ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ޗެލެންޖް ކަޕްގައި ރާއްޖެ ކުޅުނު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސްރީ ލަންކާ އަތުން 3-0 އިން ބަލިވެ، މޮޅެއް ވެސް ނުލިބި ރޭންކިން މެޗުތަކުގައި ވާދަކުރަން ޖެހިއްޖެ އެވެ.
ރާއްޖެ ހިމެނުނު ގްރޫޕް ބީގެ އެއް ވަނަ ދިޔައީ ތިން މެޗުން މޮޅުވި ކަޒަކްސްތާން އެވެ. ދެ ވަނަ އަށް ދިޔައީ ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވި، އުޒްބެކިސްތާން އެވެ. ކަޒަކްސްތާން އާއި އުޒްބެކިސްތާން ކުޅޭނީ ސެމީ ފައިނަލުގަ އެވެ. ތިން ވަނަ އަށް ދިޔަ ލަންކާ އާއި ހަތަރެއްގައި ނިންމި، ރާއްޖެ ކުޅެން ޖެހޭނީ ރޭންކިން މެޗުތަކުގަ އެވެ.
ގްރޫޕް އޭ އިން އެއް ވަނަ ޓީމުގެ ގޮތުގައި ދިޔައީ ތިން މެޗުން ވެސް މޮޅުވި އިންޑިއާ އެވެ. ދެ ވަނަ އަށް ދިޔައީ ދެ މެޗުން މޮޅުވި ނޭޕާލް އެވެ. މި ގްރޫޕުން ސެމީ އަށް ދިޔައީ ނޭޕާލާއި އިންޑިއާ އެެވެ. އަދި ތިން ވަނަ އަށް ދިޔަ ކިރްގިސްތާނާއި ހަތަރު ވަނައިގައި ނިންމި ބަންގްލަދޭޝް އަށް ވާދަކުރަން ޖެހުނީ ރޭންކިން މެޗުތަކުގަ އެވެ.
ރޭންކިން ބުރުގައި ރާއްޖޭން މާދަމާ ކުޅޭނީ ގްރޫޕް އޭގެ ތިން ވަނަ ކިރްގިސްތާންއާ އެވެ. އެ މެޗު ފަށާނީ ރާއްޖެ ގަޑިން 13:45 ގަ އެވެ. ރޭންކިން އަނެއް މެޗުގައި ބަންގްލަދޭޝް ކުޅޭނީ ލަަންކާއާ އެވެ. ރޭންކިން ބުރުގައި ފަހުން އޮންނާނީ މޮޅުވާ ދެ ޓީމުގެ މެޗާއި ބަލިވާ ދެ ޓީމުގެ މެޗެވެ.

ލަންކާ ކުޅުންތެރިއަކު ކައިރިން ރާއްޖެ ޓީމުގެ ނަންނި (ވ) ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އަަދަދު
ނޭޕާލްގެ ނެޝަނަލް ސްޕޯޓްސް ކޮމްޕްލެކްސްގެ އިންޑޯ ވޮލީ ކޯޓުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ދެ ސެޓުގައި ރާއްޖެ އަށް ޓީމެއްގެ ގޮތުގައި ކުޅެވޭ ގޮތެއް ނުވި އެވެ. ރާއްޖޭގެ ކުޅުންތެރިންނަށް ގިނަ ގޯސްތަކެއް ހެދިގެންދިޔައިރު، ޕޮއިންޓަކަށް ފަހު ޕޮއިންޓެއް ސްކޯ ކުރަމުން ލަންކާ ދިޔައީ ފޯމަކަށް އެޅިގެން ކުޅެމުންނެވެ. ފުރަތަމަ ސެޓުގެ މެދެެއްހާ ހިސާބުން ރާއްޖޭން ކޮންމެ ވެސް ވަރަކަށް ކުޅެން ފެށި އެވެ. އެކަމަކު، އެއްވަރުކޮށްފައި ވެސް އަލުން ހިތްވަރެއް ލައިގެން ދެން ނުކުޅެވުނީ އެވެ.
