އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ފޮޓޯތައް ޖެނެރޭޓްކުރެވޭ ފީޗާއެއް ފޮޓޯޝޮޕަށް ގެނެސްފައިވާ ކަމަށް އެ ސޮފްޓްވެއާ އުފައްދާ ކުންފުނި އެޑޯބީ އިން ބުނެފި އެވެ. އެމެރިކާގެ ކެލިފޯނިއާގައި މަރުކަޒުވެފައިވާ އެޑޯބީ އިން ބުނެފައިވަނީ، މިއީ އެކުންފުނީގެ ސޮފްޓްވެއާތަކަށް އޭއައި ޓެކްނޮލޮޖީ ގެނައުމަށް ކުރާ އިންގިލާބީ މަސައްކަތުގެ ފެށުންމަށެވެ.
އޯޕެންއޭއައިގެ ޑޯލް-އީ ގެ އިތުރުން މިޑްޖާނީ ބޭނުންކޮށްގެން އޮންލައިންކޮށް ފޮޓޯތައް ޖެނެރޭޓުކުރުމަށް ވަނީ ބޮޑު މަގުބޫލުކަމެއް ލިބިފަ އެވެ. ނަމަވެސް މިއީ އެޑޯބީ ފަދަ ބޮޑު ކޯޕަރޭޝަންއަކުން މިޓެކްނޮލޮޖީ ސޮފްޓްވެއާއަކަށް އިންޓަގްރޭޓްކުރާ ފުރަތަމަ ފަހަރެވެ.
އޭއައި ބޭނުންކޮށްގެން ފޮޓޯ ޖެނެރޭޓްކުރުމާއި މެދު ވާ އެއް ކަންބޮޑުވުމަކީ، މިފަދަ މޮޑެލްތަކުން ބޭނުންކުރާ ރިފަރެންސް ފޮޓޯތަކުގެ ކޮޕީރައިޓުގެ މައްސަލަ އެވެ. މިފަދަ ޕްލެޓްފޯމްތަކުން ރިފަރެންސަށް އެހެން މީހުންގެ ފޮޓޯތައް ހުއްދަޔާ ނުލާ ބޭނުންކުރާކަމުގެ ތުހުމަތުކުރެވެ އެވެ.
އެޑޯބޯ އިން ވަނީ ކަންބޮޑުވުންތަކަށް ހައްލެއް ގެނެސްދިނުމަށް އެކުންފުނީގެ އަމިއްލަ އޮންލައިން އޭއައި ފޮޓޯ ޕްލެޓްފޯމެއް ތައާރަފުކޮށްފަ އެވެ. "ފަޔާފްލައި" ގެ ނަންދީފައިވާ މި ޕްލެޓްފޯމްގައި ބޭނުންކޮށްފައިވާ އިމޭޖް-ޑޭޓާބޭސް ގައި ހިމެނެނީ އެކުންފުންޏަށް ރައިޓްސް ލިބިފައިވާ ފޮޓޯތައްކަމަށް އެޑޯބީ އިން ބުނެ އެވެ.
ފަޔާފްލައި ޕްލެޓްފޯމަށް މަހަކަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު، އެޑޯބީން ފޮޓޯޝޮޕަށް އިތުރުކޮށްފައިވަނީ އެ ޕްލެޓްފޯމްގައި ހިމެނޭ ފަދަ ފީޗާސް ތަކެކެވެ. އެގޮތުން ފަޔަފްލައިގައި މިހާރުވެސް ހިމެނޭ "ޖެނެރޭޓިވް ފިލް" ފީޗާ ފޮޓޯޝޮޕަށް ވަނީ އައިއްސަ އެވެ.
ޖެނެރޭޓިވް ފިލް އަކީ ފޮޓޯގެ ވަކި ބައެއް ޓެކްސްޓް ބޭނުންކޮށްގެން ބަދަލުކޮށްލާ ފީޗާއެކެވެ. އެގޮތުން ބެކްގްރައުންޑް ނުވަތަ މީހަކު ލައިގެން ހުރި އެއްޗެއް ބަދަލުކޮށްލެވިދާނެ އެވެ.
އެޑޯބީން ބުނެފައިވަނީ މިފަދަ އޭއައި ފީޗާތަކުގެ ބޭނުމަކީ ގްރެފިކް އާޓިސްޓުންގެ މަސައްކަތްތަކަށް ހުރަސް އެޅުން ނޫންކަމަށެވެ. ނަމަވެސް އެންމެންގެ ވެސް މަސައްކަތްތައް އަވަސްކޮށްލަދިނުމަށް އެހީތެރިވެ ދިނުން ކަމަށެވެ.








