ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން އިސްވެ އިސްތިއުފާ ނުދެއްވާނެ ކަމަށް އެ މަގާމުގައި މި ވަގުތު ހުންނެވި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ސުޕަ މެޖޯރިޓީގެ ތާއީދާއެކު ނައިބު ރައީސްގެ މަގާމަށް އީވާ ވަޑައިގަތް އިރު، އީވާ ހިމެނޭހެން ކުރީގެ ރައީސް މުހައްމަދު ނަޝީދު ފިޔަވައި އެމަނިކުފާނުގެ "ފިކުރެއްގެ ދިރުން" ފެކްޝަންގައި ހަރަކާތްތެރިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަނީ އެމްޑީޕީން ވަކިވެފަ އެވެ.
ފިކުރެއްގެ ދިރުން ފެކްޝަނުން މިއަދު ހަވީރު ފެށި ޕްރެސް ކޮންފެރެންސްގައި ނޫސްވެރިޔަކު މަޖިލީހުގެ ނައިބު ރައީސްގެ މަގާމާ ގުޅޭ ގޮތުން ސުވާލު ކުރުމުން އީވާ ފުރަތަމަ ވިދާޅުވީ އެއްވެސް މަގާމެއް އޭނާއަށް މުހިންމު ނޫން ކަމަށެވެ. އަދި މަގާމު ގެއްލިދާނެތީ ބިރު ނުގަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މަގާމެއް ދިފާއު ކުރާކަށް ނޫން، މަގާމެއް ހޯދާކަށް ވެސް ނޫން، އަޅުގަނޑު އެމްޑީޕީއަށް ވަނީކީ ވެސް، އެމްޑީޕީ އުފެއްދި އަސާސްތައް ފުނޑިގެންދާ އިރު ވެސް އެމްޑީޕީގައި މަޑުކުރާކަށް،" އީވާ ވިދާޅުވި އެވެ.
އިސްތިއުފާ ދެއްވާނެ ކަން ނުވަތަ ނޫން ކަން ވެސް ސާފުކޮށް ވިދާޅުވުމަށް "އަދަދު" ނޫހުން ފަހުން ސުވާލު ކުރުމުން އީވާ ވިދާޅުވީ އޭނާގެ ނުކުތާއަކީ އިސްތިއުފާ ނުދެއްވާނެ ކަމަށެވެ.

"އަޅުގަނޑު ވަރަށް ސާފުކޮށް މި ބުނަނީ [އަސްލު] އިސްތިއުފާ ނުދެއްވާނަން،" އީވާ ވިދާޅުވި އެވެ.
"ފިކުރެއްގެ ދިރުން" ނަމުގައި އުފެއްދި މި ފެކްޝަނުގެ ހަރަކާތްތަކުގައި އެންމެ އިސްކޮށް ހުންނަވާ އެއް ބޭފުޅަކީ އީވާ އެވެ. އެ ފެކްޝަނުގައި ނަޝީދާއި އީވާ ހިމެނޭހެން 14 މަޖިލިސް މެންބަރުން ދިޔައީ ހަރަކާތްތެރިވަމުންނެވެ.
އޭގެ ތެރެއިން މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެމްޑީޕީން ވަކިކޮށްފައި ވަނިކޮށް މިއަދު އީވާ އާއި އިތުރު 11 މެމްބަރަކު ވަނީ އެމްޑީޕީން ވަކިވެފަ އެވެ.
އެމްޑީޕީގައި މަޑުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެ ޕާޓީގެ ރައީސްގެ މަގާމު ވެސް ފުރުއްވާ ނަޝީދު އެކަންޏެވެ. ނަޝީދުގެ ފެކްޝަން ބޭފުޅުން އެމްޑީޕީން ދުރަށް ޖެހުނު ނަމަވެސް ނަޝީދު ޕާޓީގައި މަޑުކުރެއްވި ސަބަބެއް ސާފެއް ނޫނެވެ. އެ ސުވާލަށް ކޮންފެރެންސްގައި ވެސް ޖަވާބެއް ނުދެ އެވެ.
އެނގިފައިވާ ގޮތުގައި، އެމްޑީޕީން އީވާ މިއަދު ވަކިވުމުން އެ ޕާޓީގައި މިހާރު ތިއްބެވި މެންބަރުން ގެންދަވަނީ އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އެކަމަށް ބޭނުންވާ ސޮއި ވެސް މިހާރު ވަނީ ހަމަކޮށްފަ އެވެ.
މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު އެ މަގާމުން ވަކިކުރަން ހުށަހެޅޭނީ މަޖިލިހުގެ ޖުމުލަ މެމްބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެމްބަރުންގެ ސޮޔާއެކު ހުށަހަޅާ ގަރާރަކުންނެވެ. އެއީ މިހާރު ތިއްބެވި 87 މެންބަރުންގެ ތެރެއިން 22 މެމްބަރުންގެ ސޮޔެވެ.
ގާނޫނުއަސާސީގައިވާ ގޮތުން ނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް ދެބައިކުޅަ އެއްބައި މެންބަރުންގެ ވޯޓުން ފާސްވާނެ އެވެ. އެއީ 43 މެންބަރުންނެވެ. އެ އަދަދަށް އެމްޑީޕީގެ ޕީޖީގައި މެމްބަރުން ތިއްބަވާނެ އެވެ.













