ކުޅިވަރު ގާނޫނުގެ ތެރެއިން ކުޅިވަރު ޖަމިއްޔާތަކުގެ ކަންކަން ބެލެހެއްޓުުމުގެ ޒިންމާއާ އެންމެ ފަހުން ހަވާލުވެ ހުންނެވި، ހީނާ އަހުމަދު ސަލީމް (ބޮޑު ހީނާ)ގެ ދައުރު ހަމަވެއްޖެ އެވެ.
ސްޕޯޓްސް ކޮމިޝަނަރުގެ މަގާމަކީ 2015 ވަނަ އަހަރު ރައީސް ޔާމީންގެ ސަރުކާރުން ތަސްދީގް ކުރެއްވި ކުޅިވަރު ގާނޫނުގެ ދަށުން އުފައްދާފައިވާ މަގާމެކެވެ. ކުޅިވަރު ގާނޫނު ބުނާ ގޮތުން ހުރިހާ ކުޅިވަރު އެސޯސިއޭޝަންތަކާއި، ކުޅިވަރު ކުލަބްތައް ސްޕޯޓްސް ކޮމިޝަންގެ ބެލުމުގެ ދަށަށް ގެނެސް އެ އޮފީހުން ބަލަހައްޓަން ޖެހޭއިރު، އެ ޒިންމާ ބޮލުގައި އެޅުއްވިފައިވާ އިސް ފަރާތަަކީ ކޮމިޝަނާ އޮފް ސްޕޯޓްސް އެވެ.
ސްޕޯޓްސް ކޮމިޝަނަރުގެ އެ ޒިންމާ ބޮޑު މަގާމަށް ހީނާ އަހުމަދު ސަލީމް އައްޔަނުކުރެއްވީ 22 މެއި 2019 ވަނަ އަހަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ. އެއީ، އޭރު ސްޕޯޓްސް ކޮމިޝަނަރަކަށް ހުންނެވި އަލީ އުމަރު ވަކިކުރުމަށް ފަހު އެވެ. ކުރީގެ މަޝްހޫރު ފުޓްބޯޅަ ތަރި، އަލީ އުމަރަކީ ރައީސް ޔާމީންގެ ސަރުކާރުގައި އެންމެ ފުރަތަމަ ސްޕޯޓްސް ކޮމިޝަނަރަކަށް ހުންނެވި އަހުމަދު ނަޝީދު (ޑޭވް) މަގާމުން ވަކިވުމުން ހަމަޖެއްސި ފަރާތެކެވެ.
ކުޅިވަރު ގާނޫނުގައިވާ ގޮތުން ކޮމިޝަނާ އޮފް ސްޕޯޓްސްގެ ހަތަރު އަހަރުގެ ދައުރު، ހީނާ އަހުމަދު ސަލީމް ހުންނެވިތަނަށް ހަމަވެފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހަށެވެ. އެހެންވެ، މި ވަގުތު ސްޕޯޓްސް ކޮޮމިޝަނަރެއްގެ ޒިންމާއާ ހަވާލުވެވަޑައިގެން ހުންނެވީ ސްޕޯޓްސް ކައުންސިލުގެ ނައިބު ރައީސާ އަލްއުސްތާޒާ އައިޝަތު ސަމާ އެވެ.
ހީނާ އަހުމަދު ސަލީމް، ސްޕޯޓްސް ކޮމިޝަނަރަކަށް ހުންނެވިއިރު، ކުރެއްވި އެންމެ ބޮޑު އެއް މަސައްކަތަކީ، ރާއްޖޭގެ ވޮލީބޯލް އެސޯސިއޭޝަން (ވީއޭއެމް)ގެ ހިންގުން ނޯމަލައިޒިން ކޮމިޓީއަކާ ހަވާލުކޮށް، އެ އެސޯސިއޭޝަން އާ އިންތިހާބަކާ ހަަމައަށްގެންދިއުމެވެ. ވޮލީބޯލް އެސޯސިއޭޝަންގައި އޮތް ހިންގާ ކޮމިޓީއެއް އުވާލައި، އަލުން ކަންކަން މުރާޖާކޮށް ނޯމަލައިޒް ކޮމިޓީ އަކާ ހަވާލުކޮށްގެން ކަންކަން ހިނގައިދިޔަ ގޮތަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވިއިރު، ސްޕޯޓްސް ކޮމިޝަނަރަށް ގާނޫނުން ލިބޭ ބާރުތައް މާނަކުރާނެ ގޮތަކާ މެދު ގިނަ ބަޔެއްގެ މެދުގައި ހިޔާލުތަފާތުވުންތައް އުފެދިގެން ދިޔަ އެެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި 2018 ވަނަ އަހަރު، ކުޅިވަރުގެ ދާއިރާއިން ކުޅިވަރު ކުޅުމާއި ކުޅިވަރު ހިންގުމާއި މީހުން ތަމްރީންކުރުމުގެ ރޮނގުން ޝަރަފްވެރިކަމުގެ ގައުމީ އިނާމް ލިބިވަޑައިގެންނެވި ހީނާ ސަލީމަކީ ކުޅިވަރު ކުޅުންތެރިއެއްގެ ގޮތުގައި، ރެފްރީއެއްގެ ގޮތުގައި، ކޯޗެއްގެ ގޮތުގައި އަދި ހިންގުންތެރިއެއްގެ ގޮތުގައި އަގުހުރި އެތައް ހިދުމަތްތަކެއްކުރައްވާފައިވާ ބޭފުޅެކެވެ.







