ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ޗެލެންޖް ކަޕްގައި މިހާތަނަށް ރާއްޖެ ކުޅުނު ހަތަރު މެޗުން ވެސް ސެޓެއް ވެސް ނުލިބި ބަލިވެފައިވާއިރު، މި ހާލަތު ބަދަލުކުރަން ކުރަން ޖެހޭނެ އެންމެ މުހިންމު ކަމަކީ ޕްރެޝަރު ވަގުތުތަކުގައި ޓީމެއްގެ ގޮތުގައި ކުޅުން ކަމަށް ގައުމީ އަންހެން ވޮލީބޯޅަ ޓީމުގެ ކޯޗު، ވިޗީޕޮން ފޯންޗާޓްޔިންޗީޕް ބުނެފި އެވެ.
ޖުމްލަ އަށް ގައުމު ވާދަކުރާ މި ފަހަރުގެ ކާވާ ވިމެންސް ޗެލެންޖް ކަޕްގައި މިހާތަނަށް ރާއްޖޭން ކުޅުނު މެޗުތަކަށް ބަލާއިރު، ގްރޫޕް ސްޓޭޖުގައި ކަޒަކްސްތާން، އުޒްބެކިސްތާން އަދި ސްރީ ލަންކާ އަތުން ވަނީ ބަލިވެފަ އެވެ.
އަދި ބުރާސްފަތި ދުވަހު ކުޅުުނު ރޭންކިން ފުރަތަމަ މެޗުގައި ކިރްގިސްތާން އަތުން ވެސް ވަނީ ބަލިވެފަ އެވެ.
ރޭންކިން ފަހު މެޗުގައި މިއަދު ރާއްޖެ ގަޑިން 13:15 ގައި ގައުމީ އަންހެން ޓީމު ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. ރާއްޖެ އާއި ބަންގްލަދޭޝް ވަނީ މި ފަހަރުގެ މުބާރާތުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ވެސް ބަލިވެފަ އެވެ. އެހެންކަމުން، މިއަދުގެ ރޭންކިން މެޗަކީ މުބާރާތުގެ ރޭންކިންގެ ފަހު ދެ ޖާގަ ކަނޑައަޅަން ކުޅެވޭ މެޗެވެ.
ކިރްގިސްތާން މެޗަށް ފަހު، ގައުމީ ކޯޗު ވިޗީފޮން ބުނީ އެންމެ ބޮޑު ކަންބޮޑުވުމަކީ މެޗުގެ ބައެއް ވަގުތުތަކުގައި ރަނގަޅަށް ކުޅެފައި، ޕްރެޝަރު ދަނޑިވަޅުގައި ކުޅުންތެރިންނަށް ހެދޭ ގޯސް ގިނަވުން ކަމަށެވެ.
"އަހަރެމެން ފޯކަސް ބަހައްޓަން ޖެހޭ މުޅި މެޗަށް، ހަމަ އެ ގޮތަށް އަހަރެމެންގެ މެޗުތައް މި ދަނީ ޕްރެޝަރުގައި ވަރަށް ބޮޑަށް. އެ ކަހަލަ ވަގުތުތަކުގައި އެންމެ މުހިންމު ކަމަކީ ޓީމެއްގެ ގޮތުގައި މަސައްކަތް ކުރުން. މިހާރު ހަގީގަތުގައި އެކަން ވަރަށް ބޮޑަށް ރަނގަޅުވާން އެބަޖެހޭ،" ވިޗީފޮން ބުންޏެވެ.
"ސެޓުތަކުގައި ލީޑުނަގާފައި ވެސް އަހަރެމެން އަތުން އެބަދޭ ވަރަށް ފަސޭހައިން، މިއީ ހަމަ ފޯކަސް ބަހައްޓައިގެން ކުޅެގެން ރަނގަޅުކުރެވޭނެ ކަންކަން،"
ތައިލެންޑާއި ވިއެޓްނާމްގައި ކޯޗިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ވިޗީފޮން ބުނީ މި މުބާރާތަކީ ޓީމު ގޮވައިގެން އޭނާ އަށް މެޗުތަކެއް ކުޅެލަން ފުރުސަތު ލިބުނު ފުރަތަމަ ފަހަރު ކަމަށާއި ކުޅުންތެރިން އެކި ހާލަތްތަކުގައި މަސައްކަތްކުރާވަރު ފެންނަމުން އަންނަ ކަމަށެވެ. އަދި ދެން އޮތް މުބާރާތަކަށްދާއިރު، މި ޓީމު މި އަށް ވުރެ ރަނގަޅަށް މަސައްކަތްކޮށް ނަތީޖާ ވެސް ނެރޭނެ ކަމުގެ އިތުބާރު އެބައޮތް ކަމަށް ވިޗީފޮން ބުނެފައިވެ އެވެ.
އަނިޔާގެ ސަބަބުން ރާއްޖޭން ކިރްގިސްތާނާ ދެކޮޅަށް ކުޅުނު މެޗުގައި ޓީމުގެ މުހިންމު އެޓޭކަރު، އައިޝަތު މާޖިދާ (މާޖީ) އާއި ލިބަރޯ، ފައިހާ މުހައްމަދު ނުކުޅެ އެވެ.
މާޖިދާ އަށް އަނިޔާވީ މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި ކަޒަކްސްތާނާ ދެކޮޅަށް ކުޅެނިކޮށެވެ. އަނިޔާވި ފަހުން، މާޖިދާ ކުޅުނީ ގްރޫޕް ސްޓޭޖު ފަހު މެޗުގައި ލަންކާއާ ދެކޮޅަށް ކުޑަ ވަގުތު ކޮޅެއްގަ އެވެ. އަނިޔާގެ ސަބަބުން ފައިހާ އަށް އެންމެ ފަހުން ރާއްޖޭން ކިރްގިސްތާނާ ދެކޮޅަށް ކުޅުނު ރޭންކިން މެޗު އެއްކޮށް ގެއްލުނުއިރު، ގްރޫޕްގެ ސްޓޭޖުގެ ތިން މެޗުގައި ވެސް އޭނާ ވަނީ ކުޅެފަ އެވެ.












