އީވާއާ ދެކޮޅަށް ކުރި ސޮއި އަނބުރާ ނަގައިދޭން މެންބަރުން ގާތު ނަޝީދު އެދިއްޖެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި ނައިބު ރައީސް އީވާ އަބްދުﷲ-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި ނައިބު ރައީސް އީވާ އަބްދުﷲ-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަކިކުރުމަށް ހުށަހެޅި މައްސަލައިގައި ސޮއިކުރި ބައެއް މެންބަރުންގެ އަރިހުން، އެ ސޮއި އަނބުރާ ނަގައިދޭން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފި އެވެ.

ރައީސް ސޯލިހާއި ނަޝީދާ ދެމެދު އޮތް ހިތްހަމަނުޖެހުމުގެ ތެރެއިން ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުން ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފަ އެވެ. އަދި, "ދަ ޑިމޮކްރެޓްސް" ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އެއާ އެކީ އެމްޑީޕީގެ ސުޕަ މެޖޯރިޓީގެ ތާއީދުން ނައިބު ރައީސްގެ މަގާމަށް އިންތިހާބުކޮށްފައިވާ އީވާ މަގާމުން ވަކިކުރުމަށް 50 މެންބަރުން ސޮއިކުރައްވައި މައްސަލައެއް އިިއްޔެ ވަނީ މަޖިލީހަށް ވައްދައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ 49 މެންބަރެއްގެ އިތުރުން ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދު އެވެ.

Advertisement

އެމްޑީޕީން މިހާތަނަށް ވަކިވެފައިނުވާ ނަޝީދު އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުންނަށް ކުރި މެސެޖެއްގައި ވަނީ ސޮއި ނަގައިދޭން އެދިފަ އެވެ. އަދި, އެމަނިކުފާނު އެގޮތަށް އެދިވަޑައިގެންފައިވާކަން މަޖިލީހުގެ ބައެއް މެމްބަރުން ވަނީ "އަދަދު" ނޫހަށް ޔަގީން ކޮށްދީފަ އެވެ.

އެ މައްސަލައިގައި ނަޝީދު ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޮއްކޯފުޅު އަލީ ނިޔާޒަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވައިފަ އެވެ.

"ނިޔާ، ތިޔަ ކުރައްވާ ކަންކަން ހަނދާނުގައި ބަހައްޓާތި، ދޭލިޔާގޭ މުހައްމަދުބެގެ ދަރި ތިޔަ އެއްލައިލަނީ،" ރައީސް ސޯލިހުއާ އާއިލީ ގުޅުން އޮތް ޅ. ހިންނަވަރު ދޭލިޔާގެ މުހައްމަދުގެ ދަރިފުޅު އީވާ ވަކިކުރަން އުޅޭ ކަމަށް ވިދާޅުވެ، އެމްޑީޕީގެ މަޖިލިސް މެންބަރުން ތިއްބެވި ގްރޫޕަށް ނަޝީދު ފޮނުވި މެސެޖުގައިވެ އެވެ.

އީވާ އާއި ނަޝީދަކީ ދެބެއިންގެ ދެ ދަރިންނެވެ. އީވާގެ ބައްޕައަކީ ރައީސް ސޯލިހުގެ އާއިލީ ބޭފުޅަކަށްވާއިރު، ރައީސް ސޯލިހުގެ އަނބިކަނބަލުން ފަޒުނާ އަހުމަދަކީ ވެސް ރައީސް ނަޝީދުގެ ދެބެއިންގެ ދެދަރިންނެވެ.

ނަޝީދުގެ އެ ޓެކްސްޓް މެސެޖަށް ޖަވާބު ދެއްވުމުގެ ގޮތުން ނިޔާޒު ކުރެއްވި މެސެޖުގައި ވަނީ "އާދެ، ވަރަށް އުނދަގޫ ނިންމުމެއް، އެކަމަކު މި ވަގުތު އެ ނިންމުން އަޅުގަނޑު ނިންމައިފިން،" ކަމަށެވެ.

