ޓިއުރިން (މެއި 11) - ޔުވެންޓަސްގެ ޓްރާންސްފާ ޑީލްތަކުގައި މަކަރުހެދުމާއި ކްލަބްގެ މާލީ މުއާމަލާތްތަކުގެ ލިޔެކިޔުންތައް އޮޅުވާލާފައިވާ ކަަމަށް ބުނެ، އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން އަންގައިގެން ޔުވެންޓަސްގެ 15 ޕޮއިންޓް އުނިކުރި ނަމަވެސް މިދިޔަ މަހު ކޯޓުން އަންގައިގެން އަލުން އެ ޕޮއިންތައް ދިންއިރު، އެ މައްސަލައިގެ އާ އަޑުއެހުމެއް ކޯޓުގައި ތާވަލުކޮށްފި އެވެ.
އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން ބެލި މައްސަލައިގައި ޔުވެންޓަސް އަތުން 15 ޕޮއިންޓް އުނިކުރީ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ.
އިޓަލީގެ ކުޅިވަރުގެ ކަންތައްތަކާ ބެހޭ އެންމެ މަތީ ކޯޓުގައި ޔުވެންޓަސް އިން ކުރި އެޕީލްގެ މައްސަލަ ކާމިޔާބުވެ، މައްސަަލަ އަލުން ބަލަން އެންގުމާ އެކު، ކޯޓުން އޭޕްރީލް 20 ވަނަ ދުވަހު، އަންގާފައިވަނީ މައްސަަލައިގެ އަޑުއެހުންތައް ފަށައިގެން ނިމުމަކާ ހަމައަށްދިއުމަށް ދާންދެން، ޔުވެންޓަސް އަތުން 15 ޕޮއިންޓް އުނިކޮށްފައި ނުބޭއްވޭނެ ކަމަށެވެ.
އަލުން އެ މައްސަލަ އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން ބަލައި، ކޯޓަށް ވަނީ ފޮނުވައިފަ އެވެ. ކޯޓުން މި މައްސަލައިގައި މި މަހު 22 ވަނަ ދުވަހު ގޮތެއް ނިންމާނެ އެވެ. ރިޕޯޓްތައް ބުނާގޮތުން މި ފަހަރު ޔުވެންޓަސް އަށް އައުން ގާތީ 5-10 ޕޮއިންޓާ ދެމެދުގެ އަދަދެއްގެ ޕޮއިންޓް އުނިކުރުމެކެވެ.
ލީގުގައި ބާކީ ޔުވެންޓަސް އަށް އޮތީ ތިން މެޗެވެ. އެ ޓީމު ލީގުގެ ދެ ވަނައިގައި އޮތީ ފަސް ވަނައިގައި އޮތް އޭސީ މިލާނަށް ވުރެ ތިން ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. ޔުވެންޓަސް އަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަނެވެން އޮތީ މި ފަހަރުގެ ލީގުގެ ގަދަ ހަތަރެއްގައި ނިންމައި، އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައިވެގެންނެވެ.












