މިއުނިކް (މެއި 27) - ޖަރުމަނު ލީގުގައި މިރޭ ބޮރޫޝިއާ ޑޯޓްމަންޑުން މައިންޒާ 2-2 އިން އެއްވަރުވެ، ހިތްދަތިގޮތަކަށް ލީގު ގެއްލިގެންދިޔައިރު، ޖަަމާލް މުސިއާލާ ފަހު ވަގުތު ވައްދާލި ގޯލުން 2-1 އިން ކޮލޯން ބަލިކޮށް ބަޔާން މިއުނިކުން ޖެހިޖެހިގެން 11 ވަނަ ފަހަރަށް ލީގުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ބަޔާނާއި ޑޯޓްމަންޑަށް ވަނީ ލީގު ނިމުނުއިރު، 34 މެޗުން 71 ޕޮއިންޓް ލިބިފަ އެވެ. ބަޔާނަށް ލަނޑުގެ ތަފާތުން ކުރި ލިބުނުއިރު، އެ ޓީމުގެ އޮތީ ފައިދާ 54 ގޯލެވެ. ޑޯޓްމަންޑްގެ ފައިދާ ގޯލުގެ ގޮތުގައި އޮތީ 34 ގޯލެވެ.
ޑޯޓްމަންޑުން 2012 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދަން މަސައްކަތްކޮށް އަތުން ހިތްދަތިގޮތަކަށް އެ ފުރުސަތު ބީވެގެންދިޔައިރު، ޑޯޓްމަންޑަކީ 2000 ވަނަ އަހަރުގެ ފަހުން، ޖަރުމަނު ލީގުގެ ސީޒަނެއްގައި ލީގުގެ ފަހު މެޗަށް އައިިއިރު، ލީގު ގެއްލުނު ފުރަތަމަ ފަހަރެވެ.
ލީގުގެ ނުވަ ވަނައިގައި ނިންމި މައިންޒުން މިރޭ ރަށުންބޭރުގައި ޑޯޓްމަންޑް ކޮޅަށް ލީޑުނެގީ 15 ވަނަ މިނިޓްގައި އަންޑްރެސް -ހަންޗް އޯލްސެން އޭރިއާތެރެއިން ޖެހި ގޯލުންނެވެ. އޭގެ ތިން މިނިޓް ފަހުން، ޑޯޓްމަންޑަށް އެއްވަރުކޮށްދޭން ސަބެސްޓިއަން އަލެއާ ފޮނުވާލި ޕެނަލްޓީ ނާކާމިޔާބުވިއިރު، މާގިނައިރެއްނުވެ، މައިންޒުން ދެ ވަނަ ގޯލެއް ޖެހި އެވެ. މެޗުގެ 24 ވަނަ މިނިޓްގައި މައިންޒްގެ ކަރީމް އޮނިސީވޯ ވަނީ ބޮލުން ގޯލެއް ޖަހައި ލީޑުފުޅާކޮށްދީފަ އެވެ.

މެޗަށް ފަހު ޑޯޓްމަންޑްގެ ކެޕްޓަން، މާކޯ ރެއުސް ދަނޑުމަތީގައި އިށީނދެގެން.
އަލުން މެޗުގެ ތެރެއަށް ވަންނަން ކުރި މަސައްކަތުގައި ޑޯޓްމަންޑުން ފުރަތަމަ ގޯލު ޖެހީ 70 ވަނަ މިނިޓްގައި ޖިއޮވާނީ ރޭނާ ދިން ބޯޅައަކުން ރަފައެލް ގަރޭރޯ އެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ހަ ވަނަ މިނިޓްގައި ޑޯޓްމަންޑަށް އެއްވަރުކޮށްދިނީ ނިކްލަސް ސޫލާ ޖެހި ގޯލުންނެވެ.
މެޗަށް ފަހު، ލީގު ޗެމްޕިއަންކަން ގެއްލިދިޔަ ގޮތުން ޑޯޓްމަންޑް ކުޅުންތެރިންނާއި ސަޕޯޓަރުންނަށް ތިބީ ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ.
ޑޯޓްމަންޑަށް އެންމެ ފަހުން ލީގުގެ ޗެމްޕިއަންކަން ހޯދައިދިނީ 2012 ވަނަ އަހަރު، ޔާގެން ކްލޮޕްގެ ކޯޗުކަމުގައި ޑޯޓްމަންޑަށް އިރުޝާދުދިން އިރު، އެވެ.

ބަޔާންގެ މުސިއާލާ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ
ކޮލޯން ދަނޑުގައި ބަޔާނަށް ލީޑުނަގައިދިނީ އަށް ވަނަ މިނިޓްގައި ކިންގްސްލީ ކޯމަން ޖެހި ގޯލުންނެވެ. ދެ ވަނަ ގޯލެއް ޖަހަން ބަޔާނުން ކުރި މަސައްކަތް ކާމިޔާބުވުމުގެ ކުރިން ކޮލޯން ވަނީ ގޯލެއް ޖަހައި، އެއްވަރުކޮށްފަ އެވެ. މެޗު ނިމެން ނުަވަ މިނިޓަށް ވެފައި ހުއްޓައި، ކޮލޯން އިން އެއްވަރުކުރީ ޑޭޖާން ލުބިޗިޗް ޖެހި ޕެނަލްޓީންނެވެ.
ބަޔާނަށް ލީގު ޗެމްޕިއަންކަން ޔަގީންކޮށްދިން ގޯލު ޖެހީ މެޗުގެ 89 ވަނަ މިިނިޓްގައި މުސިއާލާ އެވެ. ސާޖް ގްނަބްރީ ދިން ބޯޅައެއް ކޮންޓްރޯލް ކުރުމަށް ފަހު، މުސިއާލާ ވަނީ އޭރިއާ ރޮނގުމަތިން ކަހަލަ ގޮތަކަށް ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.
މިއީ ޒުވާން ކޯޗު ހޫލިއަން ނާގަލްސްމަން ވަކިކުރުމަށް ފަހު ޑޯޓްމަންޑްގެ ކުރީގެ ކޯޗު ތޯމަސް ޓުޗެލް، ބަޔާނާ ހަވާލުވި ފަހުން އެ ޓީމުން ހޯދި ފުރަތަމަ ލީގު ތަށްޓެވެ. ބަޔާނުން ލީގު ޗެމްޕިއަނަކަށް ވުމުގެ އުފާފާޅުކުރުންތައް ފެއްޓިތާ މާގިނައިރެއްނުވެ، ބަޔާންގެ ސްޕޯޓިން ޑިރެކްޓަރު، ހަަސަން ސަލިހަމްދްޒިޗް އާއި ސީއީއޯ ކުރިގެ ގޯލްކީޕަރު އޮލިވާ ހާން ވަނީ މަގާމުން ވަކިކޮށްފަ އެވެ.












