ހޭންޑްބޯޅަ އަކީ ގިނަ ބަޔެއްގެ މެދުގައި މަގުބޫލު ކުޅިވަރެއް ކަމަށާއި އެކަން ރަށްރަށަށް ދިއުމުން ލިބޭ "ރިކުއެސްޓްތަކުން" ވެސް އެނގޭ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މަހުލޫފް މި ގޮތަށް ވިދާޅުވީ މި މަހު 13-17 އަށް ބަންގްލަދޭޝްގައި ބާއްވާ އައިއެޗްއެފް ޖޫނިއާ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ 19 އަހަރާއި 17 އަހަރުން ދަށުގެ ގައުމީ އަންހެން ހޭންޑްބޯޅަ ޓީމަށް ޖޯޒީ ހަވާލުކުރުމަށް އިއްޔެ ބޭއްވި އިވެންޓްގައި ވާހަކަ ދައްކަވަމުންނެވެ.
އެ ގޮތުން، މިނިސްޓަރު ވިދާޅުވީ މި ސަރުކާރު އައިއިރު، ރާއްޖޭގެ ގައުމީ ހޭންޑްބޯޅަ މުބާރާތް ކުޅެމުންދިޔައީ ވެލީގައި ކަމަށެެވެ. އަދި އެ ހާލަތުގައި އެންމެ ފުރަތަމަ ހޭންޑްބޯޅައިން އެދުނީ ރަނގަޅު ފެންވަރަކަށް ކުޅެލެވޭނެ ވަރުގެ ކޯޓެއް އަޅައިދިނުމަށް ކަމަށެވެ.
"އަޅުގަނޑުމެންގެ ކެޕޭސިޓީ ހުރި ވަރުން އެކަން ކޮށްދެވިއްޖެ (ރަނގަޅު ފެންވަރުގެ ކޯޓެއް އެޅިއްޖެ)، މިއަދު މި ދައްކަނީ އެތަން ހިޔާކޮށް އިންޑޯ އަކަށް ހެދޭނެ ވާހަކަ،" މިނިސްޓަރު ވިދާޅުވި އެވެ.
"ރާއްޖޭގެ ރަށްރަށަށް ދިޔައީމަ މި ވަގުތު އަޅުގަނޑުމެންނަށް ރިކުއެސްޓް ކުރަނީ، ހޭންޑްބޯޅަ މި ވަގުތު ރާއްޖޭގައި އޮތީ ވަރަށް ޕޮޕިއުލާ (މަގުބޫލު) ކުޅިވަރެއްގެ ގޮތުގައި. ކޮންމެ ރަށަކަށް އެރިޔަސް، ހާއްސަކޮށް އަންހެން ބޭފުޅުންގެ ރިކުއެސްޓަކަށްވާނީ ހޭންޑްބޯޅަ ކޯޓެއް އަޅައިދޭށޭ. މި ހުރިހާ ކަމަކަށް އިޖާބަދީ މި ކުޅިވަރު ކުރިއެރުވުމަށް ބައިވަރު މަސައްކަތްތަކެއް ކުރެވޭ،"
މިނިސްޓަރު ވިދާޅުވީ ދާދި ފަހުން ގދ. ތިނަދޫގައި ގާއިމްކުރި ހޭންޑްބޯޅަ ކޯޓު ފެންވަރުގެ ކޯޓުތައް އިތުރު އެހެން ރަށްރަށުގައި ވެސް އަޅަން މަސައްކަތް ކުރިއަށްދާ ކަމަށެވެ.
އަދި އެންމެ ބޮޑު މަސައްކަތެއްގެ ގޮތުގައި އިންޑޯ ހޭންޑްބޯޅަ ކޯޓުތަކެއް ރާއްޖޭގެ ގާތްގަނޑަކަށް 11 ރަށެއްގައި އެޅުމަށް މަސައްކަތް ކުރާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"އުންމީދުކުރަނީ މި އަހަރު ތެރޭ ސޮއިކުރެވި އޭގެ އަމަލީ މަސައްކަތް ފެށުމަށް. މި ހުރިހާ ކަމެއް ފުރިހަމަ ވެގެން އަސްލު ދާން ބޭނުންވާ އަމާޒަށް ދެވޭނީ އޭގެ ކުރިން މި ޖެހެނީ ހުރި އެއްޗެއްގެ ބޭނުން ކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.
މިހާރު ކުޅިވަރު ކުޅެނީ "ނަތީޖާ ނެރެން"، އޭގެ ކާމިޔާބު ވެސް ލިބޭ
މިނިސްޓަރު މަހުލޫފް ވިދާޅުވީ "ކުޅިވަރު، މީގެ ވިއްސަކަށް އަހަރު ކުރިން ހަމައެކަނި ބައިވެރިވެލާ އުސޫލުން ސަކަރާތްޖަހާލާ އުސޫލުން ދިޔަ ދިއުން ނިމިފައި އޮތް" ކަމަށެވެ. އަދި އެ ކަމުގެ އަސްލެއްގެ ގޮތުގައި ފެންނަން އޮތް ކަންކަމުގެ ތެރޭގައި ކުޅިވަރުގެ އިވެންޓްތަކަށް މީހުން ދޭ އަހައްމިއްޔަތުކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އެ ގޮތުން، އިއްޔެ ހޭންޑްބޯޅަ ޓީމުގެ ޖޯޒީ ހަވާލުކުރުން ކުލަގަދަކޮށް ކުރިއަށްގެންދަން ރާވާފައި އޮތް އޮތުން ވެސް މިނިސްޓަރު ފާހަގަކުރެއްވީ ބޮޑު ކަމެއްގެ ގޮތުގަ އެވެ.
ރާއްޖޭގެ ކޮންމެ ކުޅިވަރެއްގެ ކުޅުންތެރިން ވެސް ވިސްނަން ޖެހޭނީ ލިބޭ ކިތަންމެ ކުޑަ ފުރުސަތެއްގެ ވެސް ބޭނުން އެންމެ ފުރިހަމަ އަށް ހިފަން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެންމެ ފުރަތަމަ ކަަމަކަށް ގަބޫލުކުރަން ޖެހޭ ކަމަކީ އަމިއްލަ އަށް ތިމަންނަ މެންނަށް ވާނެއޭ. ތިމަންނަމެން މޮޅުވާނޭ، ތިމަންމަ މެންނަށް މެޑަލް ލިބޭނެއޭ. އެ ހިސާބުން ފަށައިގެން ނަތީޖާ އަޅުގަނޑުމެންނާ ހަމައަށް އަންނާނީ. ދެން އޮތް ގައުމު މާ ބޮޑު ވެގެން، އެ ގައުމުގައި ތިބި ރައްޔިތުންގެ ގިނަވެގެން އެކަން ނުވާނެކަން ގަބޫލުކޮށްފިއްޔާމު، އެ ތިބީ ފުރަތަމަ ފަށާއިރު ވެސް ބަލިވެފައި،" މިނިސްޓަރު ވިދާޅުވި އެވެ.
"ގަބޫލުކުރަންވީ އަޅުގަނޑުމެންގެ ކެރި ފޯރުންތެރިކަން ހުރި ވަރުން ތައްޔާރުވެވެން އޮތް އެންމެ ރަނގަޅަކަށް ތައްޔާރުވެގެންނޭ މި ދަނީ. ތިމަންނަ މެން ގޮސްފައި އަންނާނީ މެޑަލް އެއް ހިފައިގެންނޭ. އެ ޔަގީންކަމާ އެކު ތިބެންވާނީ،"
މިނިސްޓަރު ވިދާޅުވީ އިދިކޮޅު ޓީމުގެ ރޭންކަށް ނޫނީ ތިބި ކުޅުންތެރިން މޮޅުވާނެ ކަމަށް ބަލައި ކުޅެން އެރުމުގެ ބަދަލުގައި ހުރި ހިތްވަރެއް ލައިގެން މަސައްކަތް ކޮށް މެޗުން މެޗަށް ކުރިއެރުން ހޯދޭނެ ވިސްނުމެއް ދިވެހި ކުޅުންތެރިން އިސްކުރަން ޖެހޭ ކަމަށެވެ.
ރާއްޖޭގެ ކުޅިވަރު ކުޅުންތެރިންގެ ބެލެނިވެރިން ވާ ގުރުބާނީ އަށް ޝުކުރު އަދާކުރަންޖެހޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އަދި 17 އަހަރާއި 19 އަހަރުން ދަށުގެ ގައުމީ އަންހެން ހޭންޑްބޯޅަ ސްކޮޑު އިއުލާނުކުރުމުގެ ހަބަރު ސޯޝަލް މީޑިއާގައި ހިނގިއިރު، މިނިސްޓަރު ވިދާޅުވީ އެންމެ އުފާވީ މި ޓީމުތަކުގައި މާލޭން ބޭރުގެ ކުޅުންތެރިން ގިނައިން ހިމެނިފައިވާތީ ކަމަށެވެ.
"އެއީވެސް ރަނގަޅު މެސެޖެއް ލިބުނު ކަމެއް، އެއީ ސަރުކާރުން ކުޅިވަރު ތަރައްގީ ކުރާއިރު، އެ ރަށްރަށާ މެދު ވިސްނަން ޖެހޭކަން ދައްކުވައިދޭ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވަނީ މި ފަދަ ޖޫނިއާ މުބާރާތްތަކުން ލިބޭ ފުރުސަތުގެ ބޭނުންހިފައި، ސީނިއާ ޓީމަަށް އަރަން ވެސް ކުޅުންތެރިން މަސައްކަތް ކުރަން އަޒުމުކަނޑަަޅަން ހިތްވަރު ދެެއްވައިފަ އެވެ.












