ރާއްޖޭގެ ވެރިކަންކުރާ ނިޒާމް ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ތާއީދު ނުކުރުމަކީ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަލަށް އުފައްދަވާ ދަ ޑިމޮކްރެޓްސް އިން އެހެން ޕާޓީތަކާއެކު ކުރާ މަޝްވަރާތަކުގައި މައްސަލަ ޖެހޭނެ ސަބަބެއް ނޫން ކަމަށް ބުނެފި އެވެ.
ޑިމޮކްރެޓްސްގެ ތަރުޖަމާނު އަފްޝަން ލަތީފު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، އާ ޕާޓީ އުފެއްދުމަށް މަސައްކަތް ކުރައްވާ ބޭފުޅުން އެމްޑީޕީގައި ތިއްބެވިއިރު އެހެން ޕާޓީތަކާއެކު ކުރިއަށް ގެންދިޔަ މަޝްވަރާތައް އާ ޕާޓީ އުފެދުމުންވެސް ކުރިއަށްދާނެ ކަމަށެވެ.
އެގޮތުން, އެމްޑީޕީގެ ތެރޭގައި އޮތް ފިކުރެއްގެ ދިރުން ކޯލިޝަނުން ޖުމްހުރީ ޕާޓީއާއެކު، އަންނަ ރިޔާސީ އިންތިހާބުގައި އެކުގައި މަސައްކަތް ކުރުމަށް ކުރަމުންދިޔަ މަޝްވަރާތައް ޑިމޮކްރެޓްސް އިން ކުރިއަށް ގެންދާނެ ކަމަށް އަފްޝަން ވިދާޅުވި އެވެ.
"[ޖޭޕީގެ ލީޑަރު] ގާސިމް އިބްރާހިމް އަކީ އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެންނާ ވަރަށް ގާތް ގުޅުމެއް ގެންގުޅުއްވާ ބޭފުޅެއް، މިހާރު ވެސް އެކި ކަންކަމުގައި އަޅުގަނޑުމެންނަށް އިރުޝާދު ދެއްވާ ބޭފުޅެއް.. ގާސިމް އިބްރާހިމާއި ޖޭޕީއާއެކު އޮތް އެއްވެސް މަޝްވަރާއެއް ނުހުއްޓޭނެ"
ނަޝީދު، ފިކުރެއްގެ ދިރުން އުފެއްދެވުމަށްފަހު ވިދާޅުވީ އޭރު ފެކްޝަނެއްގެ ގޮތުގައި އޮތް މިހާރުގެ ޑިމޮކްރެޓްސް ޕާޓީއިން ރިޔާސީ އިންތިހާބުގައި ތާއީދުކުރާނެ ނުވަތަ އެކުގައި މަސައްކަތް ކުރާނެ ބަޔަކު ކަނޑައެޅުމުގައި ވެރިކަން ކުރާ ނިޒާމު، ބަރުލަމާނީއަށް ބަދަލުކުރުމަށް ތާއީދުކުރާ ފަރާތަކަށް އިސްކަންދޭނެ ކަމަށެވެ.

ނިޒާމު ބަދަލުކުރުމަކީ ނަޝީދު، ޖޭޕީއަށް ހުށަހެޅި ކަންކަމުގެ ތެރޭގައި ހިމެނޭ، ނަމަވެސް ގާސިމް އެކަމާ ދެކޮޅު ކަމައް ކަމަށްވެސް ވަނީ އަޑުފެތުރިފަ އެވެ. މިކަމާ ގުޅިގެން އަފްޝަން ވިދާޅުވީ ބަރުލަމާނީ ނިޒާމަށް ތާއީދު ނުކުރުމަކީ އިންތިހާބަށް އެކުގަ މަސައްކަތް ކުރުމަށް ކުރެވޭ މަޝްވަރާތަކުގައި ޖެހޭނެ މައްސަލައެއް ނުވަތަ "ޑީލް ބްރޭކާ" އެއް ނޫން ކަމަށެވެ.
"[މަޝްވަރާތަކުގައި] ބައެއް ކަންކަން އެލައިން ވާނެ، ބައެއް ކަންކަމުގައި އެއްބަސްވެވޭނެ، ބައެއް ކަންކަމުގައި އެއްބަސް ނުވެވޭނެ، ކޮމަން ގްރައުންޑެއް އަޅުގަނޑުމެން ހޯދަން ޖެހޭނީ، އެ މަޝްވަރާތައް އަދިވެސް ކުރިއަށް ދާނެ" އަފްޝަން ވިދާޅުވި އެވެ.
އޭގެއިތުރުން އޭނާ ވިދާޅުވީ ޖޭޕީ ހިމެނޭހެން ހުރިހާ ޕާޓީއެއްގައިވެސް ބަރުލަމާނީ ނިޒާމަށް ތާއީދުކުރައްވާ ގިނަ ބޭފުޅުން އެބަ ތިއްބެވި ކަމަށާއި، ވެރިކަމުގެ ނިޒާމު ބަދަލުކުރުން ވަކި މަސައްކަތެއްގެ ގޮތުގައި އެބޭފުޅުންނާއެކު ޑިމޮކްރެޓްސް އިން ކުރިއަށް ގެންދާނެ ކަމަށްވެސް އަފްޝަން ވިދާޅުވި އެވެ.