ދެ ވަނަ ސެޓު ދިޔައީ ފަރަގު ބޮޑުކޮށް، ރާއްޖެ އަށް އެއްވެސް ވަރަކަށް ވާދަނުކުރެވި އެވެ. ލަންކާ އިން ފުރަތަމަ ދެ ސެޓު ގެންދިޔައީ 25-18 އާއި 25-23 އިންނެވެ.
ތިން ވަނަ ސެޓަކީ މިރޭގެ މެޗުގައި ރާއްޖޭން އެންމެ ރަނގަޅަށް ކުޅުނު ސެޓެވެ. މި ސެޓުގައި ރާއްޖެ މި މެޗުގައި ފުރަތަަމަ ފަހަރަށް ލީޑު ވެސް ލިބުނެވެ. ރާއްޖޭން 16-18 އިން ލީޑުނެގި ޕޮއިންޓުގައި ރެފްރީގެ ނިންމުމާ މެދު ލަންކާ ކުޅުންތެރިންނާއި އޮފިޝަލުން ވަރަށް ބޮޑަށް ނުރުހުންވި އެވެ. އެއީ ލަންކާ އިން އެޕީލްކުރީ ރާއްޖޭގެ ސެޓަރު ޖޫޒާން ޒަރީރު ގައިގައި ޖެހިފައި ބޯޅަ ބޭރުވި ކަމަށެވެ. އެކަމަކު، ރެފްރީ ނިންމީ ބޯޅަ ދިޔައީ ކުޅުންތެރިއަކު ގައިގައި ނުޖެހި ބޭރަށް ކަމަށެވެ.

ލަންކާގެ ދެ ކުޅުންތެރިން ޕޮއިންޓް ހޯދުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު
ސެޓުގެ ފަހުކޮޅުގައި ރާއްޖޭން ލީޑުގައި އޮތް ނަމަވެސް މުހިންމު ވަގުތުތަކުގައި ރާއްޖޭގެ ކުޅުންތެރިންނަށް ގޯސް ހެދި މެޗު ގެއްލުނީ އެވެ. ރާއްޖެ އަށް މި ސެޓު ނިންމަން 22-24 އިން ލީޑެއް ވެސް ލިބުނެވެ. އެހެން ނަމަވެސް، މުޅި މެޗުގައި ވެސް ރާއްޖޭގެ އެންމެ ދަށްކޮށް ފެނުނު ރިސީވްގައި މައްސަލަ ދިމާވެ، ރާއްޖެ އަށް ސެޓު ނުނިންމި މެޗުން ބަލިވީ އެވެ. ފަހު ސެޓު ރާއްޖެ އަށް ގެއްލުނީ 26-24 އިންނެވެ.
ރާއްޖޭން މި ފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ކަޒަކްސްތާނާ ދެކޮޅަށް ކުޅެނިކޮށް ދެ ވަނަ ސެޓުގައި ރާއްޖޭގެ އައިޝަތު މާޖިދާ (މާޖީ)ގެ ފަލަމަސްގަނޑަށް އަނިޔާވެގެން، އޭނާ ބަދަލުކުރި އެވެ. އެ ފަހުން، އުޒްބެކިސްތާން އަތުން ބަލިވި މެޗުގައި މާޖިދާ ނުކުޅެ އެވެ.
އެކަމަކު، މިރޭގެ މެޗުގެ ފަހު ސެޓުގެ ފަހުކޮޅުގައި ކުޑަ ވަގުތުކޮޅަކަށް މާޖިދާ ކުޅެން އެރުވި އެވެ. އެހެން ނަމަވެސް އަނިޔާގައި ހުރެ ކުޅެން ޖެހުމުން މާޖިދާ އަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ.












