އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނެވި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީއާ އެކު އުފެއްދެވި "ފިކުރެއްގެ ދިރުން" ފެކްޝަނުން އުފައްދާ އާ ޕާޓީ 'ދަ ޑިމޮކްރެޓްސް' އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފި އެވެ.
އީސީއިން މިއަދު ޑިމޮކްރެޓްސްއަށް ހުއްދަ ދީފައިވާއިރު އެ ޕާޓީން މިހާރު ވަނީ ރެޖިސްޓްރީ ކުރުމަށް ބޭނުންވާ 3،000 މީހުންގެ ސޮއި ހޯދުމުގެ މަސައްކަތް ފަށާފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުން ޑިމޮކްރެޓްސްއިން މަސައްކަތް ކުރަމުންދަނީ 24 ގަޑިއިރުގެ ތެރޭގައި އެ އަދަދަށް ސޮއި ހަމަކުރުމަށެވެ.
ފިކުރެއްގެ ދިރުމުގެ މަޖިލިސް މެންބަރުން އަދި އެމްޑީޕީގެ އިސް އޮފިޝަލުންގެ ގޮތުގައި ތިއްބެވި ބޭފުޅުން އެ ޕާޓީ ދޫކޮށް އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެށީ މި މަހުގެ 17 ގަ އެވެ. އެއަށްފަހު މި މަހުގެ 21 ގައި ޑިމޮކްރެޓްސްއަށް ހުއްދަ ހޯދަން އީސީއަށް ފޯމް ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފުގެ ނަމުގަ އެވެ.
ހަސަން ލަތީފު ހިމެނޭހެން އެމްޑީޕީގެ 12 މަޖިލިސް މެންބަރަކު އެ ޕާޓީ ދޫކޮށް އަލަށް އުފައްދާ ޕާޓީގެ މަސައްކަތާއި ގުޅުނެވެ. އޭގެ ތެރޭގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވެސް ހިމެނެ އެވެ. އެމްޑީޕީއިން އިއްޔެ ވަނީ 50 މެންބަރުންގެ ސޮއި ހިމެނޭހެން އީވާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅާފަ އެވެ.
ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި އިންތިހާބު ވި ނަމަ ވެސް ރިޔާސީ ޕްރައިމަރީއަށް ފަހު އެމްޑީޕީގެ ސިޔާސަތުތަކާ ދެކޮޅަށް މަޖިލީހުގައި ވެސް ދިޔައީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް, ނަޝީދު އަދިވެސް ހުންނެވީ އެމްޑީޕީގަ އެވެ.

އެމްޑީޕީން 12 މެންބަރުން ވަކިވި ދުވަހު ބޮޑުފެންވަޅުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވީ އަލަށް އުފައްދާ ޕާޓީން އަންނަ ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓަކު ނެރޭނެ ކަމަށެވެ.
އެމްޑީޕީއަކީ ބިރުދެއްކުމާއި ކޮރަޕްޝަނާ ފަސާދައާއި ނަފުރަތުގެ ނެޓްވޯކަކަށް ބަދަލުވެފައިވާ ކަމަށް ތުހުމަތު ކުރައްވައި އިލްޔާސް ވިދާޅުވީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެށީ އެކަން ބަދަލު ކުރަން އެމްޑީޕީގެ އެތެރޭން މަސައްކަތް ކޮށް ނާކާމިޔާބުވުމުން ކަމަށެވެ.














