އާބަންކޯ ފައިނަލަށް، ތިން ވަނަ ސެމީގައި ވެމްކޯ އާއި ސިފައިން

May 17, 2023, 7:34 PM
އާބަންކޯ ޓީމުގެ ބަޓިސް (މ) މިރޭގެ މެޗުގެ ތެރެއިން އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އާބަންކޯ ޓީމުގެ ބަޓިސް (މ) މިރޭގެ މެޗުގެ ތެރެއިން އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އިންޓަ އޮފީސް/ކޮމްޕެނީ ވޮލީބޯޅަ މުބާރާތުގެ ފައިނަލުގެ ސީދާ ޖާގަ އާބަންކޯ އިން ހޯދިއިރު، ތިން ވަނަ ސެމީ ފައިނަލުގައި މާދަމާރޭ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް/ސިފައިން) ވާދަކުރަން ޖެހިއްޖެ އެވެ.

މިއަދު ހަވީރު ކުޅުނު ސެމީ ފައިނަލުގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ މައްޗަށް 3-1 އިން ކުރިހޯދައި، ވެމްކޯ އިން ވަނީ ތިން ވަނަ ސެމީ އަށް ދަތުރުކޮށްފަ އެވެ. ތިން ވަނަ ސެމީގައި މާދަމާރޭ ވެމްކޯއާ ކުޅޭ ސިފައިން ވަނީ މިރޭ ކުޅުނު ސެމީގައި އާބަންކޯ އަތުން 3-1 ސެޓުން ބަލިވެފަ އެވެ. ތިން ވަނަ ސެމީ ފައިނަލުން މޮޅުވާ ޓީމެއް އަންނަ ހޮނިހިރު ދުވަހުގެރޭ ފައިނަލުގައި އާބަންކޯއާ ކުޅޭނެ އެވެ.

ސެމީ ފައިނަލް މެޗުތަކާއި ފައިނަލް މެޗު ސޯޝަލް ސެންޓަރު އިންޑޯ އަށް ބަދަލުކުރީ، މެޗުތައް ކުރިން ކުޅެމުން އައި ހުޅުމާލޭ ޕާކް ވޮލީ ކޯޓުގައި ވިއްސާރައިގެ ސަބަބުން މެޗުތައް ކުޅެވޭ ގޮތެއް ނުވެގެންނެވެ.

Advertisement

ގްރޫޕް ސްޓޭޖުގައި ފުރިހަމަ ރެކޯޑަކާ އެކު ސެމީން ފުރުސަތު ހޯދި ސިފައިންނާއި އާބަންކޯގެ ކުރިމަތިލުން ދިޔައީ ފޯރިގަދަކޮށެވެ. މެޗުގެ ސެޓުތައް ދިޔައީ، 22-25، 25-20، 28-26 އަދި 25-23 އިންނެވެ.

ފުރަތަމަ ސެޓު ފަށައިގެން، ސިފައިންގެ ޓީމުން ވަނީ އާބަންކޯ އަށް މާ ބޮޑަށް ކުޅުމުގެ ފުރުސަތު ނުދީ އަވަސް ކުޅުމަކާ އެކު ފުރަތަމަ ސެޓުގައި ކޮންޓްރޯލް ނަގައިގެން ކުޅެ ސެޓު ގެންގޮސްފަ އެވެ. އެ ގޮތުން، ސިފައިންގެ ޓީމަށް ކުޅޭ ލަންކާގެ ކުޅުންތެރިޔާ، މަދުޝަކާ އާއި ދިވެހި ދެ އެޓޭކަރުން ކަމަށްވާ އާދަމް ނަސީމް (އެޑަމް) އާއި ހުސެއިން ރައްޒާންގެ ރަނގަޅު ކުޅުމާ އެކު އެ ޓީމުން ސެޓު ގެންދިޔަ އެވެ. އާބަންކޯ އަށް މި ސެޓުގައި ފޯމަކަށް އެޅިލައިގެން ކުޅެވޭނެ ޖާގައެއް ނުހޯދި، ޕްރެޝަރުގައި ގޯސްތަކެއް ހެދުނެވެ.

ސިފައިންގެ ޓީމުގެ އެޑަމް (މ) މިރޭގެ މެޗުގެ ތެރެއިން ޕޮއިންޓެއް ހޯދުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ދެ ވަނަ ސެޓުގައި އާބަންކޯގެ ސެޓަރު، އިޝާން މުހައްމަދު (ބަޓިސް)ގެ ތަޖުރިބާގެ ބޭނުންހިފައި ކުޅެން ފެށުމުގެ ނަތީޖާއަކަށްވީ އެ ޓީމުގެ އެޓޭކަރުންގެ ކުޅުން ފެށި އެވެ. އެ ގޮތުން، އާބަންކޯގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި ލަންކާ ކުުޅުންތެރިޔާ، ލަސިންދުގެ ބާރު ހަމަލާތައް ފެނިގެންދިޔަ މި ސެޓު، އާބަންކޯ އިން ގެންގޮސް މެޗު އެއްވަރުކުރި އެވެ.

މި މެޗުގެ އެންމެ ފޯރިގަދަވީ ތިން ވަނަ ސެޓެވެ. މި ސެޓުގެ ފަހުކޮޅުގައި އާބަންކޯގެ ޒުވާން ކުޅުންތެރިޔާ، ޝަމާއިލް ހުސެއިން ސާވިސް އިން ފުލުފުލުގައި ދެ ޕޮއިންޓް ހޯދައިދީ އެ ޓީމަށް ސެޓު ގެންގޮސްދިނުމާ ގާތަށް ޖެހިލި އެވެ. އެކަމަކު، އެ އަށް ރައްދުދީ ސިފައިންގެ ޓީމުގެ މަދުޝަކާ ވެސް ސާވިސް އިން ފުލުފުލުގައި ދެ ޕޮއިންޓް އެ ޓީމަށް ހޯދައިދީ އެއްވަރުކުރި އެވެ.

އާބަންކޯ އާއި ސިފައިން ވެސް ޕްރެޝަރުގައި ކުޅުނު މި ސެޓުގެ ފަހު ވަގުތުގައި އާބަންކޯގެ ލަސިންދު އާއި ކުޑަކާއްޓެގެ ރަނގަޅު އެޓޭކްތައް ފެނި، މި ސެޓު ގެންގޮސް އާބަންކޯ އިން މެޗުގެ ކޮންޓްރޯލް ނެގި އެވެ. އަދި ހަތަރު ވަނަ ސެޓުގައި ވެސް ތަފާތު ރޫހެއްގައި ކުޅެލައި، އެ ސެޓު ގެންގޮސް އާބަންކޯ މެޗުން މޮޅުވީ އެވެ.

އާބަންކޯގެ ކޯޗަކީ މުހައްމަދު ސާޖިދު (ކާއްޓޭ) އެވެ. މިރޭގެ މެޗުގައި މުހިންމު ވަގުތުގައި ޓައިމްއައުޓް ނަގައި، ޓީމު ހަމަޔަކަށް އެޅުވުމުގައި މުހިންމު ނިންމުންތަކެއް ނިންމި އެވެ. މިރޭގެ މެޗުގައި ރެފްރީންނާއި ލައިންޖަޖްގެ ނިންމުންތަކާ މެދު ދެ ޓީމުން ވެސް ވަރަށް ނުރުހުން ފާޅުކުރި އެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ވެމްކޯ އިން ޕޮލިހުގެ މައްޗަށް ކާމިޔާބު ހޯދީ ރަނގަޅަށް ފޯކަސް ބަހައްޓައިގެން މޮޅަށް ކުޅެގެންނެވެ. މި މެޗުގެ ފުރަތަމަ ސެޓު ވެމްކޯ އިން ގެންދިޔައީ 19-25 އިންނެވެ.

ވެމްކޯ ޓީމުގެ ކެޕްޓަން ހުޒަންޓެ ޕޮއިންޓެއް ހޯދުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ކެޕްޓަން، އަލީ ހުޒާމް (ހުޒަންޓެ) އާއި އިންޑިއާ ކުޅުންތެރިޔާ، ވިނީތު ކުމާރުގެ މޮޅު ކުޅުމާ އެކު ފުރަތަމަ ސެޓުގައި ވެމްކޯ އިން ކޮންޓްރޯލް ނެގި ނަމަވެސް، ދެ ވަނަ ސެޓުގައި ޕޮލިހުން ވަނީ ރަނގަޅު ބަދަލުތަކެއް ގެނެސްގެން، ކުޅުން ރަނގަޅުކޮށްފަ އެވެ. ޕޮލިސް ޓީމުގެ އިންޑިއާ ކުޅުންތެރިޔާ، ހިމާންޝޫ ތިޔާގީ އާއި ޒުވާން ކުޅުންތެރިޔާ، މާއިޝް މުހައްމަދުގެ ރަނގަޅު އެޓޭކްތަކާ އެކު ޕޮލިހުން 25-21 އިން ދެ ވަނަ ސެޓު ގެންގޮސް އެއްވަރުކުރި އެވެ.

އެކަމަކު، ޕޮލިހުން ދެން ކުޅުނު ދެ ސެޓުގައި ވެމްކޯ އިން ކުރި ހިތްވަރާ އަރާ ހަމަނުކުރެވުނެވެ. ވެމްކޯ ޓީމުގައި އާންމުކޮށް ސެޓަރަކަށް ކުޅެމުން އައި، އަހުމަދު ޝިމާއު ސެންޓަ ބްލޮކަރަކަށް ކުޅެ، ވެސް ޕޮއިންޓް ހޯދައިދިންއިރު، ވިނީތު އާއި ހުޒާމް ފެނިގެންދިޔައީ ވަރަށް ބޮޑަށް ފޯމަކަށް އެޅިގެން ކުޅެލިތަނެވެ. ނަތީޖާ އަކަށްވީ ފަހު ދެ ސެޓު، 23-25 އާއި 25-27 އިން ގެންގޮސް ވެމްކޯ މެޗުން މޮޅުވުމެވެ.

ތިން ވަނަ ސެމީގައި ކުޅޭ ވެމްކޯ އާއި ސިފައިން ވަނީ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ބައްދަލުކޮށްފަ އެވެ. އެ މެޗުން ސިފައިން ވަނީ ފަސޭހައިން މޮޅުވެފަ އެވެ. އެކަމަކު، ވެމްކޯގެ ކޯޗު އިބްރާހިމް ނިޒާރު (ބޮޑޭ) އާއި ސިފައިންގެ ކޯޗު، އިބްރާހިމް ފަލާހު އަބޫބަކުރު މާދަމާރޭގެ މެޗުގައި މޮޅުވާން ކުރަން ޖެހޭ ކަންކަމަށް ފޯކަސްކޮށް މުހިންމު ކަންތައްތަކެއް ބަދަލުކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox