ރިޕޯޓުދުސްތޫރީ އޮޅުމެއް އުފަންކުރަން ހޯދި، ގާނޫނާއި ތާރީހުގެ ދެލިގަނޑާ ހިލާފު ހުއްޖަތު!

ދުސްތޫރީ އޮޅުމެއް އުފަންކުރަން ހޯދި، ގާނޫނާއި ތާރީހުގެ ދެލިގަނޑާ ހިލާފު ހުއްޖަތު!

ގާނޫނު އަސާސީގައި ބަޔާން ކުރާ މާއްދާގެ ޖުމުލައިންނާއި، އިތުބާރު ނެތް މައްސަލަތަކުގައި ޖަވާބުދާރީވި ގޮތުގެ ތާރީހުގެ ދެލިގަނޑުން ހޯދުނު ވަރަށް ހަނި ބާގަނޑުގެ ބޭނުން ކުރަން ވެސް ކުރިމަތީގައި އޮތީ މެޖޯރިޓީގެ ހުރަހެވެ. މެޖޯރިޓީ އޮތް އެމްޑީޕީން އެ ފުރުސަތު ނުދޭނެ ކަމަށް ބެލެވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ނަޝީދު ބަލަހައްޓަވަނީ. އެމަނިކުފާނު ގާނޫނާ ހިލާފަށް މަޖިލިސް ކުރިއަށް ގެންދަވާ ކަމަށް ބައެއް މެމްބަރުން ތުހުމަތު ކުރައްވާ --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ނަޝީދު ބަލަހައްޓަވަނީ. އެމަނިކުފާނު ގާނޫނާ ހިލާފަށް މަޖިލިސް ކުރިއަށް ގެންދަވާ ކަމަށް ބައެއް މެމްބަރުން ތުހުމަތު ކުރައްވާ --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މަޖިލިހުގެ މައިނޯރިޓީ ޕާޓީތައް ގުޅިގެން ވައްދާފައިވާ، ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތް މައްސަލާގައި ބަންޑާރަނައިބު ޖަވާބުދާރީވީ ލިޔުމުންނެވެ. މަޖިލިހަށް ހާޒިރެއް ނުވެ އެވެ. ގާނޫނު އަސާސީގެ 101 ވަނަ މާއްދާގެ (ށ) އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 207 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ގޮތުން، ވަޒީރެއްގެ އިތުބާރުނެތްކަމުގެ ބަހުސްގައި އަނގަބަހުންނާއި ލިޔުމުން ދިފާއު ހުށަހެޅުމަކީ އެ ވަޒީރަށް ލިބިދީފައި އޮންނަ ހައްގެކެވެ. އެކަމަކު އާންމު ކޮމިޓީން އުސޫލު ފާސްކޮށްފައި އޮތީ ހާޒިރުވެ ޖަވާބުދާރީވުމުގައި އަމަލުކުރާނެ ގޮތް އެކަންޏެވެ.

ބަންޑާރަނައިބު ހާޒިރުވެފައި ނުވާތީ، ނިޒާމީ ނުކުތާއެއް ނަންގަވައި އެކަން ފުރަތަމަ ފާހަގަކުރެއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު އެވެ. އާންމު ކޮމިޓީގައި އިންނަވާ ހަސަން ލަތީފުގެ ނިޒާމީ ނުކުތާ ރިޔާސަތުން ބަލައިގަތެވެ. އިތުރު ނިޒާމީ ނުކުތާތަކުގެ ތެރެއިން ގާނޫނީ ބަހުސަކަށް މިސްރާބު ޖެހި އެވެ. ބަހުސް ބޮޑުވެ، ޕާޓީތަކުގެ މަޝްވަރާއަށް ޖަލްސާ މެދު ކަނޑާލި އެވެ. އެކަމަކު ވެސް ހައްލެއް ހޯދޭ ގޮތެއް ނުވި އެވެ.

މަޖިލީހުގައި ހިމެނޭ ސިޔާސީ ޕާޓީތަކަށް މި ކަމުގައި އެއްބަސްނުވެވުމުން، ރިޔާސަތުގައި އިންނެވި މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އެ ކަމުން އުފަންކުރުވީ މުޅިން އާ ދުސްތޫރީ މައްސަލައެކެވެ. އެމަނިކުފާނު އެދިވަޑައިގަތީ ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ވެސް ހޯދުމަށް މަޖިލިހުން ނިންމުމަށެވެ.

"ގާނޫނު އަސާސީގައި ވަޒީރުންނަށް ލިބިދީފައިވާ ހައްގަކީ، ޕީޕީއެމް/ޕީއެންސީ އަދި އެމްއެންޕީ ބުނާ ގޮތުގައި، ކިތާބީ ހެއްކާ އެކުގައި މި ތަނުގައި ޖަވާބުދާރީވެވަޑައިގަތުމޭ، މި ތަނުގައި ޖަވާބުދާރީވެވަޑައިނުގަންނަވާ މިކަން ކުރިއަށްގެންދާ ގޮތަކަށް ގާނޫނު އަސާސީގައި ބަޔާންކުރާ ކަމަކަށް އެ ބޭފުޅުން ގަބޫލުފުޅެއް ނުކުރައްވާ، މި ބާވަތުގެ ކަންކަމުގައި އަޅުގަނޑުމެން ޖެހޭނީ އިސްތިޝާރީ ލަފައެއް ހޯދަން،" ނަޝީދު ވިދާޅުވި އެވެ.

މަޖިލިހުގެ މެޖޯރިޓީ ސާފުކޮށް ރިފްއަތާ އެކު އޮތްކަން އެނގޭއިރު، ވާދަވެރި ޕާޓީތަކުގެ އެންމެ ބޮޑު ބޭނުމަކަށް ވާނީ ރިފްއަތު ވަކިކުރުމަށް ވުރެ ބޮޑަށް އޭނާ ހޫނު ގޮނޑިއަކަށް ލުމެވެ. އެކަމަކު މަޖިލިހަށް ހާޒިރުނުވުމުން، ހާޒިރުކުރުވާނެ ގޮތެއް ހޯދަން ބޭނުންވީ ކަމުގައި ވަރަށް ބޮޑަށް ބެލެވެ އެވެ.

ސަރުކާރާ އިދިކޮޅު ސިޔާސީ ވެރިންގެ މި މަގުސަދުގައި އުފަންކުރި އާ ދުސްތޫރީ މައްސަލައަކީ އެއްވެސް ޒާތެއްގެ ގާނޫނީ ހަމައެއް އޮތް ބަހުސެއް ހެއްޔެވެ؟

ގާނޫނު އަސާސީ އޮތް ގޮތާއި އުފަންކުރުވި ބާގަނޑު

ވަޒީރުންގެ އިތުބާރު ނެތް މައްސަލަތައް ގެންދާނެ ގޮތުގެ އިޖުރާއަތް ބަޔާންކޮށްފައި ވަނީ ސީދާ ގާނޫނު އަސާސީގަ އެވެ. ރައްޔިތުންގެ މަޖިލިހުގެ ގަވައިދުގައި ވެސް އޮންނަނީ ގާނޫނު އަސާސީގައި އޮންނަ އިޖުރާއަތްތައް އޮތް ގޮތަށް ނަކަލުކޮށްފަ އެވެ.

ގާނޫނު އަސާސީގެ 101 ވަނަ މާއްދާ އަދި ރައްޔިތުންގެ މަޖިލިހުގެ ގަވައިދުގެ 207 ވަނަ މާއްދާގައި ބަޔާންކުރަނީ އިތުބާރު ނެތް ކަމަށް ހުށަހަޅާ މައްސަލައިގެ "ބަހުސްގައި އަނގަބަހުންނާއި ލިއުމުން، އޭނާގެ ދިފާއުގައި މަސައްކަތް ކުރުމުގެ ހައްގު ލިބިގެންވާ ކަމަށެވެ."

ގާނޫނީ ބަހުސް އުފަން ކުރުމުގައި، ގާނޫނުގެ ބާގަނޑުގެ ގޮތުގައި ވެގެން ދިޔައީ "އަނގަބަހުންނާއި ލިއުމުން" ކަމަށް ލިޔެފައި އޮތް ދެ ލަފުޒަށެވެ. ދެ ލަފުޒުގެ މެދަށް "ނުވަތަ"، "ނޫނީ" ފަދަ ލަފުޒެއް ނެތުމުން އެއިން ވަކި އެއް ގޮތަކަށް ޖަވާބުދާރީވުމުގެ އިހުތިޔާރު ވަޒީރަށް ނެތް ކަމަށް، މައިނޯރިޓީ ޕާޓީތަކުން ބުންޏެވެ.

އެމްއެންޕީގެ ނައިބު ރައީސް އަހުމަދު އުޝާމް ވިދާޅުވީ ޖަވާބުދާރީވުމަކީ ވަޒީރަށް ލިބިދޭ ހައްގެއް ކަމަށާއި ހައްގު ދޫކޮށްލުމުގެ އިހުތިޔާރު ވެސް އޮންނާނެ ކަމަށެވެ. ނަމަވެސް އޭނާގެ ނުކުތާއަކީ، ގާނޫނު އަސާސީގައި އެ ޖުމުލަ އޮތް ގޮތުން ޖަވާބުދާރީވުމުގައި ބޭނުންވާހާ ވަކި ގޮތެއްގެ އިހުތިޔާރެއް ނުލިބެ އެވެ.

"ތިމަންނަ ބޭނުން ގޮތަކަށޭ ޖަވާބުދާރީވާނީ، އެ ހައްގެއް ނެތޭ، ޖަވާބުދާރީވާނަމަ މި ތަނަށް އައިސް ލިޔުމުންނާއި އަނގަބަހުންނޭ ދޭން ޖެހޭނީ، ބޭނުން ނުވާނަމަ މި ތަނަށް ސިޓީއެއް ފޮނުވާފައި ތިމަންނަ ބޭނުމެއް ނެތޭ ބަޔާންކުރަންވީ،" ބަންޑާރަ ނައިބުގެ އޮފީހުގައި ޑެޕިއުޓީކަން ކުރެއްވި އުޝާމް ވިދާޅުވި އެވެ.

ވިލިމާލެ ދާއިރާ ތަމްސީލްކުރައްވާ މެންބަރު އުޝާމް ވެސް ގަބޫލުކުރައްވަނީ މި ކަމުގައި ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައެއް ހޯދުމެވެ. އޭރަށް އުފެދިފައިވާ ސުވާލަށް ސާފު ޖަވާބެއް ލިބޭނެ ކަމަށް އޭނާ ދެކެ އެވެ.

ގާނޫނީ ވަކީލުންގެ ތެރޭގައި ވެސް މި ކަމުގައި ހިޔާލުތައް ހުރީ ދެކަފިކޮށެވެ. ގާނޫނު އަސާސީގައި ޖުމުލަ އޮތް ގޮތުން އޮޅުންތަކެއް ހުރި ކަމަށް ބައެއް ވަކީލުން ގަބޫލުކުރެ އެވެ. އެހެންވިޔަކަސް ހައްގަކީ ލިބިދޭ އިހުތިޔާރަކަށް ވާނެތީ، ލިޔުމުން އެކަނި ވެސް ޖަވާބުދެވިދާނެ ކަމަށް ގަބޫލުކުރާ ވަކީލުން ވެސް އެބަ ތިއްބެވެ.

"ލިބިދޭ ހައްގެކޭ އޮންނަނީ، ވަޒީރާ ސުވާލުކުރަން ބޭނުންވަންޏާ ސުވާލުކުރަން ހާޒިރުކުރެވޭނެތާ، ބެސްޓް ޕްރެކްޓިސްއަކަށް ވެސް ވާނީ ފުރަތަމަ ސުވާލުކުރަން ހާޒިރުކުރުން، އެއިން ދެން ޖަވާބު ހޯދާފައި، ގޯހެއް އުޅެންޏާ އިތުބާރުގެ މައްސަލައަށް ދިޔުން،" ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ގަބޫލުކުރައްވާ ގޮތުގައި މި ހާލަތުގައި ލިޔުމުން ޖަވާބުދާރީވުމަށް ވެސް އަދި ހާޒިރުވެގެން ޖަވާބުދާރީވުމަށް ވެސް އަދި ޖަވާބުދާރީނުވެ ދޫކޮށްލުމުގެ އިހުތިޔާރު ވެސް ވަޒީރަށް ލިބިދެ އެވެ.

ޖަވާބުދާރީވުމުގެ ތާރީހާއި، އެއިން ހޯދި ހަނި ޖާގަ

މަޖިލިހުގެ ތާރީހަށް ބަލާއިރު އިތުބާރު ނެތުމުގެ ކިތަންމެ މައްސަލައެއް ހިނގާފައި އޮތަސް، ޖަވާބުދާރީވުމުގެ ހައްގު ދިނުމާ ގުޅޭ ގޮތުން ގިނަ ސުވާލުތަކެއް އުފެއްދީ މަދު ފަހަރަކުގަ އެވެ. އެއިން ވެސް ފާހަގަކޮށްލެވޭ ފަހަރަކީ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރުގެ އިތުބާރުގެ މައްސަލަ އެވެ.

މަޖިލީހަށް ހާޒިރުވެ އަނގަބަހުންނާއި ލިޔުމުން ޖަވާބުދާރީވުމަށް ދިން ނޯޓިސްގެ ޖަވާބުގައި އާޒިމާ ފުރަތަމަ އެންގެވީ އާލާސްކަންފުޅާ އުޅުއްވާ ކަމަށެވެ. ދެވަނަ ފަހަރު ފޮނުވި ނޯޓިސްއަށް ޖަވާބެއް ނާރުވަ އެވެ. އެހެންވެ މަޖިލިހުގެ ރިޔާސަތުން އާޒިމާގެ ޖަވާބެއް ނެތި މައްސަލަ ގެންދަން ނިންމާފައި ވެ އެވެ.

އޭރު މަޖިލީހުގައި ތިއްބެވި ސަރުކާރުގެ މެންބަރުން ވަނީ ނިޒާމީ ނުކުތާ ނަންގަވައިފަ އެވެ. ވިލިފުށި ދާއިރާގެ އޭރުގެ މެންބަރު ރިޔާޒު ރަޝީދާއި، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްތަލިބު ނެންގެވި ނުކުތާއަކީ ޖަވާބުދާރީވުމުގެ ފުރުސަތު ނުދީ ގެންދިޔުން ވާނީ ގާނޫނު އަސާސީއާ ހިލާފު ކަމެއްގެ ގޮތުގަ އެވެ.

"ބަލިވެއްޖެ ހާލަތުގައި ކަން ކުރާނެ ގޮތެއް ގާނޫނު އަސާސީ އަދި މަޖިލިހުގެ ގަވައިދުގައި ވެސް ނެތް، އެފަދަ ހާލަތެއްގައި އެ މީހަކަށް ހާޒިރުނުވެވޭ ވަގުތެއްގައި އޭނައަށް ފުރުސަތު ނުދިނުން ވާނީ އިންސާނީ ކަރާމާތަށް [ވެސް] އަރައިގަތުން،" 2013 ވަނަ އަހަރު ބޭއްވި ޖަލްސާގައި މުއްތަލިބު ވިދާޅުވެފައިވެ އެވެ.

އެ ޖަލްސާގެ ޔައުމިއްޔާއަށް ބަލާއިރު ފާހަގަކޮށްލެވޭ އަނެއް ކަމަކީ އާޒިމާ ޖަވާބު ފޮނުވާފައި ނެތުމުން ރިޔާސަތުން ބުނެފައިވާ ޖުމުލައެކެވެ. ރިޔާސަތުން އެ ދުވަހު ވަނީ ޖަވާބުދާރީވުމަށް ޖަލްސާއަށް ހާޒިރުވުމަށް "ނުވަތަ" ލިޔުމުން ޖަވާބުދާރީވުމަށް ވެސް ފުރުސަތު އެރުވިފައިވާ ކަމަށް ބުނެފަ އެވެ.

"ގާނޫނު އަސާސީއާއި ރައްޔިތުންގެ މަޖިލިހުގެ ގަވައިދުގެ ތެރެއިން އެކަމަނާއަށް އަނގަބަހުންނާއި ލިޔުމުން ޖަވާބުދާރީވެވަޑައިގަތުމުގެ ފުރުސަތު އޮތް ކަމަށް ދަންނަވައި، މިއަދުގެ ޖަލްސާއަށް ވަޑައިގަތުމަށް ނުވަތަ ލިޔުމުން އެކަމަނާއަށް އޮތް ޖަވާބުދާރީވެވަޑައިގަތުމަށް ފުރުސަތު އެރުވިފައި ވަނީ،" ބުނެފައިވެ އެވެ.

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދުގެ އިތުބާރު ނެތް ކަމަށް 2015 ވަނަ އަހަރު ހުށަހެޅުނު މައްސަލާގައި ޖަމީލު ޖަވާބުދާރީވެފައިވަނީ އޭނާގެ ފަރާތުން އޭނާ ތަމްސީލްކުރާނެ ވަކީލަކު ލިޔުމުން ފޮނުވި ޖަވާބެކެވެ. ޖަމީލުގެ ނަމުގައި އޭނާ ސޮއިކުރައްވާފައިވާ ލިޔުމެއް ނޫން ކަމަށް ބަލައެއް ނުގަތެވެ.

އެ ދުވަހު ރިޔާސަތުން ބުނެފައި އޮތް ވާހަކައަކީ ޖަވާބުދާރީވުމަށް ދެ ގޮތެއް އޮންނަ ކަމަށާއި އެއީ ލިޔުމުންނާއި އަނގަބަހުން ކަމަށެވެ. ނަމަވެސް ޖަމީލު ހާޒިރުނުވުމުންނާއި، ސީދާ އޭނާގެ ނަން މަތީ ލިޔުމެއް އައިސްފައި ނެތުމުން ޖަވާބުދާރީވެފައި ނުވާ ކަމަށް ރިޔާސަތުން ކަނޑައެޅި އެވެ.

ވަޒީރަކު ޖަވާބުދާރީވުމުގެ ހައްގު ބޭނުން ކުރަން ނިންމައި، ހައްގު ބޭނުންކުރުމުގައި ބަޔާންކުރާ ދެ ގޮތުގެ ތެރެއިން ހަމައެކަނި ލިޔުމުން ޖަވާބުދާރީވުމަށް އިހުތިޔާރުކޮށްގެން ޖަވާބުދާރީވި އެހެން ފަހަރެއް ފެންނާކަށް ނެތެވެ. އެހެންކަމުން ވެސް މިއީ މައިނޯރިޓީ ޕާޓީތަކަށް މައްސަލަ އުފަން ކުރަން ދެމިގަނެވުނު ސަބަބެކެވެ.

އުކުޅުތައް މޮޅަކަސް ދެން ވެސް އޮތީ މެޖޯރިޓީގެ ހުރަސް

މަޖިލީހުގެ އިއްޔެ ޖަލްސާ ފަށަމުން ވެސް ނަޝީދު ވަނީ އާންމު ކޮމިޓީން ފާސްކުރި އުސޫލުގައި ލިޔުމުން ޖަވާބުދާރީވެއްޖެނަމަ އަމަލުކުރާނެ ވަކި ގޮތެއް ބަޔާންނުކުރާތީ އިދާރީ މައްސަލައެއް ނުކުމެދާނެ ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް އޭގެ ފަހުން ނަޝީދު ވަނީ މައްސަލަ ކުރިއަށް ގެންގޮސްފަ އެވެ. އެ ގޮތުން މައްސަލަ ހުށަހަޅުއްވާފައިވާ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފަށް އޭނާ ހުށަހަޅުއްވާ މައްސަލައިގެ ގަރާރު މަޖިލިހަށް އިއްވުމަށް ފުރުސަތު ދެއްވި އެވެ.

އެއަށް ފަހުގައި ބަންޑާރަ ނައިބު ލިޔުމުން ފޮނުވާފައިވާ ޖަވާބު މަޖިލިހުގެ މެންބަރުންނަށް އިއްވައިދެއްވުމަށް މަޖިލިހުގެ އަމީންއާންމަށް އެންގެވި އެވެ. ހަސަން ލަތީފު ނިޒާމީ ނުކުތާއެއް ނެންގެވީ ދެނެވެ. އޭގައި ވެސް ފާހަގަ ކުރެއްވި މައްސަލައަކީ އާންމު ކޮމިޓީން ފާސްކުރި އުސޫލުގައި އެ ކަމަށް ބެލެވިފައި ނެތް ކަމަށެވެ.

ދެން ނަޝީދު މަސައްކަތް ކުރެއްވީ ބަންޑާރަ ނައިބަށް "އަނގަބަހުން" ވެސް ޖަވާބުދާރީވުމުގެ ހައްގު ލިބިދޭ ކަމަށް ގާނޫނު އަސާސީގައި ބަޔާންކުރާތީ އެ ހައްގު ބޭނުންވާކަން ނުވަތަ ނޫންކަން ވަޒީރު އަރިހުން މަޖިލިހުން ސާފުކުރަން ޖެހޭ ކަމަށް ވިސްނަވައިދެއްވުމަށެވެ.

"އާންމު ކޮމިޓީން ރިއާޔަތްނުކޮށް އޮތީ ވަޒީރު މި ތަނަށް ވަޑައިނުގަނެވިދާނެ ކަމަށް، ބަންޑާރަ ނައިބުގެ މައްޗަށް ކުރެވޭ ތުހުމަތަށް ރައްދު ދެއްވުން ފުރިހަމައަށް ދެއްވުމުގެ ފުރުސަތުތައް ބަންޑާރަ ނައިބަށް ދެއްވުމަށް މަޖިލީހުގެ ހުރިހާ މެންބަރުން ވެސް މަސައްކަތް ކުރައްވަން ޖެހޭ،" ނަޝީދު ވިދާޅުވި އެވެ.

ދެން ސަރުކާރަށް ތާއީދުކުރައްވާ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ނިޒާމީ ނުކުތާއެއްގެ ގޮތުގައި ހުށަހެޅުއްވީ ސިޔާސީ ޕާޓީތަކުގެ ލީޑަރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށް ފަހު އެ ކަމުގައި ވަކި ގޮތެއް ހޯއްދަވާފައި ވީހާވެސް އަވަހަކަށް މައްސަލަ ކުރިއަށް ގެންދިޔުމަށެވެ.

ރައީސް ސޯލިހު، އަދި ރައީސް ނަޝީދު: ކުރީގެ ދެ އެކުވެރިންނަކީ މިހާރު ސިޔާސީ އެންމެ ބޮޑު ދެ ވާދަވެރިން - ފޮޓޯ: ރައީސް އޮފީސް
ރައީސް ސޯލިހު، އަދި ރައީސް ނަޝީދު: ކުރީގެ ދެ އެކުވެރިންނަކީ މިހާރު ސިޔާސީ އެންމެ ބޮޑު ދެ ވާދަވެރިން - ފޮޓޯ: ރައީސް އޮފީސް

ރައީސް ސޯލިހު، އަދި ރައީސް ނަޝީދު: ކުރީގެ ދެ އެކުވެރިންނަކީ މިހާރު ސިޔާސީ އެންމެ ބޮޑު ދެ ވާދަވެރިން - ފޮޓޯ: ރައީސް އޮފީސް

އިތުބާރުގެ މައްސަލަތަކުގައި ވަޒީރަށް ޖަވާބުދާރީވުމުގެ ހައްގު ދޭންޖެހޭ ކަމަށް އޮތް ގާނޫނު އަސާސީގެ މާއްދާ މާނަކުރުމުގައި އޮޅުންތަކެއް އުފެއްދީ އެ މަޝްވަރާގެ ތެރެއިންނެވެ. ބެލެވޭ ގޮތުގައި ކޮމިޓީގެ އުސޫލުން ނެރެން މަސައްކަތް ކުރި ބާގަނޑު، ގާނޫނު އަސާސީގެ މާއްދާގައިވާ ޖުމުލައިގައި މާ ބޮޑަށް އޮތް ކަން ދޭހަވީ އެވެ.

"މައިނޯރިޓީއާއެކު ނަޝީދު ބައިވެރިވި ހިސާބުން އެބަ ފެނޭ، ގާނޫނީ ބާގަނޑުތައް ހޯދައިގެން ވެސް އެ ހާސިލުކުރަން އުޅޭ ކަމެއް ހާސިލުކުރަން އުޅޭ ތަން، މެޖޯރިޓީގެ ކުރިމަތީގައި މައިނޯރިޓީއަށް ކިރިޔާ ލިބިދޭން އޮތް ކުރިއެރުމެއް ހޯދޭނެ ގޮތްތައް ބަލާފައި އެބަކުރޭ،" ސިޔާސީ މަސްރަހުގެ އެނަލިސްޓަކު ބުންޏެވެ.

ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައަކަށް މަޖިލިހުން އެދެވެން އަންނަނީ ރައްޔިތުންގެ މަޖިލީހުގައި ނަގާ ވޯޓަކުން، ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރާ ގަރާރަކުންނެވެ.

titledesc

ގާނޫނު އަސާސީގައި ބަޔާން ކުރާ މާއްދާގެ ޖުމުލައިންނާއި، އިތުބާރު ނެތް މައްސަލަތަކުގައި ޖަވާބުދާރީވި ގޮތުގެ ތާރީހުގެ ދެލިގަނޑުން ހޯދުނު ވަރަށް ހަނި ބާގަނޑުގެ ބޭނުން ކުރަން ވެސް ކުރިމަތީގައި އޮތީ މެޖޯރިޓީގެ ހުރަހެވެ. މެޖޯރިޓީ އޮތް އެމްޑީޕީން އެ ފުރުސަތު ނުދޭނެ އެވެ.

އަންނަ ހަފުތާ ހޯމަ ދުވަހު މަޖިލީހުގެ ޖަލްސާތައް އަނެއްކާ ވެސް ފަށާއިރު، މައިނޯރިޓީ ޕާޓީތަކާއެކު އެ ޕާޓީތަކަށް އެއްބާރުލުން ދިނުމުގައި އިސްކޮށް ހުންނެވި ނަޝީދު ގެންދަވާނީ ދެން އެ ފަޅިއަށް "ޕޮއިންޓް" އިތުރުވާނީ ކޮން ގޮތަކަށް މަސައްކަތް ބައްޓަން ކޮށްގެންތޯ ބަލަމުން ކަން ޔަގީނެވެ. މިކަހަލަ ހައްލު ހޯދަން ނުޖެހޭ ކިތަންމެ ގާނޫނީ ނުކުތާއެއް ކުރިއަށް އޮތްތަނުގައިވެސް ދައްކަވާނެ އެވެ.

މުހައްމަދު އުޝާމް

ޖާނަލިސްޓް

މުހައްމަދު އުޝާމް އަކީ ސިޔާސީ އަދި ޝަރުއީ ދާއިރާ ފުޅާ ދާއިރާއެއްގައި ކަވަރުކުރާ ނޫސްވެރިއެކެވެ. މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ އެވޯޑުގައި ސިޔާސީ ދާއިރާގެ އިނާމަށް ދެ ފަހަރު ނޯމިނޭޓުވެފައިވެ އެވެ. ވީ މީޑިއާގެ އިންޓާންޝިޕަކުން ނޫސްވެރިކަމުގެ ކެރިއާ ފެށި އުޝާމް މީގެ ކުރިން ވަނީ "އަވަސް" އަދި "ވަގުތު" ނޫހުގައި ވެސް މަސައްކަތް ކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox