ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުފައްދަވަން މަސައްކަތް ކުރައްވާ ސިޔާސީ ޕާޓީ ދި ޑިމޮކްރެޓްސްއަކީ އެއްޖިންސުން ގުޅުން ފަތުރަން މަސައްކަތް ކުރާނެ ބައެއް ކަމަށް ދޭހަވާ ގޮތަށް އަދާލަތު ޕާޓީގެ އަލީ ޒައީދާއި ޑރ. މުހައްމަދު އިޔާޒް ވާހަކަ ދެއްކެވުމުން ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
ދި ޑިމޮކްރެޓްސް އުފައްދަން މިއަދު އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން ޒައިދު ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓުވިޓާގައި ލިޔުއްވީ "އެމެރިކާގެ ދަ ޑިމޮކްރެޓްސް، އާދެ! ބައިޑަން އެޑްމިނިސްޓްރޭޝަންއިން އެންމެ މަތީ ދަރަޖައަށް ވަކާލާތު ކުރަނީ އެއްޖިންސުގެ ނަޖިސް އަމަލު ހިންގުމުގެ ހައްގަށް!" ކަމަށެވެ.
އޭގެ ފަހުން ޒައިދުގެ ޓުވީޓާ ހަވާލާ ދެއްވައި ޑރ. އިޔާޒް ވިދާޅުވީ "ދިވެހިރާއްޖޭގައި އިސްލާމްދީނާ ހިލާފު ފިކުރެއް އަދި ސަގާފަތެއް ދިރުވަން ފުރުސަތު ނުދެވޭނެ" ކަމަށެވެ.
އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީ އާއި ރާއްޖޭގައި އުފައްދަން އުޅޭ ޕާޓީއާ ގުޅުވި ސަބަބެއް ޒައިދު އަދި އިޔާޒް ވިދާޅެއްނުވެ އެވެ. އެ ދެބޭފުޅުންގެ އެ ޓުވީޓު 60،000 އަށްވުރެ ގިނަ މީހުންނަށް ފެނިފައިވެ އެވެ. އަދި ވަރަށް ގިނަ ބަޔަކު ވަނީ އެ ދެ ޓުވީޓަށް ކޮމެންޓުކޮށް ކޯޓު ޓްވީޓުކޮށްފަ އެވެ.
އެންމެ ގިނަ މީހުން ފާޑުކިޔުން އަމާޒު ކުރީ އެއްވެސް ސަބަބަކާ ނުލައި، ހަމައެކަނި ކިޔާ ނަމުން އެއްވަތަރުވުމުން ދެ ޕާޓީގެ ފިކުރު ގުޅުވުމުންނެވެ.

"ރާއްޖޭގައި ތި ބުނާ ފިކުރަށްވުރެ މާ ނުބައި ފިކުރެއް އެބަ އޮތް. އިންޝާﷲ ދީނީ ތާކިހާ އަޅައިގެން ދީނުގެ ބުރުސޫރަ ހުތުރުކޮށްގެން އާމްދަނީ ހޯދާ ފިކުރެއް މި ގައުމަކު ނުދިރޭނެ،" ޒައިދަށް ރައްދު މީހަކު ބުނެފައި އޮތެވެ.
އެހެން މީހަކު ބުނެފައި އޮތީ ހަގީގަތް ޒައިދަށް ވެސް އެނގޭނެ ކަމަށާއި އޮޅުވާލަނީ ގަސްދުގައި ކަމަށެވެ
"މިޔަކީ ނަމުންވާ ކަމެއް ނޫންކަމާއި ކަމުންވާ ކަމެއްކަން އެންމެ ރަނގަޅަށް ތިޔަ ބޭފުޅާއަށް ވެސް އެނގޭނެ. 'އަދާލަތު' ކިޔައިގެން ވީ ކަމެއް އެބަ އޮތްތޯ؟،" މިސާލެއް ދެމުން އޭނާ ބުންޏެވެ.
ސޯޝަލް މީޑިއާގައި ޒައިދުގެ ޕޯސްޓަށް ކޮމެންޓު ކުރި އިތުރު މީހަކު ބުނީ ބަދުއަހުލާގީ ވާހަކަ ދެއްކުމުގެ ބަދަލުގައި ދީނާ ގުޅޭ ދުއާއެއް ހިއްސާކޮށްލި ނަމަ މާ ރަނގަޅުވީސް ކަމަށެވެ.
"ހާދަ އަވަހަކަށް އެއްޖިންސުން ގުޅުން ހިނގާ ވާހަކަ ތިޔަ ގެންނެވީ، ރީތި މޫރިތި ދުއާތައް ހިއްސާ ކޮށްލެއްވި ނަމަ މާ ފުރިހަމަ ވީސް. ބޮލުގަ އަދި ތާކިހަލެއް އޮތަސް މީހެއްގެ ހިތެއް ނޭނގޭނެތާ،" އޭނާ ބުނެފައި އޮތެވެ.
ނަޝީދު އިސްކޮށް ހުންނަވާ ޑިމޮކްރެޓްސް އުފައްދަވަން ހުށަހެޅުއްވިއިރު ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގައި މަސައްކަތް ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރަކު ވަނީ އެ ޕާޓީއާ ގުޅިފަ އެވެ. ނަޝީދު އަދިވެސް ހުންނެވީ އެމްޑީޕީގެ ރައީސްގެ މަގާމުގަ އެވެ.













