މުސާރަ ބޮޑުކުރުމުން އިންފްލޭޝަން މަތިވެދާނެތަ؟

އާޓު ވޯޓު: ރައްޔާނު މުހައްމަދު (ރައިޑޭ) / އަދަދު

އާޓު ވޯޓު: ރައްޔާނު މުހައްމަދު (ރައިޑޭ) / އަދަދު

ވޭތުވެދިޔަ އަހަރުތަކުގައި ސަރުކާރުން ވަނީ ދައުލަތުގެ އެކިއެކި އިދާރާތަކާއި މުވައްސަސާތަކުގެ މުވައްޒަފުންގެ މުސާރަ އެކި ފަހަރުމަތިން ބޮޑުކޮށްފަ އެވެ. ޓީޗަރުންގެ މުސާރަ އާއި، ޔުނިވަސިޓީ ލެކްޗަރާއިންގެ މުސާރަ ބޮޑުކޮށްފި އެވެ. އެންމެ ފަހުން ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އެވެ. ސަރުކާރުގެ ޕްލޭނަކީ ޕޭ ހާމަނައިޒޭޝަންގެ ދަށުން ހުރިހާ ސިވިލް ސާވަންޓުންނާއި، ފުލުހުންނާއި ސިފައިންނާއި، ޝަރުއީ ދާއިރާގެ މުވައްޒަފުންނާއި އިމާމުންނާއި މުދިމުންނާއި ޖުމްލަކޮށް ޕަބްލިކް ސެކްޓަރުގެ ގިނަ ބައެއްގެ މުސާރަ ބޮޑުކުރުމެވެ. އެމްއެމްއޭ ކަހަލަ މިނިވަން މުއައްސަސާތަކުންވެސް މިފަހުން ވަނީ މުސާރަ ބޮޑުތަނުން ބޮޑުކޮށްފައެވެ. މިގޮތަށް މުސާރަ ބޮޑުކުރާއިރު ބައެއް ފަރާތްތަކުން އަބަދުވެސް އުފައްދާ ސުވާލަކީ އެކަމުގެ ސަބަބުން އިންފްލޭޝަން މަތިވެދާނެތޯއެވެ. މިއީ ރާއްޖޭގައި އެކަނި ކުރެވޭ ސުވާލެއް ނޫނެވެ.

އިނގިރޭސިވިލާތުގައި ވެސް ހަމަ މިސުވާލަށް ވަނީ މި ފަހުން ވަރަށް ގިނަ ބަހުސްތަކެއް ކޮށްފަ އެވެ. ޔަގީން ކަށަވަރު އެއްކަމެއް އެބައޮތެވެ. އިންފްލޭޝަންގެ ސަބަބުން މުސާރައަށް ނުހަނު ބޮޑު އަސަރެއް ކުރެ އެވެ. ސަބަބަކީ އިންފްލޭޝަން ބޮޑުވުމުން، ލިބޭ މުސާރައިން ގަންނަން ލިބޭ މުދަލާއި ހިދުމަތުގެ މިންވަރު މަދުވެ އެވެ. ނަމަވެސް މުސާރަ ބޮޑުކުރުމުން އެކަމުގެ ސަބަބުން އިންފްލޭޝަނަށް ނުރަނގަޅު އަސަރެއްކުރޭބާ އެވެ؟

titledesc

Advertisement

ރާއްޖެއަށް ހާއްސަ ޓެކްނިކަލް ދިރާސާއެއް ކޮށްފައިވާކަން އެނގޭކަށް ނެތް

މުސާރަ އާއި އިންފްލޭޝަނާއި އޮތް ސީދާ ގުޅުމުގެ މައްޗަށް، ނުވަތަ ވޭޖް ޕްރައިސް ސްޕައިރަލް ޓްރާންސްމިޝަން މެކޭނިޒަމާއި ގުޅޭ ގޮތުން ރާއްޖެއަށް ހާއްސަ ސައިންޓިފިކް ދިރާސާއެއް ކޮށްފައިވާކަން އެނގޭކަށް ނެތެވެ. އިންފްލޭޝަނާއި ގުޅޭ ގޮތުން އަދި އިންފްލޭޝަން ފޯކާސްޓްކުރުމާއި ގުޅޭ ގޮތުން އެމްއެމްއޭއިން ވަނީ ތިން ޓެކްނިކަލް ދިރާސާއެއް، ވެބްސައިޓްގައި ޝާއިރުކޮށްފަ އެވެ. އެކަމަކު މީގެ އެއްވެސް ދިރާސާއަކުން މި ދެނެގަންނަން ބޭނުންވާ ކަމެއް ސާފެއް ނުވެ އެވެ. ސަބަބަކީ އެ ދިރާސާތައް ހެދިފައިހުރީ އިންފްލޭޝަނާ ގުޅޭ އެހެން ކަންކަން ދެނެގަތުމަށް ކަމަށްވާތީ އެވެ. މިގޮތުން ޝާއިރުކޮށްފައިވާ ފުރަތަމަ ދިރާސާގައި ބަލާފައިވަނީ އެކްސްޗޭންޖް ރޭޓާއި އިންފްލޭޝަނާއި ދެމެދުގައިވާ ގުޅުމުގެ މައްޗަށެވެ. ދެވަނަ ދިރާސާގައި ބަލާފައިވަނީ އިންފްލޭޝަންގެ ޓައިމް ސީރީޒް ޑޭޓާއިން އިންފްލޭޝަން އަންދާޒާކުރުމަށެވެ. އެންމެ ފަހުން މި މާރޗު މަހުގައި ޝާއިރުކުރި ދިރާސާގައި ބަލާފައިވަނީ ހެޑްލައިން އިންފްލޭޝަންގެ ޓްރެންޑް ދަނެގަތުމަށް ތަފާތު ދެވައްތަރެއްގެ ކޯ އިންފްލޭޝަން ބޭނުންކުރުމާއި އޭގެ ޕާފޯމަންސްގެ މައްޗަށެވެ. އެމްއެމްއޭއިން މިނޫނަސް އިތުރު ދިރާސާތަކެއް ކޮށްފައި، ޝާއިރުނުކޮށް ހުރުމަކީވެސް އެކަށީގެންވާކަމެކެވެ. އެހެންކަމުން އެފަދަ ކަރުދާހެއްގައި ސައިންޓިފިކްކޮށް ޖަވާބުދެވޭ މޮޑެލްއެއް/ މެކޭނިޒަމެއް ދިރާސާކޮށް، ރާއްޖެއަށް އެޕްލައިކޮށްފައި ހުރިކަމެއް ނުވަތަ ނެތްކަމެއް ދަންނަވާކަށް ނޭނގެ އެވެ. މިސުވާލަށް ޖަވާބު ދެވޭނީ މެކްރޯއިކޮނޮމިކް ވޭރިއަބަލްއެއް ގޮތަށް މުސާރަ ހިމެނިގެން ތަރައްގީކުރެވިފައި ހުންނަ މޮޑެލް، ނުވަތަ މޮޑެލް ތަކަކުންނެވެ. ކަން މިހެން ހުރުމާއިއެކު، މިހާރު ދުނިޔޭގައި ރާއްޖެއާއި އެއްމަގަކަށް ކަންކަން ހިނގަމުންދާ ބައެއް ގައުމުތަކުގެ ތަޖުރިބާއަށާއި އެގައުމުތަކުގެ ސަރުކާރުތަކުގެ ވިސްނުމަށް ބަލާލުން ކޮންމެހެން ބޭނުންތެރިއެވެ.

އިނގިރޭސިވިލާތުގައި ކަންވަމުންދާ ގޮތް

ޔޫކްރޭން-ރަޝިޔާ ހަނގުރާމަ ފެށުމުން ތެލާއި ކާނާގެ ބާވަތްތަކުގެ އަގު މައްޗަށް ގޮސް، ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއްގޮތަށް އިނގިރޭސިވިލާތުގައި ވެސް އިންފްލޭޝަން ވަރަށް މައްޗަށް އެރި އެވެ. އަދި ފަހުގެ ތާރީހެއްގައި މި ގައުމުގައި އިންފްލޭޝަން މައްޗަށް ނުދާހާ މިންވަރަށް، 10 ޕަސެންޓަށްވުރެ މައްޗަށް އެރިއެވެ. އިނގިރޭސިވިލާތުގެ މަރުކަޒީ ބޭންކް، ބޭންކް އޮފް އިންގްލެންޑްގެ އިންފްލޭޝަން ޓާގެޓަކީ ދެ ޕަސެންޓެވެ. އެއީ ސިޔާސަތެއް ގޮތަށް އެ ގައުމުގައި އިންފްލޭޝަން ހިފަހައްޓާ މިންވަރެކެވެ. އެ ޓާގެޓަށްވުރެ އިންފްލޭޝަން ދަށްކުރުމެއް ނޯވެ އެވެ. އަދި މަތިކުރުމެއްވެސް ނޯވެ އެވެ. އެ ޓާގެޓަށް ވާސިލްނުވާ ފަހަރަކުތަކުގައި މަރުކަޒީ ބޭންކުން އެ ގައުމުގެ ޗާންސެލާ އޮފް އެކްސްޗެކާ (ފައިނޭންސް މިނިސްޓަރު) އަށް ސަބަބު ބަޔާންކޮށް ސިޓީއެއް ފޮނުވަ އެވެ. މިފަހުން އިންފްލޭޝަން މިވަނީ ޓާގެޓަށްވުރެ އަށް ޕޮއިންޓް މައްޗަށް ޖެހިލައިފަ އެވެ. މިދަނޑިވަޅުގެ ބޭނުން ހިފައި، ޕަބްލިކް ސެކްޓަރުގެ ވަރަށް ގިނަ މުވައްޒަފުން ވަނީ މުސާރަ ބޮޑުކުރަން ސަރުކާރަށް ގޮވާލާ ހަޅުތާލުކޮށްފަ އެވެ. ސަބަބަކީ ލިބޭ މުސާރަ އެއްވަރެއްގައި ހިފެހެއްޓިފައި ހުރިއިރު، ތަކެތީގެ އަގުތައް މާ މައްޗަށް އަރައިގެން ދިޔުމުގެ ސަބަބުން ރައްކާކުރެވޭ ފައިސާގެ އަދަދު މަދުވުމެވެ. ނުވަތަ ގަންނަން ލިބޭ ތަކެއްޗާއި ހިދުމަތުގެ އަދަދު މަދުވުމެވެ. އަދި ޕްރައިވެޓް ސެކްޓަރުން މުސާރައަށް ބަދަލުތަކެއް ގެނެސްފައިވާތީ އެވެ. އިނގިރޭސި ސަރުކާރުން އެ މުވައްޒަފުންނާއި އެމުވައްޒަފުން ތަމްސީލްކުރާ ޓްރޭޑް ޔޫނިއަންގެ ޑިމާންޑްތަކަށް މާބޮޑު އިޖާބައެއް އޭރު ނުދިނެވެ. ސަރުކާރުގެ ސްޓޭންޑަކަށް ވީ އިންފްލޭޝަން ރެކޯޑު މިންވަރަށް މަތިވެފައި އޮތް ދަނޑިވަޅެއްގައި މުސާރަ ބޮޑުކޮށްފި ނަމަ އިންފްލޭޝަން އިތުރަށް މައްޗަށް އެރުމުގެ ފުރުސަތު އޮންނާނެ ވާހަކަ އެވެ. ސަރުކާރު އެކަންޏެއް ނޫނެވެ. މަރުކަޒީ ބޭންކްގެ ގަވަރުނަރު އެންޑްރޫ ބެއިލީގެ ވާހަކަ ވެސް ހުރީ ހަމަ މިމޭރުމަށެވެ. މަސައްކަތްތެރީން އެ ދަނޑިވަޅުގައި މުސާރަބޮޑުކުރަން ޑިމާންޑު ނުކުރަން ނަސޭހަތްތެރި ވެސް ވި އެވެ. މުވައްޒަފުން ހަޅުތާލުކޮށް ޔުނިވާސިޓީ ލެކްޗަރާއިން މަސައްކަތް ހުއްޓާލާ ކްލާސްތައް ކެންސަލްވެ، ސިއްހީ ހިދުމަތްތެރިން ހަޅުތާލުކޮށް އާންމު ސިއްހަތަށް ބުރޫއެރި އެވެ. އިމިގްރޭޝަން އޮފިސަރުން މަސައްކަތް ހުއްޓާލުމުން ސިފައިން އިމިގްރޭޝަން ކައުންޓަރުގައި ބައިތިއްބައިގެން، އެމްބިއުލާންސް ދުއްވާ ޑްރައިވަރުން ހަޅުތާލަށް ނުކުތުމުން ސިފައިން ލައްވާ އެމްބިއުލާންސް ދުއްވައިގެން، ރޭލު ދުއްވާ ޑްރައިވަރުން ހަޅުތާލުކުރުމުން ރިޕްލޭސްމަންޓް ބަސްތަކެއް ނެރެގެންވެސް ސަރުކާރުން ބެލީ މުސާރަބޮޑުނުކޮށް ވޭތޯ އެވެ. ބައެއް މީހުން ސަރުކާރާ ނުރުހުން ވިއިރު، އަނެއްބައި މީހުން މިކަން ސިފަކުރީ ސަރުކާރުގެ ފިސްކަލް ޑިސިޕްލިން ވަރުގަދަކަމެއްގެ ގޮތުގަ އެވެ. މިއީ ރާއްޖޭގެ ސަރުކާރަކަށް ނިސްބަތްކޮށް އާންމުކޮށް އަޅުގަނޑުމެންނަށް ބޭނުން ނުކުރެވޭ ލަފްޒެކެވެ. ސަބަބަކީ މާނަ ހުރި ގޮތެއްގައި ރާއްޖޭގެ ސަރުކާރުތަކަކަށް ފިސްކަލް ޑިސިޕްލިން ހިފެހެއްޓިފައި ނެތީމައެވެ.

