ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފިޔަވައި "ފިކުރެއްގެ ދިރުން" ފެކްޝަންގެ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެމްޑީޕީން ވަކިވެއްޖެ އެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގައި މީގެ ކުރިން 68 މެންބަރުން ތިއްބެވިއިރު، ނަޝީދުގެ ފެކްޝަނުގައި އެމަނިކުފާނު ހިމެނޭހެން 14 މެންބަރުން ދިޔައީ ހަރަކާތްތެރިވަމުންނެވެ.
އޭގެ ތެރެއިން މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ޕާޓީން ވަކިކުރަން އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން ނިންމާފައިވަނިކޮށް، ބާކީ ތިއްބެވި މެންބަރުން 12 މެންބަރުން ޕާޓީން ވަކިވި ސިޓީ އެމްޑީޕީގެ އިދާރާއަށް ލިބިފައިވާ ކަން "އަދަދު" ނޫހަށް ވަނީ ޔަގީންވެފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲގެ ސިޓީ ވެސް ހިމެނޭ ކަން އެނގިފައިވެ އެވެ.
އެމްޑީޕީން ވަކިވާން ނިންމި މެންބަރުން
- ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ
- މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު
- މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު
- ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް
- މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ
- ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް
- ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް
- ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން
- ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް
- މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން
- އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު
- ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ޒާހިރު
މި 12 މެންބަރުންގެ އިތުރުން އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް (ޝިއްޕެ) އާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ދާދި ފަހުން ވަކިކުރި ހުސައިން އަމްރު ވެސް ޕާޓީން ވަކިވި ކަމަށް އަންގައި ސިޓީ ފޮނުވާފައިވާ ކަން އެނގިފައިވެ އެވެ.

މިއާއެކު މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ މެންބަރުންގެ އަދަދު 56 އަށް ވަނީ ތިރިވެފަ އެވެ. އޭގެ ތެރޭގައި މައްޗަންގޯޅި މެދު ދާއިރާ ތަމްސީލް ކުރައްވާ މެންބަރުގެ ގޮތުގައި ނަޝީދު ވެސް ހިމެނޭނެ އެވެ.
ނަޝީދުގެ ފެކްޝަންގައި އިސްކޮށް ހަރަކާތްތެރިވަމުން އައި އިސް ބަޔަކު ޕާޓީން ވަކިވިއިރު، އެ ފެކްޝަންގެ ޕްރެސް ކޮންފެރެންސެއް މިއަދު ހަވީރު 5:00 ޖަހާއިރަށް ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ.













