ހިޔާލު ތަފާތުވާ ހިނދު ދަންނަކަން ނެތަމަ!

ހިޔާލު ތަފާތުވާ ހިނދު ދަންނަކަން ނެތަމަ!

މަޝްހޫރު ހަތަރު މަޒުހަބުގެ އިމާމުވެރި ބޭކަލުންކުރެ އިމާމް މާލިކްގެފާނު އެކަލޭގެފާނުގެ ދަރިވަރުންނަށް ކިޔަވައިދެއްވުމަށް އިންނެވި އެވެ. އެތަނުގެ ދޮރުކޮޅުން ބޭރުގައި އިމާމް ޝާފިޢީ އިންނެވީ މާލިކްގެފާނުގެ ދަރުސްތަކުން އިލްމު ހާސިލުކުރެއްވުމުގެ ނިޔަތުގައި ވަޑައިގެން ޖާގަލިބިވަޑައިގެންނެވީ އެތަންކޮޅުން ކަމަށްވާތީ އެވެ. އޭރު އިމާމް މާލިކްއަކީ ދުނިޔޭގެ ހަތަރު ބިތަށް މަޝްހޫރު އިމާމް ކަމަށްވީ ނަމަވެސް، އިމާމް ޝާފިޢީގެ އުމުރުފުޅުން އޭރު އެންމެ ސާދަ އަހަރެވެ. ޝާފިޢީގެފާނު އެގޮތުގެ މަތިން އެ އިންނެވީ މާލިކްގެފާނުގެ އަރިހުން ދަރިވަރުވެވަޑައިގަތުމުގެ މަތިވެރި މަގުސަދުގަ އެވެ.

ކުއްލިއަކަށް އިމާމް މާލިކްގެފާނާ ސުވާލުކުރުމަށް އެތަނަށް މީހަކު އަތުވެއްޖެ އެވެ. އަދި ސުވާލެއް އޮތްކަމުގައި ދަންނަވައި އިޒުނަ ހޯދައިގެން މީނާ މާލިކްގެފާނުގެ އަރިހުން ސުވާލެއް ކުރި އެވެ. މީނާ ބުނެ އެވެ. ތިމަންނާ އަކީ ދޫނި ވިއްކާ މީހަކީ މެވެ. ތިމަންނާ އަތުން ދޫންޏެއް ގަތް މީހަކު މިދޫނި ގޮވާ އުޅޭތޯ ސުވާލުކުރުމުން ތިދޫނި ގޮވުން ހުއްޓާލައިފިނަމަ، އަހަރެންގެ އަނބިމީހާ އެހެރީ ވަރިވެފައިކަމުގައި އަހަރެންނަށް ބުނެވިއްޖެ އެވެ. ކަލޭގެފާނަށް ވެސް އެނގިވަޑައިގަންނަވާނޭ ފަދައިން ދޫނި ނިދާ ވަގުތުގައި އަޑެއް ނުލައްވާނެ އެވެ. ކައިބޮއިއުޅޭ ވަގުތު ވެސް ގޮވާ ނޫޅޭ ނޫންތޯ އެވެ. އެހެން ވީމާ އަހަރެން ބުނި ބަހުގެ ސަބަބުން އަހަރެންގެ އަނބިމީހާ ވަރިވާނެތޯ އެވެ؟ އިމާމް މާލިކްގެފާނު ވިދާޅުވި އެވެ. ކަލޭގެ އަނބިމީހާ އެވަނީ ވަރިވެފަ އެވެ.

އެމީހާ އެތަނުން ނުކުމެ ހިނގައިގަތް ތަނުން، ދޮރުކޮޅުމަތީގައި އިންނެވި ޝާފިޢީގެފާނު އެ މީހާއަށް ގޮވާލައްވާފައި ވިދާޅުވި އެވެ. އޭ މީހާ އެވެ. ސުވާލެއް ކޮށްލަން ހެއްޔެވެ؟ ކަލޭގެ ދޫނި ގިނައިން ކުރަނީ ކޮން ކަމެއް ހެއްޔެވެ؟ ހިމޭނުން އިންނަނީ ހެއްޔެވެ؟ ނުވަތަ އަޑުއަޑު ލައްވަނީ ހެއްޔެވެ؟ އެމީހާ ބުންޏެވެ. ގިނައިން ކުރާ ކަމަކީ އަޑުއަޑުލެއްވުމެވެ. އެހެންވިއްޔާ ކަލޭގެ އަނބިމީހާ ވަރި ނުވާނެކަމުގައި ޝާފިޢީގެފާނު އެމީހާ ކައިރީގައި ވިދާޅުވި އެވެ. ދެން އެމީހާ އަލުން އެނބުރި މާލިކްގެފާނުގެ އަރިހަށް ވަޑައިގެން ދެންނެވި އެވެ. ތިމަންނާ މިތަނުން ނުކުތްތަނުން ދޮރުކައިރީގައި އިން ކަލޭގެފާނުގެ ދަރިވަރުންގެ ތެރެއިން ކުއްޖަކު ކަލޭގެފާނުގެ ފަތުވާއާ މުޅިން ހިލާފަށް ފަތުވާދެއްވައިފި އެވެ.

ދެން މާލިކްގެފާނު އިމާމް ޝާފިޢީ ހާޒިރުކޮށް ސުވާލުކުރެއްވި އެވެ. ތިޔަ ފަތުވާ ތިގޮތަށް ތިޔަ ދެއްވީ ކޮން ދަލީލެއްގެ މައްޗަށްތޯ އެވެ؟ އިމާމް ޝާފިޢީ ދެންނެވިއެވެ. ޚުދު ކަލޭގެފާނު އެތައް ބޭކަލުންނެއްގެ އަރިހުން ރިވާކުރެއްވި ހަދީސްއެވެ. އެރިވާޔަތުގައިވެ އެވެ. ދެފިރިހެނަކު ކައިވެންޏަށް އަހައިގެން އަންހެނަކު މާތް ނަބިއްޔާގެ އަރިހަށް އައިސް އިރުޝާދަކަށް ދެންނެވި އެވެ. އެހިނދު މާތް ނަބިއްޔާ ހަދީސް ކުރެއްވި އެވެ. މުއާވިޔާއާ ބެހޭ ގޮތުން ދަންނަ އެވެ. އޭނާއަކީ މުދަލެއް ހުރި މީހެއް ނޫނެވެ. އަދި އަބުލްޖަހްމްއާ ބެހޭ ގޮތުން ދަންނަ އެވެ. އޭނާއަކީ އޭނާގެ ކޮނޑުމަތިން ދުވަހަކު ދަނޑިބުރި ނަގާ މީހެއް ނޫނެވެ.

މާލިކްގެފާނު ވިދާޅުވި އެވެ. ތި ރިވާޔަތުން މިކަމަށް ދަލީލު ލިބޭ ގޮތަކީ ކޮބާ ހެއްޔެވެ؟ ޝާފިޢީގެފާނު ވިދާޅުވިއެވެ. އެއީ މާތް ނަބިއްޔާގެ ބަސްފުޅު "އޭނާއަކީ އޭނާގެ ކޮނޑުމަތިން ދުވަހަކު ދަނޑިބުރި ނަގާ މީހެއް ނޫނެވެ." މި ބަސްފުޅެވެ. މާތް ނަބިއްޔާ އެގޮތަށް ހަދީސް ކުރެއްވީ އޭނާގެ ބިޒީކަން ބަޔާންކުރެއްވުމުގެ ގޮތުންނެވެ. އޭނާ ވެސް ފާހާނާކުރާނެ އެވެ. ނިދާ ކައިބޮއިއުޅޭ ވަގުތުގައި ވެސް ދަނޑިބުރިއެއް ކޮނޑުމަތީގައި ނޯންނާނެކަން މާތް ނަބިއްޔާއަށް ވެސް އެނގިވަޑައިގަންނަވަ އެވެ. އެކަމަކު އެއީ އަރަބި ބަހުގެ ހަމައެކެވެ. ބޮޑަށް ހުންނަ ސިފައަކުން ސިފަކުރުމުގެ ހަމަ އެވެ. އެމީހާ އެހެން ބުނީ ދޫނީގައި ބޮޑަށް ހުންނަ ސިފަ ބަޔާންކުރުމުގެ ގޮތުންނެވެ. މާތް ނަބިއްޔާގެ ބަސްފުޅުގައި ވެސް އޮތީ މަޖާޒީ ސިފަކުރުމެކެވެ. އޭނާގެ ބަހުގައި ވެސް އޮތީ މަޒާޖީ ސިފަކުރުމެކެވެ.