މުސާރައިގެ ސަބަބުން އިންފްލޭޝަން މަތިވާވުމަށް ކިޔާއުޅެނީ 'ވޭޖް ޕްރައިސް ސްޕައިރަލް' މިހެންނެވެ. އިނގިރޭސި ސަރުކާރުގެ ބޮޑުވަޒީރު ރިޝީ ސުނާކް ގަބޫލުކުރީ އެފިނޯމިނާ އެ ހާލަތުގައި އެޕްލައިވާނެ ކަމަށެވެ. އެހެން ކަމުން ފިސްކަލް ޑިސިޕްލިން ހިފެހެއްޓުމުގެ ގޮތުން ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްތެރިން ތަމްސީލުކުރާ ޖަމާއަތްތަކުގެ ޑިމާންޑްތަކަށް އިޖާބަނުދިނީ އެވެ. މިދެންނެވި ފިނޯމިނާ މެދުވެރިވާކަމަށް އިކޮނޮމިކް ތިއަރީ ބަޔާން ކުރަނީ މައިގަނޑު ދެގޮތަކަށެވެ. އެއްގޮތަކީ މުސާރަ ބޮޑުވުމުން އަތުގައި ހުންނަ ފައިސާގެ މިންވަރު އިތުރުވެ، މުދަލާއި ހިދުމަތަށް އޮންނަ ޑިމާންޑް އިތުރުވުމުގެ ސަބަބުން އަގުތައް މައްޗަށް އުފުލި އިންފްލޭޝަން މައްޗަށް އެރުމެވެ. އަނެއްގޮތަކީ މުސާރަތައް ބޮޑުކުރުމުން، ތަކެއްޗާއި ހިދުމަތް އުފައްދަން ހަރަދުކުރާ މިންވަރު (ޕްރޮޑަކްޝަން ކޯސްޓް) މަތިވެ، އެ ތަކެއްޗާއި ހިދުމަތް ވިއްކާ އަގުބޮޑުކުރަން މަޖުބޫރުވުމުގެ ސަބަބުން އިންފްލޭޝަން މައްޗަށް އެރުމެވެ. އެހެންކަމުން ސުވާލަކީ މިއީ ރާއްޖޭގައި މެދުވެރިވެދާނެގޮތެއްތޯއެވެ؟

ވެލާނާގެ
ވެލާނާގެ

ވެލާނާގެ

ޕަބްލިކް ސެކްޓަރާއި ޕްރައިވެޓް ސެކްޓަރު ތަފާތު

ސަރުކާރުން ބޮޑުކޮށްގެން މިއުޅެނީ ޕަބްލިކް ސެކްޓަރުގެ މުސާރައެވެ. ގިނަ އިކޮނޮމިސްޓުން އެއްބަސްވާ ގޮތުގައި ޕަބްލިކް ސެކްޓަރުގެ މުސާރަ ބޮޑުކުރުމަކާއި އިންފްލޭޝަން ބޮޑުކުރުމަކާއި ސީދާ ގުޅުމެއް ނޯވެ އެވެ. ގުޅުމެއް އޮތަސް އޮންނަނީ 'ނެގްލިޖަބަލް'، މާނައަކީ ކުޑަ މިންވަރެއްގެ ނުވަތަ އިހުސާސްނުވާހާ ކުޑަ ގުޅުމެކެވެ. ސަބަބަކަށްވަނީ ޕަބްލިކް ސެކްޓަރުގެ މުސާރަ ބޮޑުކުރުމުން އާންމުން އެ ޕަބްލިކް ހިދުމަތް ހޯދުމަށް ދައްކަންޖެހޭ ފީ ނުވަތަ އެހިދުމަތެއް ހޯދަން އިތުރު ފައިސާއެއް އާންމު އުސޫލެއްގެ ގޮތުން ދައްކަން ނުޖެހުން، ނުވަތަ ދައްކަންޖެހޭ މިންވަރު އިތުރުވެގެން ނުދިޔުމެވެ. ހިދުމަތުގެ އަގުބޮޑު ނުވުމެވެ. ސްކޫލެއް މިސާލަކަށް ނަގަމާ ހިނގާށެވެ. ސަރުކާރު ސްކޫލެއްގެ ޓީޗަރުންގެ މުސާރަ ބޮޑުކުރިއަސް، ބެލެނިވެރިން ސްކޫލަށް ފީއެއް (ނުވަތަ ހަރަދެއް) ދައްކަން ނުޖެހެއެވެ. އެކަމަކު އެއާއި ހިލާފަށް ޕްރައިވެޓް ސްކޫލެއްގެ ޓީޗަރުންގެ މުސާރަ ބޮޑުކޮށްފިއްޔާ، ބެލެނިވެރިން އަތުން ނަގާ ޓިއުޝަން ފީގެ މިންވަރަށް އިތުރުވުމެއް އައުމަކީ ވަރަށް ގާތް ކަމެކެވެ. ހަމަ މިއުސޫލު ސިއްހީ ދާއިރާއަށްވެސް ހިނގަ އެވެ. ޕްރައިވެޓް ފަރާތަކުން ހިންގާ ކްލިނިކަކުން ނުވަތަ ހޮސްޕިޓަލަކުން އެތާގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފިއްޔާ، އެބޮޑުކުރި ކުރުން ހިދުމަތް ހޯދާ ފަރާތްތަކުގެ އަތުން ފީތައް ބޮޑުކޮށްގެން އަތުލުމަކީ އާންމު އުސޫލެވެ. އެހެންކަމުން އާންމު މީހާ ދައްކަންޖެހޭ މިންވަރު އިތުރުވީއެވެ. އިނގިރޭސިވިލާތުގެ ސަރުކާރުންވެސް ފިސްކަލް ޑިސިޕްލިން ހުއްޖަތަކަށް ނަގައި، ޕަބްލިކް ސެކްޓަރުގެ މުސާރަތައް ބޮޑުނުކުރަން އުޅުނީމާ ގިނަ އިކޮނޮމިސްޓުންގެ ފާޑުކިޔުން އަމާޒުވީ މިސަބަބާ ހުރެއެވެ. މިގޮތުން ލަންޑަން ސްކޫލް އޮފް އިކޮނޯމިކްސްގެ، އެސޯސިއޭޓް ޕްރޮފެސަރ އޮފް އީތަން އިލްޒެޓްސްކީ ވެސް ވަނީ އިނގިރޭސި ސަރުކާރުގެ އެ ހުއްޖަތަށް ފާޑުކިޔައި، ޕްރައިވެޓް ސެކްޓަރުގެ މުސާރަތައް ބޮޑުކުރީމާ އިންފްލޭޝަނަށް އަންނަ އަސަރު (މިންވަރު) ޕަބްލިކް ސެކްޓަރުގެ މުސާރަތަކަށް ގެންނަ ބަދަލަކުން ނާންނާނެކަން ހާމަކޮށްފަ އެވެ. ރާއްޖޭގައިވެސް ޕަބްލިކް ސެކްޓާގެ މުސާރަ ބޮޑުކުރުމުން ކޯސްޓް މެކޭނިޒަމްގެ ތެރެއިން އިންފްލޭޝަނެއް އުފެދުމަކީ ދުރުގައިވާ ކަމެކެވެ. މިއީ ކުރީން އަޅުގަނޑު ދެންނެވި ފިނޯމިނާގެ އެއްބައެވެ. ދެން އޮތީ ދެވަނަ ފިނޯމިނާ ނުވަތަ ޑިމާންޑްގެ ތެރެއިން އިންފްލޭޝަނަށް މަގުފަހިކުރުވަފާނެތޯ ނުވަތަ ނޫންތޯ އުފެދޭ ސުވާލެވެ.

ރާއްޖޭގައި ޕަބްލިކް ސެކްޓާގެ ސައިޒު ބޮޑުވުމުން މުސާރައަށް އަންނަ ބަދަލަކުން ޑިމާންޑަށް މެދުވެރިކޮށް އަގުތައް އުފުލުމުގެ ފުރުސަތު އެބައޮތް، ޖެހޭނީ ދިރާސާކުރަން

އިނގިރޭސިވިލާތާއި ހިލާފަށް، ރާއްޖޭގައި ޕަބްލިކް ސެކްޓާ ވަރަށް ބޮޑެވެ. ރާއްޖޭގައި ސިވިލް ސާވަންޓުންގެ ނިސްބަތްވެސް އުޅެނީ ވަރަށް މަތީގަ އެވެ. މިދިޔަ އަހަރު ނިމުނުއިރު ސިވިލް ސާވަންޓުންގެ ގޮތުގައި 28،294 މުވައްޒަފުން ތިއްބެވެ. ދެހާސް ސާޅަ ވަނަ އަހަރުގެ ހަޔަސް ދައްކާ ގޮތުން ވަޒީފާ އަދާކުރާ މީހުންގެތެރެއިން 39 ޕަސެންޓު މަސައްކަތް ކުރަނީ ޕަބްލިކް ސެކްޓަރުގަ އެވެ. މިހެން މިކަން އޮތްއިރު، ސަރުކާރުން ޕަބްލިކް ސެކްޓަރުގެ މުސާރައަށް ގެންނަ ބަދަލުތަކުން، ގިނަ އަދަދެއްގެ ބައެއްގެ މުސާރަ އެއްފަހަރާ ބޮޑުވުމުގެ ފުރުސަތު އެބަ އޮތެވެ. މިކަމުގެ ސަބަބުން ޑިމާންޑް މެދުވެރިކޮށް، ތަކެތީގެ އަގުތައް މައްޗަށް އުފުލުމުގެ ފުރުސަތު އޮތުމަކީ އެކަށީގެންވާކަމެކެވެ. އެކަމަކު، މުސާރަތައް ބޮޑުވުމުން، އެ އިތުރުވާ މުސާރައިން ތަކެއްޗާއި ހިދުމަތަށް ކުރާ ޑިމާންޑަށް އަންނަ އިތުރުވުން ޔަގީންކުރެވޭނީ އާންމު ފަރުދުންގެ ދަރަންޏާއި ހޭދަކުރުމުގެ ވައްޓަފާޅިއަށް ނަޒަރު ހިންގައިގެންނެވެ. އަޅުގަނޑުގެ ތަޖުރިބާގައި، ގިނަ އަދަދެއްގެ ދިވެހީންނަކީ ކޮންމެވެސް ކަހަލަ ކްރެޑިޓް ފެސިލިޓީއެއް އާންމު ދިރިއުޅުމުގައި ބޭނުންކުރަމުންދާ ބައެކެވެ. މިގޮތުން ކްރެޑިޓް ކާޑާއި، ލުއިލޯނާއީ، ލުއިނޫން ލޯނާއި، މިބާވަތުގެ ވަރަށްގިނަ ފެސިލިޓީތައް އާންމު ދިރިއުޅުމުގެ އެކި ކަންކަމަށް ބޭނުންކުރެ އެވެ. ކްރެޑިޓް ސުއިސްގެ ގްލޯބަލް ވެލްތް ޑޭޓާ ބުކް 2022 އިން ދައްކާ ގޮތުން 2021 ވަނަ އަހަރު ނިމުނުއިރު ރާއްޖޭގައި އަމިއްލަ ފަރުދުންގެ ދަރަނި އުޅެނީ މީހަކަށް އެވްރެޖްކޮށް 27,000ރ. ގަ އެވެ. މިގޮތަށް ދަރަނި ނަގައިގެން އާންމު ދިރިއުޅުން ހަމަޖައްސަން ޖެހެނީ މައިގަނޑު ދެ ސަބަބަކާ ހެދި އެވެ. ފުރަތަމަ ސަބަބަކީ މިހާރު ލިބޭ މުސާރަ ކުޑަވުމުގެ ސަބަބުން، ހަރަދު ދެކޮޅު ޖައްސަން ކްރެޑިޓް ފެސިލިޓީއެއްގެ ބޭނުން ހިފަން މަޖުބޫރުވުމެވެ. ދެވަނަ ސަބަބަކީ އާމްދަނީ އާއި ނުބައްދަލު ލައިފްސްޓައިލްއެއް ހިޔާރުކޮށްފައިވުމެވެ. މި ދެ ސަބަބުގެ ތެރެއިން ފަހު ސަބަބު ގިނަ މީހުން ހިޔާރުކޮށްފައިވާ ނަމަ، ޕަބްލިކް ސެކްޓަރުގެ މުސާރައަށް އަންނަ ބަދަލަކުން ތަކެއްޗާއި ހިދުމަތަށް އޮންނަ ޑިމާންޑް މަތިވެ، އިންފްލޭޝަން މައްޗަށް ޖެހުމުގެ ފުރުސަތު އޮންނާނެ އެވެ. އެކަމަކު، އެއީ ފުރަތަމަ ސަބަބު ކަމަށްވާނަމަ، މުސާރައަށް އަންނަ ބަދަލަކުން ތަކެއްޗާއި ހިދުމަތަށް އޮންނަ ޑިމާންޑަށް މާބޮޑު ބަދަލެއް އައުމަކީ އެކަށީގެންވާކަމެއް ނޫނޭ ދެންނެވިދާނެ އެވެ. ސަބަބަކީ ކުރިން ދަރަންޏަށް ފައިސާ ނަގައިގެން ދެކޮޅު ޖައްސަމުން ދިޔަ ހަރަދު މިހާރު ދަރަނި ނުނަގާ، އިތުރުވާ މުސާރައިން ހަމަޖެއްސުމުގެ ފުރުސަތު ލިއްބައިދޭތީ އެވެ. އެހެންކަމުން އާހިރު ނަތީޖާއަކަށް ވަނީ އެނގުންވާ މިންވަރަކަށް އެކަމުގެ ސަބަބުން ޑިމާންޑް މައްޗަށް ނުއުފުލުމެވެ. މިއީ ރާއްޖޭގައި ދިރާސާކުރަން ޖެހޭ ކަމެކެވެ. ދިރާސާ ކުރަން ޖެހެނީ ވޭޖް އިންފްލޭޝަން ރާއްޖޭގެ ޕަބްލިކް ސެކްޓަރަަށް ހޯލްޑް ވޭތޯ ނުވަތަ ނުވޭތޯ އެވެ.