ނައިބު ރައީސްގެ މަގާމާ ބެހޭގޮތުން އަމާޒުވި ސުވާލަކަށް ޖަވާބުދެއްވަމުން އީވާ ވިދާޅުވެފައި ވަނީ އެއްވެސް މަގާމެއް އޭނާއަށް މުހިންމު ނޫން ކަމަށެވެ. އަދި, މަގާމު ގެއްލިދާނެތީ ބިރު ނުގަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންނަމަވެސް މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އާ ޕާޓީގެ ފަސްފަހަތް

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ކުރިފުޅުމަތީގައި އިސްތިއުފާގެ ސިޓީގައި ސޮއިކުރެއްވި 12 މެންބަރުން އިސްވެ، "ދި ޑިމޮކްރެޓިކްސް" ނަމުގައި ޕާޓީއެއް އުފެދުމުގެ ހުއްދައަށް އެދުނީ އާދިއްތަ ދުވަހު އެވެ. އެ މެމްބަރުންގެ ތެރޭގައި އީވާ ވެސް ހިމެނޭއިރު އޭނާ ނައިބު ރައީސްކަމުން ވަކިކުރަން 50 މެމްބަރުންގެ ސޮޔާއެކު ހުށަހެޅީ މެއި 23, ގަ އެވެ.

އެންމެ ގިނަ ދުވަސްވީ އަދި އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ބޮޑު ނާކާމިޔާބީ އަށް ފަހު ފުރަތަމަ ވެސް ނިންމެވީ "ފިކުރެއްގެ ދިރުން" ހަރަކާތުން ރިޔާސީ އިންތިހާބުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޫން ކެންޑިޑޭޓަކަށް ތާއިދު ކުރުމަށެވެ.

ރިޔާސީ ޕްރައިމަރީއަށް ފަހު ފެކްޝަނެއްގެ ގޮތުގައި ހަރަކާތްތެރިވި "ފިކުރެއްގެ ދިރުމުން" އުފައްދާ ޕާޓީއަށް ހުއްދަ ހޯދަން އީސީއަށް ފޯމް ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފުގެ ނަމުގަ އެވެ. އެ ޕާޓީގެ އިސް ސަފުގައި އީވާ ވެސް ހަރަކާތްތެރިވެވަޑައިގަންނަވަ އެވެ.

2008، 2013 އަދި 2018 ގައި ވެސް އެމްޑީޕީގެ ޕްރައިމަރީން ރިޔާސީ ކެންޑިޑޭޓް ގޮތުގައި ނިންމީ ނަޝީދެވެ. ނަމަވެސް 2018 ވަނަ އަހަރު، ނަޝީދަށް އިއްވާފައިވާ ޖަލު ހުކުމުގެ ސަބަބުން ވާދަނުކުރެވޭނެތީ، ރައީސް ސޯލިހަށް ޓިކެޓު ދިނުމަށް އެމްޑީޕީގެ ކޮންގްރެސް މެދުވެރިކޮށް ނިންމީ އެވެ.

ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، އެމްޑީޕީގެ އެތެރޭގައި ދެ ފެކްޝަނެއް ވަނީ އުފެދިފަ އެވެ. އޭގެ ފަހުން އެ ޕާޓީގެ އެތެރޭގައި ބޭއްވި ކޮންމެ އިންތިހާބެއް ވެސް، ނަޝީދުގެ ފެކްޝަންގެ މައްޗަށް ސޯލިހުގެ ފެކްޝަން ކުރި ހޯދާފައިވެ އެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ކާމިޔާބުކޮށް، ޕާޓީގެ އެންމެ ބާރުގަދަ އެއް މަގާމުގައި ހުންނެވީ ވެސް ރައީސްގެ އެންމެ އެއް އަރިސް ވަޒީރު، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލެވެ. އަދި އެމްޑީޕީގެ އެންމެ އިސް ގުނަން ކަމަށްވާ އެ ޕާޓީގެ ގައުމީ މަޖިލީހުގެ އިންތިހާބުތަކަށް ފަހު އެ މަޖިލީހުގެ މެޖޯރިޓީ ވެސް އޮތީ ރައީސް ސޯލިހަށެވެ. އަދި ޕާލިމެންޓްރީ ގްރޫޕްގެ މެޖޯރިޓީ ވެސް އޮތީ ރައީސަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox