކަންވެސް މި ކުރަނީ ޚުދު އަހަރެމެންނެވެ. މި ތިން ބައިތުންވެސް މި ހަނދާންކޮށްދެނީ ޒިންމާ ނަގަން ޖެހޭ ބަޔަކީ އަހަރެމެންކަމެވެ. ހުރި މައްސަލަތަކުގެ އަސްލަކީވެސް އަދި ޙައްލަކީވެސް ޚުދު އަހަރެމެންކަމެވެ.
ޅެން ވެރިޔާ ޅެން ނިންމަވާލައްވަނީ އިލްތިމާހަކުންނެވެ. ވަރަށް އަސަރުކުރަނިވި ސިފަކުރެއްވުމަކުންނެވެ.
ދިވެހި ބިން ގިސްލާ ރޮޔޭ ބުނަމުން މި ދާއިރު އަހަރެމެން
ދިވެހި ޤައުމުގެ ކަރުނަ ފުހެދޭން ތެދުވަމާހޭ އަހަރެމެން
ދިވެހިޤައުމު ފަނާކުރަން ބަލަ ނޫޅެމާހޭ އަހަރެމެން
ދިވެހި ޤައުމު ބިނާކުރަން ހިއްމަތް ކުރަންވީ އަހަރެމެން
މިއަދުގެ މި ސިޔާސީ ހަލަބޮލިކަމުގެ ތެރޭ އެކި ކުލަކުލައިގެ ޕޯޑިއަމްތަކުގެ ކުރިމަތީ ތިބެ ޤައުމުގެ އިސްވާރުން ހަރުއަޑުން ދައްކަނީ ދިވެހި ޤައުމު ގިސްލާ ރޯ ވާހަކައެވެ. ކޮންމެވެސް އެހެން އިސްވާރެއްގެ ބޮލުގައި އިލްޒާމްތައް އަޅުވަމުންނެވެ. ޅެންވެރިޔާ އެ ވިދާޅުވަނީ މިހެން ކިޔުމުގެ ބަދަލުގައި އެ ރޯ ޤައުމުގެ ކަރުނަ ފޮހެދޭން ދާށޭއެވެ. ކުޅިބަކަން ނުތިބެ، ޙައްލު ހޯދަން އަވަސްވެގަންނާށޭއެވެ.
މި ޅެމުގައި ފާހަގަކުރެވޭ އިތުރު އެއް ސިފައަކީ ބައެއް ބައިތެއްގެ ނިންމުމުގައި ގެންގުޅުއްވާ ބަހަކީ އުކުޅެކެވެ. މިސާލަކަށް، "ހިއްމަތްކުރަންވީ އަހަރެމެން"؛ "ތިބޭންވީ އަހަރެމެން"؛ ދިރިއުޅެންވީ އަހަރެމެން" މިހެން އޮތުމުން، މިއީ އަހަރެމެންނަށް ދެވޭ އިރުޝާދެއް ކަމަށް ބެލެވިދާނެއެވެ. އެހެންނަމަވެސް މުޅި ބައިތު ކިޔާލުމުން އެ ވިދާޅުވަނީ، ޞަދުރުގައި އެ ބުނި މައްސަލަ ގެނެއީ، އެ މައްސަލަ ޙައްލުކުރަންވީ މީހާކަމޭ ކަން ސާފުވެއެވެ. މިސާލަކަށް:
ދިވެހި ދިދަ ވައްޓައި ހިރަފުހާ މޮޑެލަނީވެސް އަހަރެމެން
ދިވެހި ދިދަ އުފުލައި ހަދާންވީ ޙުރުމަތާއެކު އަހަރެމެން
މިބައިތު، ދެގޮތަކަށް މާނަކުރާނޭ ޖާގަ ޅެންވެރިޔާ ދެއްވައެވެ. އެއްގޮތަކީ މިއެވެ. ދިވެހި ދިދަ ވައްޓައި، އެ ދިދަ ހިރަފުހާ މޮޑެލަނީ ޚުދު ދިވެހި ދިދަ ޙުރުމަތްތެރިކަމާއެކު އުފުލުމުގެ ޒިންމާ ކޮނޑުގައި އެޅިފައި ތިބި އަހަރެމެންނެވެ.
ދެވަނަ ގޮތަކީ މިއީއެވެ. "ދިވެހި ދިދަ ވައްޓައި، އެ ދިދަ ހިރަފުހާ މޮޑެލަނީވެސް އަހަރެމެންނެވެ. އަދި މުސްތަޤުބަލުގައި ޙުރުމަތްތެރިކަމާއެކު އެ ދިދަ އުފުލައި ހަދާންވީވެސް އަހަރެމެންނެވެ."
ޒަމާނުގެ ތަފާތެކެވެ. ޙާލަތުގެ ތަފާތެކެވެ. އެހެންނަމަވެސް ދެ ގޮތަކަށް މާނަކުރެވޭނޭ ޖާގަ އޮތުމުން، ޅެމަށް އިތުރު ބާރެއް ލިބޭކަމަށް ބަލައިގަންނަމެވެ.
މި ފެށީ 2023 ވަނަ އަހަރުގެ ޖޫން މަހެވެ. ޖޫން ޖުލައިގެ ވިއްސާރަޔާއެކު ސިޔާސީ ކަނޑުގެ ބާނިތައް ބޮޑުވެ، އޮޑިތަކަށް ނުރައްކާވާން ފަށައިފިއެވެ. އަމާން ބަނދަރެއް ހިފުން އެއީ ދަތި އުނދަގޫ ކަމަކަށް ވާހެން އެބަ ހީވެއެވެ. އެހެނަސް ދޮށަނަކަތު ރޯއްޖަށް އެދިގެން އަތްއުރާލައިގެން ތިބެވޭކަށެއް ނެތެވެ. އަހަރެމެން ކޮންމެ މީހެއްގެ ޒިންމާ އަހަރެމެން އަދާކޮށްފިނަމަ، ސަރާސަރު މަގެއް ފެނިދާނެ ނޫންހެއްޔެވެ؟








