އާބަންކޯގެ "ސްމާޓްކޮމް" ބްރޭންޑުގެ ދަށުން ހުޅުމާލޭގައި ހަދާފައިވާ ކޮންޓެއިނަރު ޕާކުން ދޫކުރާ ދެ ކޮމާޝަލް ޖާގައަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ކޮންޓެއިނަރު ޕާކުން ދޫކުރުމަށް ހަމަޖެހިފައިވަނީ އެތަނުގެ ގްރައުންޑް ފްލޯގައި ކެފޭ އަދި ފާސްޓްފުޑް އައުޓްލެޓެއް ހިންގުމަށެވެ. މި ތަންތަން ހިންގުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލާފައި ވަނީ މެއި 28, ގެ ނިޔަލަށެވެ.
ފާސްޓްފުޑް އައުޓްލެޓް ހިންގުމަށް ދޫކުރަން ހަމަޖެހިފައި ވަނީ 1188 އަކަފޫޓުގެ ކޮންޓެއިނަރެކެވެ. އަދި, ކެފޭ ހިންގުމަށް ދޫކުރަން ނިންމާފައި ވަނީ 1165 އަކަފޫޓުގެ ކޮންޓެއިނަރެކެވެ.
އެ ދެ ކޮންޓެއިނަރު ވެސް އާބަންކޯއިން ދޫކުރާނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ. އެގޮތުން, ފުރަތަމަ ދެ އަހަރު އެތަނުގެ ކުލީގެ ގޮތުގައި ހަމަޖައްސާފައި ވަނީ ކޮންމެ އަކަފޫޓަކަށް 15ރ. ގެ ރޭޓުންނެވެ. އަދި, ބާކީ އަހަރުތައް އަކަފޫޓަކަށް 25ރ. ގެ ރޭޓުންނެވެ.
މ ކެފޭ އާއި ފާސްޓްފުޑް އައުޓްލެޓް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 5،000ރ ދައްކަން ޖެހޭނެ އެވެ.
ރެޑްވޭވް މެގަމޯލް ފަހަތުގައި ހަދާފައިވާ ކޮންޓެއިނާ ޕާކުގައި ޖުމްލަ ފަސް ތަނެއް ހިންގުމަށް އަބާންކޯއިން ވަނީ ނިންމާފަ އެވެ. އެއީ މިހާރު ދޫކުރުމަށް ހުޅުވާލާފައިވާ ކެފޭ އަދި ފާސްޓް ފުޑް އައުޓްލެޓްގެ އިތުރަށް ދެ ކޯ ވޯކިންގ ސްޕޭސް އާއި ކޮލެބޮރޭޓިވް ރޫމެކެވެ.