ދެން އިމާމް މާލިކް އެމީހާއަށް ވިދާޅުވިއެވެ. ކަލޭގެ އަނބިމީހާ ވަރިއެއް ނުވެ އެވެ. އެއަށްފަހު އިމާމް ޝާފިޢީގެފާނާ ދިމާއަށް އެނބުރިވަޑައިގެން ވިދާޅުވިއެވެ. ތިބާގައި ނޫރެއްވެއެވެ. ފާފައިގެ ސަބަބުން އެނޫރު ނިވިގެން ދިޔަ ނުދޭށެވެ! ދާށެވެ! ފަތުވާދިނުމުގެ ހުއްދަ އަހަރެން ތިބާއަށް ދީފީމެވެ!

އިމާމް މާލިކްގެފާނުގެ ދަރިވަރަކު ޚުދު އެކަލޭގެފާނުގެ ބަސްފުޅު ރައްދުކުރައްވައި، އެންމެންގެ ކުރިމަތީގައި އެހެން ދަރިވަރަކު ފާޅުކުރި ހިޔާލަކީ ހަމަ އެއްވެސް މައްސަލައަކަށް މާލިކްގެފާނަކަށް ނުވިއެވެ. ކިއެއް ހެއްޔެވެ؟ މުޅި ދުނިޔެއަށް މަޝްހޫރު އިމާމް ޚުދު އެކަލޭގެފާނުގެ އަމިއްލަ ބަސްފުޅު ރައްދުކުރައްވައި، ދަރިވަރުގެ ފަތުވާ އިސްކުރައްވައި، އެއީ ރަނގަޅު ގޮތް ކަމުގައި ބަޔާންކުރެއްވީ އެކަންޏެއް ނޫނެވެ. ފަތުވާދިނުމުގެ ހުއްދަވެސް ދެއްވީ އެވެ. އިމާމް ޝާފިޢީ އިމާމް ޝާފިޢީއަކަށްވުމުގެ ފެށުން އައި ގޮތަކީ އެއީ އެވެ.

އިސްލާމްދީނުގައި ކަންކަމުގެ ހުކުމް އޮތް ގޮތް ނުވަތަ ޤުރުއާނާއި ސުންނަތުގެ އަލީގައި ކަންކަމުގައި އަމަލުކުރަންވީ ގޮތް ދެނެގަތުމުގެ އިލްމަށް ކިޔަނީ ފިޤުހު އިލްމެވެ. އިސްލާމީ ފިޤުހު އިލްމުގައި މަޝްހޫރު އެތައް ސްކޫލެއް ނުވަތަ މަޒުހަބެއް ހުރިނަމަވެސް، ވަކިން ހަތަރު ބޭކަލެއްގެ ސްކޫލް ނުވަތަ ހަތަރު މަޒުހަބެއް މާބޮޑަށް މުސްލިމުންގެ ތެރޭގައި މަގުބޫލުވެފައިވެ އެވެ. އެ މަޒުހަބުތަކުގެ ދަރިވަރުން ގިނަކަމަށްޓަކައެވެ. އޭގެ ތެރެއިން މާލިކް މަޒުހަބު ނިސްބަތް ކުރެވެނީ އިސްވެ ދިޔަ ހާދިސާގައި ދަންނަވާލެވުނު އިމާމް މާލިކަށެވެ. ޝާފިޢީ މަޒުހަބު ނިސްބަތްކުރެވެނީ އިމާމް ޝާފިޢީއަށެވެ. ޙަނަފީ މަޒުހަބު އިމާމް ޙަނަފީއަށް ނިސްބަތްކުރެވޭއިރު، ޙަންބަލީ މަޒުހަބު ނިސްބަތްވަނީ އިމާމް އަހްމަދު ބިން ޙަންބަލަށެވެ.

ކޮންމެއަކަސް އަޅުގަނޑުގެ މަގުސަދަކަށްވީ، މުސްލިމުން ރަންޒަމާނުން އާދެ! ރަށްވެހިކަމުގެ ދުވަސްވަރުގައި ޢިލްމުވެރިންގެ ހުރި އަޚްލާޤާއި ބުއްދިވެރިކަމުގެ މައްޗަށް ނަޒަރެއް ހިންގާލުމެވެ. ހަގީގީ ހާދިސާއަކުން އެކަން ހުށަހަޅާދެވިއްޖެ ކަމަށް ހީކުރަމެވެ. އިސްވެދިޔަ ހާދިސާއިން ހާމަވާ ބޮޑު މަންޒަރަކީ އިމާމް ޝާފިޢީގެ ތޫނުފިލިކަމާއި ފިޤުހުވެރިކަންތޯ ނުވަތަ އިމާމް މާލިކްގެ ހިތްތިރިކަމާއި ފިޤުހުވެރިކަންތޯ މި ސުވާލުގެ ބޭނުމެއް ނެތެވެ. އެހެނީ އެ ހާދިސާއިން ދެބޭކަލުން އިލްމުވެރިކަން އެއްވަރަށް ހާމަވާތީ އެވެ. އާދޭހެވެ! ދަންނަބޭކަލުންގެ ހިޔާލުތަފާތުވުމާއި ބަހުސްކުރުން އެހެން މީހުންނާ ތަފާތުވާންވާނެއެވެ. ދަންނަބޭކަލުންގެ ހިޔާލު ތަފާތުވުމަކީ އެބޭކަލުންގެ ދަންނަކަން އުފުލިގެންދާންވާނެ ސަބަބެއް ނޫނެވެ. ދަންނަކަމުގެ ސިފައަކީ ރަށްވެހިކަމާއި ތަހުޒީބާ ގުޅިފައިވާ މަތިވެރި އަހުލާގަށް ކިޔާ ނަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ.

އޭރުވެސް މިހާރުވެސް ޢިލްމުވެރިންގެ މެދުގައި ހިޔާލު ތަފާތު މައްސަލަތައް ފެންމަތިވެ ހިނގަމުންދެއެވެ. ތަފާތަކީ ހިޔާލު ތަފާތުވުމުގެ އަދަބާއި އަހުލާގެވެ. ދަންނަ ބޭކަލުން ދެނެގަންނަން ބޭނުންފުޅުނަމަ އެއް ބޭކަލަކު އަނެއް ބޭކަލާ ހިޔާލު ތަފާތުވާ ގަޑީގައި ބަސްމަގާއި ބަހުރުވަ ހުންނަ ގޮތަށް ބައްލަވާށެވެ. ދަންނަބޭކަލެއް ނަމަ ހިޔާލު ތަފާތުވާ ވަގުތާއި ރުޅިއިސްވާ ވަގުތުގައިވެސް ދަންނަކަމުގެ ސިފަ ފިލައި ނުދާނެ އެވެ.

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox