ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރުނެތް ކަމަށް ކަނޑައަޅަން، ފިކުރެއްގެ ދިރުމުގެ ފަރާތުން އެންމެ މެމްބަރެއްގެ ސޮޔާ އެކު ފޯޅަވަހި ކޯލިޝަނުން މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
ޗާގޯސް ޖަޒީރާތަކަކީ މޮރިޝަސްގެ ބައެއް ކަމަށް ބަލައިގެން ރާއްޖެއާ އެ ޖަޒީރާތަކާ ދެމެދު ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުން ރާއްޖޭގެ ކަނޑުގެ ސަަރަހައްދުން ބައެއް ގެއްލިފައިވާ ކަމަށާއި އެކަމުގައި ސަރުކާރުން އިހުމާލުވެފައިވާ ކަމަށް އިދިކޮޅު ފަރާތްތައް ގުޅިގެން ސަރުކާރާ ދެކޮޅަށް ގެންދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.
އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް ކަަމަށް ކަނޑައަޅަން މަޖިލީހަށް ހުށަހެޅުމަކީ އެ މަސައްކަތުގެ ބައެކެވެ.
ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފު "އަދަދު"އަށް ވިދާޅުވި ގޮތުގައި ޝާހިދުގެ އިތުބާރު ނެތް ކަމަށް ހުށަހަޅާ މައްސަލާގައި ޕީޕީއެމް/ޕީއެންސީގެ ހުރިހާ މެމްބަރުންނާއި އެމްއެންޕީގެ ތިން މެމްބަރުން އަދި ޖުމްހޫރީ ޕާޓީގެ މެމްބަރުން ސޮއިކުރެއްވި އެވެ.
އެހެން ނަަމަވެސް, އެ މައްސަލާގައި ފިކުރެއްގެ ދިރުމުގެ ފަރާތުން ސޮއިކުރެއްވީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) އެކަންޏެވެ.

އެކަން ޖަސްޓިފައިކުރައްވަމުން އާދަމް ޝަރީފު ވިދާޅުވީ ފިކުރެއްގެ ދިރުމުގެ ހުރިހާ މެމްބަރުން ވެސް ތިއްބެވީ ސޮއިކުރައްވާ ގޮތަށް ކަމަށާއި އެހެން ނަމަވެސް އެއީ އެހާ މުހިއްމު ކަމެއް ނޫން ކަމަށެވެ.
"އެބޭފުޅުން ސޮއިކުރައްވާ ގޮތަށް ތިއްބެވީ. އެކަމަކު މީގައި އަޅުގަނޑުމެން ބެލީ ކޮންމެހެން އެއީ އެހާ މުހިއްމުކަމެއް ނޫން ކަަމަށް. މީގައި އަޅުގަނޑުމެން ބޭނުން ވަނީ އަވަހަށް މި ވައްދަން،" އާދަމް ޝަރީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ބޮންޑޭ ސޮއިކުރެއްވީ އެ ބޭފުޅުންގެ ބައިވެރިވުން އޮތުމަށްޓަކައި ރަމްޒީ ގޮތުންނެވެ.












