އީވާ ވަކިކުރަން އުޅޭ މައްސަލާގައި ނަޝީދު ދިމާކޮށްލީ ނިޔާޒާ

މެންބަރު އަލީ ނިޔާޒު؛ މަޖިލިހުގެ ނައިބު ރައީސް ކަމުން އީވާ ވަކިކުރަން އުޅޭ މައްސަލާގައި އަލީ ނިޔާޒަށް ފާޑުވިދާޅުވެ ރައީސް ނަޝީދު ވާހަކަ ދައްކަވައިފި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

މެންބަރު އަލީ ނިޔާޒު؛ މަޖިލިހުގެ ނައިބު ރައީސް ކަމުން އީވާ ވަކިކުރަން އުޅޭ މައްސަލާގައި އަލީ ނިޔާޒަށް ފާޑުވިދާޅުވެ ރައީސް ނަޝީދު ވާހަކަ ދައްކަވައިފި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވަކިކުރަން އުޅޭ މައްސަލާގައި އީވާއާ އާއިލީ ގުޅުން އޮންނަ އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޮއްކޯފުޅު އަލީ ނިޔާޒަށް ފާޑުވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަ ދައްކަވައިފި އެވެ.

ރައީސް ސޯލިހާއި ނަޝީދާ ދެމެދު އޮތް ހިތްހަމަނުޖެހުމުގެ ތެރެއިން ނަޝީދަށް ތާއީދުކުރައްވާ ބޭފުޅުން ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފަ އެވެ. އަދި "ދަ ޑިމޮކްރެޓްސް" ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އެއާ އެކީ އެމްޑީޕީގެ ސުޕަ މެޖޯރިޓީގެ ތާއީދުން ނައިބު ރައީސްގެ މަގާމަށް އިންތިހާބުކޮށްފައިވާ އީވާ މަގާމުން ވަކިކުރުމަށް 50 މެންބަރުން ސޮއިކުރައްވައި މައްސަލައެއް ވަނީ މަޖިލީހަށް ވައްދައިފަ އެވެ. އޭގައި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒުގެ ސޮއި ވެސް ހިމެނެ އެވެ.

"ނިޔާ، ތިޔަ ކުރައްވާ ކަންކަން ހަނދާނުގައި ބަހައްޓާތި، ދޭލިޔާގޭ މުހައްމަދުބެގެ ދަރި ތިޔަ އެއްލައިލަނީ،" ރައީސް ސޯލިހުއާ އާއިލީ ގުޅުން އޮތް ޅ. ހިންނަވަރު ދޭލިޔާގެ މުހައްމަދުގެ ދަރިފުޅު އީވާ ވަކިކުރަން އުޅޭ ކަމަށް ވިދާޅުވެ، އެމްޑީޕީގެ މަޖިލިސް މެންބަރުން ތިއްބެވި ގްރޫޕަށް ނަޝީދު ފޮނުވި މެސެޖުގައިވެ އެވެ.

އީވާ އާއި ނަޝީދަކީ ދެބެއިންގެ ދެ ދަރިންނެވެ. އީވާގެ ބައްޕައަކީ ރައީސް ސޯލިހުގެ އާއިލީ ބޭފުޅަކަށްވާއިރު، ރައީސް ސޯލިހުގެ އަނބިކަނބަލުން ފަޒުނާ އަހުމަދަކީ ވެސް ރައީސް ނަޝީދުގެ ދެބެއިންގެ ދެދަރިންނެވެ.

ނަޝީދާއި ރައީސް ސޯލިހަކީ "އެންމެ ގާތް އެކުވެރިން" ގޮތުގައި ކުރިން ދެ ބޭފުޅުން ވެސް ވިދާޅުވެފައިވެ އެވެ.

ނަޝީދުގެ އެ ޓެކްސްޓް މެސެޖަށް ޖަވާބު ދެއްވުމުގެ ގޮތުން ނިޔާޒު ކުރެއްވި މެސެޖުގައި ވަނީ "އާދެ، ވަރަށް އުނދަގޫ ނިންމުމެއް، އެކަމަކު މި ވަގުތު އެ ނިންމުން އަޅުގަނޑު ނިންމައިފިން،" ކަމަށެވެ.

ދެން ނަޝީދު ވަނީ ވެރިކަން ގެއްލުމުން އެންމެ ކައިރީގައި ހުންނަވާނީ އެމަނިކުފާނު ކަމަށެވެ. އެ ޓެކްސްޓަށް ޖަވާބު ދެއްވަމުން ނިޔާޒު ފޮނުވި ޓެކްސްޓްގައި ވަނީ ކައިރީގައި ހުންނަންވީ ވަގުތަކީ މިއީ ނޫންތޯ އައްސަވައިފަ އެވެ. އަދި ޕާޓީން ވަކިވުމުން މަގާމުގައި ބަހައްޓަން ކުރެވޭނެ ކަމެއް ނޯންނާނެ ކަމަށެވެ.

"ނިޔާ، މި ތަނުގައި މި ތިބި ހައެއްކަ މެންބަރުން، ނިޔާއާއި ރައީސަށް ބިރު ދައްކައިގެން ކަންކަން ކުރަމުން ގެންދިޔައިމަ ވާނެ ގެއްލުން މި ވަނީ،" ނަޝީދު ދެން ފޮނުވި ޓެކްސްޓްގައިވެ އެވެ.

ނިޔާޒު ދެން ފޮނުވި ޓެކްސްޓް މެސެޖުގައި ވަނީ "ރައީސަށް ރަނގަޅަށް އެނގިލައްވާނެ އަޅުގަނޑަށް ބިރު ނުދެއްކޭނެކަން، އެހެންވިޔަސް އަޅުގަނޑު ކަންކަން ނިންމަނީ ކޮންމެ ވެސް ހަމައެއް އަޅައިގެން،" ކަމަށެވެ.

ނަޝީދު އެފަދަ މޭރުމަކުން ބަސްމަގު ބެހެއްޓެވުމުން، އެ ގްރޫޕްގައި ތިއްބެވި ސަރުކާރަށް ތާއީދުކުރައްވާ އެހެން މެންބަރުން ވެސް ފާޑުވިދާޅުވެ ވަނީ މެސެޖު ކުރައްވައިފަ އެވެ. އެގޮތުން އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕް ހިންގުމުގައި ވަކި ގެޔެއްގެ ވަކި މީހެއްގެ ދަރިއަކަށް ބަލަން ނުޖެހޭނެ ކަމަށް މެންބަރުން ވިދާޅުވެފައިވެ އެވެ.

"ބުނަންތަ ވާހަކައެއް، މަޖިލީހުގައި ދޭލިޔާގެ މުހަންމަދެއް، ތުއްތުމަނިކެއް، އެހެން މީހެއް މައްޗަށް ނުވާނެ،" ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު ކުރެއްވި މެސެޖުގައިވެ އެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދުމުގެ މަސައްކަތް ކުރުމަށް ދުވާފަރު ދާއިރާގެ މެންބަރު އިސްމާއީލް އަހުމަދު ޓެކްސްޓް ކުރެއްވި އެވެ. އެއާއެކީ އެ ކަން ނުކުރެވޭނެ ކަމަށް ވިދާޅުވެ ނަޝީދު ވަނީ މެސެޖެއް ކުރައްވައިފަ އެވެ.

ނަޝީދުގެ ދެބެއިންގެ ދެދަރި އީވާ "އަދަދު" ނޫހަށް ދެއްވި އިންޓަވިއުގައި ވެސް އޭނާ ވެސް ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއާ އެކު އެކުގައި ނުހުރެވޭނެ ކަން ވިސްނެވުނު ހިސާބަކީ ނަޝިދަށް ހަމަލާދީގެން އިތުރު ފަރުވާއަށް ޖަރުމަނުގައި ހުންނެވި ދުވަސްވަރު ކަމަށެވެ.

"އަޅުގަނޑު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ގުޅުން ކެނޑުނު ހިސާބަކީ އެ ބޮމަށް ފަހު ރައީސް ނަޝީދު [ޖަރުމަނަށް ވަޑައިގެން] ފަރުވާ ހޯއްދެވުމަށް ފަހު އަނބުރާ މާލެ ވަޑައިގަންނަވަންދެން އެންމެ ފަހަރަކު ވެސް، އެންމެ ފަހަރަކު ވެސް އިބްރާހީމް މުހައްމަދު ސޯލިހު ނުހުންނާނެ ރައީސް ނަޝީދަށް، ހާލު އަހައިލަން ވެސް ގުޅައިލާފައި." އީވާ ވިދާޅުވި އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އެ ހާލަތަކީ "އެއްޗިހި ކިޔަސް" ހާލު ބަލަން ޖެހޭ ވަގުތެކެވެ. ރަހުމަތްތެރިއަކަށް ނުވަތަ އާއިލާގެ މީހަކަށް އެވަރުގެ ދެރަކަމެއް ދިމާވެއްޖެ ނަމަ، އެވަގުތުގައި ރުޅިވެރިކަމެއް އޮތަސް އެކަން އެއް ފަރާތެއްގައި ބާއްވާފައި ބަލާނީ އެމީހަކަށް އަޅައިލެވޭތޯ އެވެ. އެއީ އިންސާނީ ތަބީއަތެވެ.

އީވާ ވިދާޅުވި ގޮތުގައި ސިޔާސީ މަސައްކަތާއި ވެރިންގެ މެދުގައި ހިނގާ ސިޔާސީ ކޯޅުންތަކަށް ވުރެ އިންސާނީ އެފަދަ ގުޅުންތަކާއި އާއިލީ މުއާމަލާތްތައް އޭނާއަށް މާ މުހިންމެވެ.

"އަޅުގަނޑަށް މުހިންމު ކަންކަން މިހުންނަނީ. ވެރިން ބައިތިއްބާ. ގައުމުގެ ވެރިޔާތޯ ޕާޓީގެ ވެރިއެއްތޯ، ރައްޔިތުންގެ މަޖިލީހުގެ ރައީސްތޯ، ވެރިން ބައިތިއްބާ. ރަހުމަތްތެރިކަމާ އިންސާނީ ކުލުނާ އެއީ އަޅުގަނޑަށް މުހިއްމުވާ ކަންކަން އެއީ،" އީވާ ވިދާޅުވި އެވެ.

އާ ޕާޓީގެ ފަސްފަހަތް

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ކުރިފުޅުމަތީގައި އިސްތިއުފާގެ ސިޓީގައި ސޮއިކުރެއްވި 12 މެންބަރުން އިސްވެ، "ދި ޑިމޮކްރެޓިކްސް" ނަމުގައި ޕާޓީއެއް އުފެދުމުގެ ހުއްދައަށް އެދުނީ އާދިއްތަ ދުވަހު އެވެ. އެ މެމްބަރުންގެ ތެރޭގައި އީވާ ވެސް ހިމެނޭއިރު އޭނާ ނައިބު ރައީސްކަމުން ވަކިކުރަން 50 މެމްބަރުންގެ ސޮޔާއެކު ހުށަހެޅީ މެއި 23, ގަ އެވެ.

އެންމެ ގިނަ ދުވަސްވީ އަދި އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ބޮޑު ނާކާމިޔާބީ އަށް ފަހު ފުރަތަމަ ވެސް ނިންމެވީ "ފިކުރެއްގެ ދިރުން" ހަރަކާތުން ރިޔާސީ އިންތިހާބުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޫން ކެންޑިޑޭޓަކަށް ތާއިދު ކުރުމަށެވެ.

ރިޔާސީ ޕްރައިމަރީއަށް ފަހު ފެކްޝަނެއްގެ ގޮތުގައި ހަރަކާތްތެރިވި "ފިކުރެއްގެ ދިރުމުން" އުފައްދާ ޕާޓީއަށް ހުއްދަ ހޯދަން އީސީއަށް ފޯމް ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފުގެ ނަމުގަ އެވެ. އެ ޕާޓީގެ އިސް ސަފުގައި އީވާ ވެސް ހަރަކާތްތެރިވެވަޑައިގަންނަވަ އެވެ.

2008، 2013 އަދި 2018 ގައި ވެސް އެމްޑީޕީގެ ޕްރައިމަރީން ރިޔާސީ ކެންޑިޑޭޓް ގޮތުގައި ނިންމީ ނަޝީދެވެ. ނަމަވެސް 2018 ވަނަ އަހަރު، ނަޝީދަށް އިއްވާފައިވާ ޖަލު ހުކުމުގެ ސަބަބުން ވާދަނުކުރެވޭނެތީ، ރައީސް ސޯލިހަށް ޓިކެޓު ދިނުމަށް އެމްޑީޕީގެ ކޮންގްރެސް މެދުވެރިކޮށް ނިންމީ އެވެ.

ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، އެމްޑީޕީގެ އެތެރޭގައި ދެ ފެކްޝަނެއް ވަނީ އުފެދިފަ އެވެ. އޭގެ ފަހުން އެ ޕާޓީގެ އެތެރޭގައި ބޭއްވި ކޮންމެ އިންތިހާބެއް ވެސް، ނަޝީދުގެ ފެކްޝަންގެ މައްޗަށް ސޯލިހުގެ ފެކްޝަން ކުރި ހޯދާފައިވެ އެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބު ކާމިޔާބުކޮށް، ޕާޓީގެ އެންމެ ބާރުގަދަ އެއް މަގާމުގައި ހުންނެވީ ވެސް ރައީސްގެ އެންމެ އެއް އަރިސް ވަޒީރު، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލެވެ. އަދި އެމްޑީޕީގެ އެންމެ އިސް ގުނަން ކަމަށްވާ އެ ޕާޓީގެ ގައުމީ މަޖިލީހުގެ އިންތިހާބުތަކަށް ފަހު އެ މަޖިލީހުގެ މެޖޯރިޓީ ވެސް އޮތީ ރައީސް ސޯލިހަށެވެ. އަދި ޕާލިމެންޓްރީ ގްރޫޕްގެ މެޖޯރިޓީ ވެސް އޮތީ ރައީސަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox