މިސްރުން ފުރައިގެން ދިވެހިރާއްޖެ އަށް ދަތުރު ކުރި އެފްއެސްއެމްގެ ދެ ތެޔޮ ބޯޓެއް އެފްރިކާގެ އެރިތުރިއާގައި ބޯޓުގެ ފަޅުވެރިންނާއެކު ތާށިވެެފައި އޮންނަތާ ތިން ހަފުތާއެއްހާ ދުވަސް ވެއްޖެ އެވެ.
މިސުރުގައި ބަނދެގެން، ރާއްޖެ ގެންނަން މަސައްކަތް ކުރި އެ ދެ ބޯޓު ރަތް ކަނޑުގެ އައްސޭރީގައި އޮންނަ އެރިތުރިއާގައި ތާށިވީ، ވަރަށް ބޮޑަށް މޫސުން ގޯސްވެ ދަތުރު ނުކުރެވިގެން އެ ގަައުމަށް ބަނދަރު ކުރުމުން، ހުއްދަ ނުހޯދައި ބަނދަރު ކުރި ކަމަށް ބަލައިފަ އެވެ.
"އެއީ އެހާ ބޮޑެތި ބޯޓު ތަކެއް ނޫން، ބަނދަރަށް ވަންނަން ކޯލް ވެސް ކުރި އެކަމަކު ނުގުޅުނު، ދެ ބޯޓު އެ ގައުމަށް ވަނީ މޫސުން ގޯސްވެ، އެއް ބޯޓުގެ ހުންގާނު ސިސްޓަމަށް [އޮޓޯ ސިސްޓަމަށް] ވެސް މައްސަލަ ދިމާވެ، އެމެޖެންސީ ހާލަތުގައި، ހުއްދަ ނުހޯދާ ވަން ކަމަށް ބަލާފައި ހިފަހައްޓާފައި ވަނީ،" އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް ވިދާޅުވި އެވެ.
އެ ދެ ބޯޓުގައި ތިބީ ހަތަރު ދިވެހިންނާއި މިސުރުގެ ހަތަރު ފަޅުވެރިއެކެވެ. ދެ ބޯޓު އެ ގައުމުގައި ބަނދަރުކުރީ އޭޕްރީލް 26، ވަނަ ދުވަހެވެ.

އެފްއެސްއެމް އިން މިދިޔަ އަހަރު ރާއްޖެ ގެނައި ތެޔޮ ބޯޓު: ހިފަހައްޓާފައި ވަނީ ވެސް މީގެ ދެ ބޯޓު-- ފޮޓޯ އެފްއެސްއެމް
އޭނާ ވިދާޅުވީ ބޯޓުގަ ތިބި މީހުންގެ ހާލު ރަނގަޅު ކަމަށާއި ދެ ފަހަރެއްގެ މަތިން ކާބޯ ތަކެތި ވެސް ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި އެ ދެ ބޯޓާއެކު ދިވެހި އަމިއްލަ ކުންފުންޏެއްގެ ބޯޓެއް ވެސް އެރިތުރިއާގައި ތާށިވެފައިވާ ކަމަށް ވެސް ގަސަމް ވިދާޅުވި އެވެ.
ގަސަމް ވިދާޅުވީ އެ ދެ ބޯޓަކީ ރާއްޖޭގެ އެތެރޭގައި ދުއްވުމަށް ގެންނަ، 250 ހާސް ލިޓަރުގެ ކެޕޭސިޓީގެ ބާޖު ގޮތަށް ހަދާފައިވާ ދެ ބޯޓު ކަމަށެވެ.
ގަސަމް ވިދާޅުވި ގޮތުގައި ފޮރިން މިނިސްޓްރީ އާއި ގުޅުން ހުރި ގައުމުތަކުގެ އެމްބަސީތައް މެދުވެރިކޮށް، އެރިތުރިއާގެ ކަމާ ބެހޭ ފަރާތްތަކާއި ވާހަކަ ދައްކައިގެން ބޯޓުތައް ދޫކޮށްލާތޯ އަންނަނީ މަސައްކަތް ކުރަމުންނެވެ.
"އެރިތުރިއާ އަކީ ސިޔާސީ ގޮތުން ރާއްޖެ އާ ގުޅުން ބޮޑު ގައުމެއް ނޫން، ފޮރިން މިނިސްޓްރީ މެދުވެރިކޮށް އެމްބަސީތައް މެދުވެރިކޮށް އެބަ މަސައްކަތް ކުރަން،" ގަސަމް ވިދާޅުވި އެވެ.
އެފްއެސްއެމް އިން މިދިޔަ އަހަރު ތެރޭގައި ވެސް ވަނީ މިސުރުގައި ބަނދެގެން ދެ ބޯޓު ރާއްޖެ ގެނެސްފަ އެވެ. އެ ދެ ބޯޓަކީ 2019 އަހަރު ވެފައިވާ އެއްބަސްވުމެއްގެ ދަށުން މިސުރުގެ ކުންފުންޏަކާއި ބަންނަން ހަވާލުކޮށްފައިވާ ބޯޓު ތަކުގެ ތެރެއިން ދެ ބޯޓެވެ.











