"ރައްޔިތުން ވަކި ޓިކެޓެއްގައި މީހާ އިންތިހާބުކުރީމާ، ދެން އެމީހާ ރައްޔިތުންނަށް ގޮން ޖަހައި، އެހެން ސިޔާސީ ފިކުރަކަށް ބަދަލުކުރުމަކީ، އެއީކީ އިންސާފުވެރި ގޮތް ކަމުގައި އެކަކު ވެސް ނުދެކޭނެ،"
މިއީ އެހެން ބޭފުޅަކު ދެއްކެވި ވާހަކަފުޅެއް ނޫނެވެ. އެމްޑީޕީގެ "އެޖެންޑާ-19" މެނިފެސްޓޯ އާއެކު ނުކުންނަވައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބުކުރެއްވުމަށް ފަހުު އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު 2019 ވަނަ އަހަރު ވިދާޅުވި ވާހަކަފުޅެކެވެ. ޕީއެސްއެމްއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އެމަނިކުފާނު އޭރު ވިދާޅުވީ އެގޮތަށް ޕާޓީ ބަދަލުކޮށްފި ނަމަ އިންތިހާބީ މަގާމު ގެއްލޭ ގޮތަށް ގާނޫނެއް ހަދަން ޖެހޭ ކަމަށެވެ.
އެފަދަ ގާނޫނެއް 18 ވަނަ ރައްޔިތުންގެ މަޖިލީހުން ހެދި އެވެ. އެހެން ނަމަވެސް އެއީ ގާނޫނުއަސާސީއާ ތައާރުޒުވާ ގާނޫނަކަށްވާތީ މި މަޖިލީހުން އެ ގާނޫނު އުވާލަންޖެހުނީ އެވެ. ނަޝީދު ޕީއެސްއެމްއަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ ގާނޫނުއަސާސީ ބަދަލުކޮށްގެން ވެސް އެފަދަ ގާނޫނެއް ގެންނަން ޖެހޭ ކަމަށެވެ. އެމަނިކުފާނަށް އޭރު އެކަންވީ އެހާވެސް މުހިންމު ކަމަކަށެވެ.
ޕާޓީގެ މެންބަރަކަށްވީތީ އިންތިހާބުވި މަގާމެއްގައި ހުރެ ޕާޓީގެ ފިކުރު ދޫކޮށްލައިފިނަމަ އިންތިހާބީ މަގާމުވެސް ގެއްލެން ޖެހޭ ކަމަށް އޭރު ނަޝީދު ވަކާލާތު ކުރެއްވި އެވެ. އެއީ އަދި ސީދާ ރައްޔިތުންގެ ވޯޓަކުން ލިބޭ މަގާމުތަކާ ގުޅުވައި ވިދާޅުވި ވާހަކަފުޅެކެވެ. އެކަމަކު މިހާރު އެމަނިކުފާނު އެ ކުށްވެރިކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ މަގާމެއްގައި ހުންނަ މީހަކު، ރައީސްގެ ސިޔާސީ ފިކުރު ދޫކޮށްލުމުން ވަކިކުރާ ވަކިކުރުމާ އެވެ.
އެމީހުން ތިބި މަގާމަކީ ރައްޔިތުން ރިޔާސީ އިންތިހާބެއްގައި ވަކި ބޭފުޅަކަށް ދެއްވި ވޯޓެއްގެ ނަތީޖާ ކަމަށް ވިޔަސް، އެ ބޭފުޅަކާ ދެކޮޅު ވުމުން ވަކިކުރުން އެމަނިކުފާނު ސިފަކުރެއްވީ "ދިވެހިންނަށް ދެވޭ ގެއްލުމެއް" ކަމަށެވެ.

ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ މިދިޔަ ބުދަ ދުވަހު ލިބުމަށް ފަހު އިލެކްޝަންސް ކޮމިޝަންގެ ދޮރުމަތީގައި އެ ހަރަކާތުގެ އިސް ބައެއް ބޭފުޅުން މަޑުކޮށްލައިގެން. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ޕާޓީ ބަދަލުކޮށްލުމަށް ވުރެ ބޮޑު "ބޭވަފާތެރިކަމެއް"
ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެވަޑައިގެން އަދި ހުވައިކުރެއްވުމުގެ ކުރިން ދެއްވި އިންޓަވިއުގައި ނަޝީދު އެ ވިދާޅުވި، ހާލަތަށް ވުރެ ވެސް، އެމަނިކުފާނާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން މިހާރު އެ ހިންގަވާ ހަރަކާތުގެ "ބޭވަފާތެރިކަން" ހަގީގަތުގައި މާ ބޮޑެވެ.
