މޮސްކޯ، ރަޝިއާ (މޭ 25) - ރަޝިއާގެ ނިޔުކްލިއާ ހަތިޔާރު ބެލަރޫސްއަށް ފޮނުވަން ފަށާފައިވާ ކަމަށް އެ ގައުމުގެ ރައީސް އެލެގްޒެންޑާ ލުކަޝެންކޯ ވިދާޅުވެއްޖެ އެވެ.
ރަޝިއާއާ ގާތް ގުޅުމެއް އޮންނަ ބެލަރޫސްގައި ނިޔުކްލިއާ ހަތިޔާރު ބަހައްޓާނެކަން ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން އިއުލާން ކުރެއްވީ މާޗް މަހުގަ އެވެ.
އެހެން ނަމަވެސް ހަތިޔާރުތައް ފޮނުވަން ފެށިކަން ރަޝިއާއިން އިއުލާންކޮށްފައެއް ނުވެ އެވެ.

"ނިޔުކްލިއާ ހަތިޔާރު ޓްރާންސްފާ ކުރުމުގެ މަސައްކަތް ފަށައިފި،" މޮސްކޯއަށް ކުރެއްވި ދަތުރެއްގެ ތެރެއިން ލުކަޝެންކޯ ނޫސްވެރިންނަށް ވިދާޅުވި އެވެ.
ބެލަރޫސްގައި ނިޔުކްލިއާ ހަތިޔާތު ބަހަައްޓާނެ ކަމަށް ރަޝިއާއިން ބުނުމުން، ހުޅަނގުގެ ގައުމުތަކުން އެކަން ކުށްވެރި ކުރި އެވެ.
ލުކަޝެންކޯ ވިދާޅުވީ ނިޔުކްލިއާ ހަތިޔާރު ފޮނުވުމާ ގުޅޭ ގަރާރުގައި ސޮއިކުރެއްވީ ބުދަ ދުވަހު ކަމަށް ޕުޓިން ވިދާޅުވެފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން ބެލަރޫސްގެ އިދިކޮޅު ލީޑަރު ސްވެޓްލާނާ ޓިހަނޮވްސްކަޔާ ވިދާޅުވީ އެއީ ބެލަރޫސް ރައްޔިތުންނަށް ނުރައްކާތެރި ނިންމުމެއް ކަމަށެވެ.
ބެލަރޫސްގައި ނިޔުކްލިއާ ހަތިޔާރު ބެހެއްޓުމުގެ ކުރިން އެ ގައުމުގެ ސިފައިން އެ ތަކެތި ބޭނުންކުރަން ތަމްރީން ކުރީ މިދިޔަ އެޕްރީލް މަހު އެވެ.










