އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީއަށް ފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފެށްޓެވި "ފިކުރެއްގެ ދިރުން" އާ ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުފައްދަން ފެށި މަސައްކަތުގައި، އެ ޕާޓީއަށް ނަމަކާއި ކުލައެއް ކަނޑައަޅަން އާންމުންގެ ހިޔާލަށް ހުޅުވާލައިފި އެވެ.
ފިކުރެއްގެ ދިރުމުގެ ފަރާތުން އުފައްދާ ޕާޓީއަށް ނަމަކާއި ލޯގޯއާއި ކުލަ ކަނޑައެޅުމަށް ޓަކައި ފުރުސަތު ހުޅުވައިލީ މާދަމާ ހެނދުނު 6:00 އާ ހަމައަށެވެ. އެ ކަމަށް ހިޔާލު ހުށަހެޅުމަށް ފުރަން ޖެހެނީ އޮންލައިން ފޯމެކެވެ.
"ފިކުރެއްގެ ދިރުން" މިއީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދު ބޭނުން ކުރެއްވި ޝިއާރެކެވެ. ޕްރައިމަރީގެ ނަތީޖާއާ މެދު ސުވާލު އުފައްދަވައި އެ ނަމުގައި ފުރަތަމަ އުފެއްދީ އެމްޑީޕީގެ އެތެރޭގެ ގޮތްޕެކެވެ. އެ ހަރަކާތުން އާ ޕާޓީއެއް އުފައްދާނެ ކަން އިިއުލާނު ކުރީ އެ ހަރަކާތުގައި އިސްކޮށް އުޅުއްވި، ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެމްޑީޕީން ވަކިވުމާ އެކު ފިކުރެއްގެ ދިރުމުގެ ދެން ތިއްބެވި ޕާލަމެންޓޭރިއަނުން އެމްޑީޕީ ވަކިވުމަށް ފަހު މިދިޔަ ބުދަ ދުވަހު އެވެ.

ބުދަ ދުވަހު ބޮޑުފެންވަޅުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވީ "ފިކުރެއްގެ ދިރުން" ނަމުގައި އުފައްދާ ޕާޓީން އަންނަ ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓަކު ނެރޭނެ ކަމަށެވެ.
އެމްޑީޕީއަކީ ބިރުދެއްކުމާއި ކޮރަޕްޝަނާ ފަސާދައާއި ނަފުރަތުގެ ނެޓްވޯކަކަށް ބަދަލުވެފައިވާ ކަމަށް ތުހުމަތު ކުރައްވައި އިލްޔާސް ވިދާޅުވީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފެށީ އެކަން ބަދަލު ކުރަން އެމްޑީޕީގެ އެތެރޭން މަސައްކަތް ކޮށް ނާކާމިޔާބުވުމުން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ފެށޭ ހަފުތާގެ ތެރޭގައި އިދާރީ ކަންތައްތައް ހަމަޖައްސައި ސިޔާސީ ޕާޓީ ރަޖިސްޓްރީކުރަން އެދޭ ފޯމު ހުށަހަޅާނެ ކަމަށެވެ. އޭގެ ފަހުން ޕާޓީއަށް ހަމަކުރަން ޖެހޭ 3،000 މީހުންގެ ސޮއި ހަމަކުރުމުގެ މަސައްކަތް ފަށައި ޕާޓީ ރަޖިސްޓްރީ ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.












