ބެއިރޫތު، ލުބްނާން (މޭ 19) - ލުބްނާންގެ މަރުކަޒީ ބޭންކުގެ ގަވަރުނަރު ރިއާދް ސަލާމެހް ހައްޔަރު ކުރަަން ފްރާންސްގެ ކޯޓަކުން ނެރުނު އަމުރަކާ ގުޅިގެން އިންޓަޕޯލްގެ ރަތް ނޯޓިސް ލުބްނާންގެ ސަރުކާރަށް ފޮނުވައިފި އެވެ.
އުމުރުން 72 އަހަރުގެ ސަލާމެހްއާ ދެކޮޅަށް ގިނަ މައްސަލަތަކެއް ލުބްނާނާއި އެހެން ގައުމުތަކުގައި ވެސް ދަނީ ކުރިއަށެވެ. އެއީ މަކަރާއި ހީލަތް ހެދުމާއި މަނީ ލޯންޑާކުރުމާއި ނަހަމަ ގޮތުގައި މުއްސަނދިކަން ހޯދުމުގެ ތުހުމަތުގަ އެވެ.
ފްރާންސުން ތުހުމަތު ކުރާ ގޮތުގައި މަރުކަޒީ ބޭންކުގެ ވެރިޔާގެ ގޮތުގައި ސަލާމެހް ހޭދަކުރި 30 އަހަރުގެ ތެރޭގައި ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށް، ރިއެލް އެސްޓޭޓް ވިޔަފާރިއެއް ފުޅާކޮށް، މުއްސަނދިކަން ފޮރުވައިގެން އުޅުނެވެ.

އިންޓަޕޯލްގެ ރަތް ނޯޓިސްއަކީ ހައްޔަރު ކުރުމުގެ ބައިނަލްއަގްވާމީ އަމުރެއް ނޫނެވެ. އެކަމަކު އެ ނޯޓިސް މެދުވެރިކޮށް އެދެނީ ގައުމުތަކުގެ އެހީތެރިކަމަށެވެ. އެކަމަކު އެކި ތުހުމަތު ކުރެވޭ ރައްޔިތުން ލުބްނާނުން އެހެން ގައުމުތަކަށް ފޮނުވުން ނުވަތަ "އެކްސްޓްރަޑައިޓް" ކުރުމުގެ އުސޫލެއް ނޯވެ އެވެ.
މިދިޔަ އަހަރުގެ މާޗް މަހު، ފްރާންސާއި ޖަރުމަނު އަދި ލަގްޒެމްބޯގުން ވަނީ ސަލާމެހްގެ މުދާ ކަމަށް ބެލެވޭ 130 މިލިއަން ޑޮލަރުގެ ތަކެތި ހިފަހައްޓައިފަ އެވެ.
ޔޫރަޕްގެ އެކި ހިސާބުތަކުން ބޮޑެތި މުދަލާއި ބިންތައް ލިބުނު ގޮތާ ގުޅޭ ސުވާލު ކުރުމަށް ފްރާންސްގެ ފުލުހަށް ހާޒިރުވާން އޭނާއަށް އެންގީ މިދިޔަަ ހަފުތާގަ އެވެ.
ސަލާމެހް އެ ތުހުމަތުތައް ދޮގުކުރެ އެވެ. ލުބްނާންގައި ވެސް މައްސަލަތައް އޮތް ނަމަވެސް، އޭނާ އަދިވެސް ހުންނެވީ ގަވަރުނަރުގެ މަގާމުގަ އެވެ.










