ނިއު ޔޯކް، އެމެރިކާ (މޭ 24) - މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށް ސާބިތުވެ އެމެރިކާގެ ރެޕް ލަވަކިޔުންތެރިޔާ ފެޓީ ވެޕް ހަ އަހަރަށް ޖަލަށް ހުކުމްކޮށްފި އެވެ.
މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިން ގެންގުޅެމުން އެ ތަކެތި ބެހި ކަމަށް ފެޓީ ވެޕް ނުވަޔަ ވިލީ ޖޫނިއާ މެކްސެވެލް ކޯޓުގައި އިއުތިރާފުވީ މިދިޔަ އަހަރު އެވެ.
ދައުލަތުގެ ވަކީލުން ބުނީ އޭނާ އާއި އިތުރު ފަސް މީހުން ގުޅިގެން 100 ކިލޯގެ ކޮކެއިން، ހިރޮއިން އަދި ފެންޓަނިލް ޓްރެފިކް ކުރީ ލޯންގް އައިލެންޑުން ނިއު ޖާޒީއަށް ޖޫން 2019 އިން ޖޫން 2020 އަށް ކަމަށެވެ.
އެމެރިކާގެ ހުޅަނގުގެ ސްޓޭޓަކުން މަސްތުވާތަކެތި ގަނެގެން، ޕޯސްޓުގެ ހިދުމަތާއި މޮޑިފައިކޮށްފައި ހުރި ކާރު ބޭނުންކޮށްގެން އެ ތަކެތި ނިއު ޔޯކާ ހަމައަށް ފޮނުވި ކަމަށް ބެލެވެ އެވެ.
ފެޓީ ވެޕް ހައްޔަރު ކުރީ އޮކްޓޯބަރު 2021 ގަ އެވެ. ސިޓީ ފީލްޑް ބޭސްބޯލް ސްޓޭޑިއަމުން ހައްޔަރު ކުރި އިރު، އޭނާ ދިޔައީ ޝޯއެއް ދޭން ތައްޔާރުވަމުންނެވެ.

ބަލައި ފާސްކުރުމުގެ ތެރޭގައި ނަގުދު ފައިސާގެ ގޮތުގައި 1.5 މިލިއަން ޑޮލަރު، 16 ކިލޯގެ ކޮކެއިން، ދެ ކިލޯގެ ހިރޮއިން އަދި ގިނަ އަދަދެއްގެ ފެންޓަނިލް ގުޅަ އާއި ބަޑި ފެނުނެވެ.
އެ މައްސަލައިގައި ހިމެނޭ އިތުރު މީހަކު މިދިޔަ މާޗް މަހު ހަ އަހަރަށް ޖަލަށް ހުކުމްކުރި އެވެ. ބާކީ ހަތަރު މީހުން ވެސް އިއުތިރާފުވެފައިވާ އިރު، މިހާތަނަށް ހުކުމް އިއްވާފައެއް ނުވެ އެވެ.
ފެޓީ ވެޕް މަގްބޫލުވީ އޭނާގެ ފުރަތަމަ ސިންގަލް ލަވަ "ޓްރެޕް ކުއީން" 2015 ވަނަ އަހަރު އެމެރިކާގެ ޗާޓުތަކުގެ ދެ ވަނައިގައި ހިމެނުނު ހިސާބުންނެވެ.