މެމްބަރަކު އިންތިހާބުވާ ފިކުރުން އެހެން ފިކުރަކަށް ވަޑައިގަންނަވާ އިރު ގެންދަވަނީ ހަމަ އެކަނި އަމިއްލަ ނަފުސެވެ. އެކަމަކު މިދިޔަ ޖެނުއަރީ މަހު ބޭއްވި ރިޔާސީ ޕްރައިމަރީގެ ނާކާމިޔާބީ އާ އެކު ނަޝީދު ފެށްޓެވި "ފިކުރެއްގެ ދިރުމުން" އެމްޑީޕީގެ އެތައް ބަޔަކު ގެންދިޔަ އެވެ. "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ގާތްގަނޑަކަށް އުފައްދައި ނިންމާފައިވާ ޕާޓީ އަކީ އެގޮތުން ގެންދިޔަ މީހުންނެވެ. އޭގެ ތެރޭގައި އެޖެންޑާ-19 މެނިފެސްޓޯ އާ އެކު އެމްޑީޕީގެ ތިލަފަތް ވިއްކަވައިގެން މަޖިލީހަށް ހޮވި ވަޑައިގެންނެވި 12 މެމްބަރަކު ވެސް ހިމެނިވަޑައިގަންނަވަ އެވެ.
"ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ހުރަސްއަޅާ، ސަރުކާރަށް ހެއްދެވި ނެހެއްދެވިއަށް ގޮވަމުން ދިޔުމުން ފަސް އަހަރަށް ގެނައި އެމްޑީޕީ ސަރުކާރު ހިންގަން ދަތިވަމުންދޭ! އެހެންކަމުން ރައްޔިތުންގެ ހައްގުގައި އެފަދަ ފަރާތްތައް ބޭރުކުރުން ލާޒިމް،" ނަޝީދު އިސްކޮށް ހުންނަވައި އެމްޑީޕީއަށް ދެއްވި ކެހި ސިފަކުރަމުން ސޯޝަލް މީޑިއާގައި އެކަކު ބުންޏެވެ.
ދަ ޑިމޮކްރެޓްސް އުފައްދަން އިލެކްޝަންސް ކޮމިޝަނުން ދިން ހުއްދައާ އެކު އެ ހަރަކާތުގެ އިސް ބައިވެރިން އެންމެ ބާރަށް ގޮވައިލީ، އެ ހަރަކާތަށް ތާއީދުކުރާ މީހުން އެމްޑީޕީން ވަކިވުމަށެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު (އިދާރީ) އަދި ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހީމް ވަހީދު (މަދަނަ އިބުރޭ) ނަޝީދަށް ރައްދު ދެއްވީ އެކަމަށް އިޝާރާތްކުރައްވަމުންނެވެ.
"މަޖިލީޖުގަ ވާހަކަ ދައްކަން ޖެހެނީ އެމްޑީޕީގެ ވަގުތުގައި، ތިބެންޖެހެނީ އެމްޑީޕީ އަށް ސަރުކާރުން ދީފައިވާ ސިޔާސީ މަގާމުތަކުގައި. އެކަމު އެމްޑީޕީ އެއްނޫން،" އިބްރާހީމް ވަހީދު ވިދާޅުވި އެވެ.
ސިޔާސީ މަގާމާތުތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ދަ ޑިމޮކްރެޓްސް އަށް ސޮއިކުރައްވާ ބޭފުޅުން މަގާމުން ވަކިކުރެއްވުމާ ނަޝީދާއި އަރިސް ބޭފުޅުން ދެކޮޅު ހެއްދެވުމުން އަދި މާބޮޑު އެހެން ސުވާލެއްވެސް އެބަ އުފެދެ އެވެ. ދަ ޑިމޮކްރެޓްސް އުފައްދަވަން އިސްކޮށް މަސައްކަތް ކުރައްވާ ބޭފުޅުން އެ މަސައްކަތަށް ނުކުންނެވި އިރު ސަރުކާރު ސިފަކުރެއްވި ގޮތެވެ.
"މިޕާޓީއަކީ ބިރުދެއްކުމާ، ނޫސްވެރިކަމުގެ މިނިވަން ކަމަށް [ހުރަސްއެޅުމާއި ކޮރަޕްޝަނާ ފަސާދަޔާ ނަފުރަތާ އަދި އެތައް ޖީލަކަށް ދެމިގެންދާ ގޮތަށް ބައްޓަން ވެގެންވާ ވަރުގަދަ ނެޓްވޯކަކަށް ބަދަލުވެގެން ދިޔަ ތަން އަޅުގަނޑުމެންނަށް މި ފެނިގެން ދިޔައީ،" ނަޝީދު އިސްކޮށް ހުންނަވާ ފިކުރެއްގެ ދިރުމުން އާ ޕާޓީއެއްގެ މަސައްކަތް ފެށިކަން އިއުލާނު ކުރައްވަމުން، ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވި އެވެ.
މިހާރު އުފެދޭ ސުވާލަކީ އެފަދަ ނެޓްވޯކަކުން ހިންގާ ސަރުކާރެއްގައި ދަ ޑިމޮކްރެޓްސްގެ މެމްބަރުން ބައިތިއްބަން އެދެންވީ ކީއްވެތޯ އެވެ. ހަގީގަތުގައި އާ ޕާޓީއަށް ދާން ޖެހޭނީ އެ ނެޓްވޯކުން ސަލާމަތް ވެގެން ނޫންތޯ ވެސް ސުވާލު އުފެދެ އެވެ.