ލޯކަލް މާރުކޭޓުގެ ގޮޅިއަކުން މީހަކު އެއްޗެހި ގަންނަނީ. -- ފޮޓޯ: އަދަދު
ލޯކަލް މާރުކޭޓުގެ ގޮޅިއަކުން މީހަކު އެއްޗެހި ގަންނަނީ. -- ފޮޓޯ: އަދަދު

ލޯކަލް މާރުކޭޓުގެ ގޮޅިއަކުން މީހަކު އެއްޗެހި ގަންނަނީ. -- ފޮޓޯ: އަދަދު

ކުރިއަށް އޮތް ދުވަސްތަކުގައި އިންފްލޭޝަނަށް ވަމުންދާ ގޮތް ގާތުން ބަލަންޖެހޭ

ރާއްޖޭގައި އާންމު ގޮތެއްގައި އިންފްލޭޝަނަށް އެންމެ ބޮޑަށް އަސަރު ކުރަނީ މައިގަނޑު ދެ ސަބަބަކާއި ހުރެ އެވެ. އެއީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގަށް އަންނަ ބަދަލުންނާއި، ބާޒާރުގައި ޑޮލަރު ގަންނަން ލިބޭ ރޭޓަށް އަންނަ ބަދަލުންނެވެ. ސަރުކާރުން ވަނީ ޕެންޑެމިކް ތެރޭގައި ޕަބްލިކް ބޭންކް އެކައުންޓުން އޯވަޑްރޯކުރި 2.5 ބިލިއަން ރުފިޔާ ސެކިއުރަޓައިޒް ކޮށްފަ އެވެ. ނުވަތަ 50 އަހަރުގެ ބޮންޑަކަށް ބަދަލުކޮށްފަ އެވެ. އެމްއެމްއޭގެ އޭޕްރީލް މަހުގެ ބެލެންޝީޓުން ދައްކާ ގޮތުން 2.9 ބިލިއަން ރުފިޔާއަށް ވުރެ މަދުނުވާ އަދަދެއްގެ މިންވަރެއް މިވަނީ އަނެއްކާވެސް ސެކިއުރަޓައިޒް ކޮށްފަ އެވެ. މިއާއެކު ޖުމްލަ ސެކިއުރަޓައިޒް ކުރެވުނު އަދަދު މިވަނީ ގާތްގަނޑަކަށް 5.5 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. ފައިސާ އޯވަޑްރޯކުރުމަކީ ފައިސާ ޗާޕުކުރުންކަމަށް ނުރަސްމީކޮށް ބެލިޔަސް، އެ ފައިސާ ކުރުމުއްދަތެއްގެ ތެރޭގައި އަނބުރާ ދައްކަންޏާ އޭގެ ސަބަބުން އިންފްލޭޝަނަށް މަގުފަހިވުމުގެ ފުރުސަތު ކުޑަ އެވެ. ސަބަބަކީ ކުޑަ ދުވަސްކޮޅަކަށް ދައުރުވާ ފައިސާގެ ތެރޭގައި އެ ފައިސާ ހިމެނުމަށްފަހު، ދުވަސްކޮޅެއް ފަހުން ސާކިއުލޭޝަނުން އެ ފައިސާ ވިތްޑްރޯ ކުރާތީ އެވެ. އެހެން ނަމަވެސް، މިގޮތަށް ސެކިއުރަޓައިޒް ކުރާ ހިސާބުން ދިގު މުއްދަތަކަށް ދައުރުވާ ފައިސާގެ ތެރޭގައި އެ ފައިސާ ހިމެނިގެން ދިޔައީއެވެ. އެހެންގޮތަކަށް ދަންނަވާނަމަ ދާއިމީ ގޮތަކަށް އެފައިސާ ސާކިއުލޭޝަންގެ ތެރެއަށް ވަނީ އެވެ. މިކަމުގެ ސަބަބުން ދިގުމުއްދަތުގައި އިންފްލޭޝަނަށް އަސަރު ކުރުމަކީ އެކަށީގެންވާ ކަމެކެވެ. މިހާރު މިދައްކަނީ އާބާދީގެ ބޮޑު އިންސައްތައަކަށް ކުރުމުއްދަތެއްގެ ތެރޭގައި ބިލިއަނުން ބަޖެޓަށް އިތުރުވާނޭ ގޮތަކަށް މުސާރަ ބޮޑުކުރާ ވާހަކަ އެވެ. ޕޭ ހާމަނައިޒް ކުރާއިރު އިންފްލޭޝަނަށް އަސަރުކުރާނެތޯ، ނުކުރާނެތޯ، މިކަންކަން ރަނގަޅަށް ދިރާސާކުރަން ޖެހޭނެ އެވެ. އަދި، ދެމެހެއްޓެނިވި ގޮތަކަށް މުސާރައަށް ބަދަލު ގެނައުމަކީ މުހިންމުކަމެކެވެ. ފަހުން އިގްތިސާދަށް އަންނަ ބަދަލުތަކަށް މުސާރަ އެޖަސްޓް (ބޮޑު) ކުރެވޭނޭ މިންވަރަކަށް ސްޕޭސް ބެހެއްޓުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ކުރު މުއްދަތެއްގެ ތެރޭގައި ޕަބްލިކް ސެކްޓަރުގެ މުސާރައަށް ގެންނަ ބަދަލު ޕްރައިވެޓް ސެކްޓަރަށް ކުރުމަކީވެސް ވަރަށް އެކަށީގެންވާ ކަމެކެވެ. ސަބަބަކީ މި ދެ ސެކްޓަރުގެ ދެމެދުގައި މާބޮޑު ފަރަގެއް ހުރެއްޖެއްޔާ، ނޫނީ ކުއްލިއަކަށް ބޮޑު ފަރަގެއް އައިސިއްޔާ ޕްރައިވެޓް ސެކްޓަރުގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަމަށާއި، ޕްރައިވެޓް ސެކްޓަރުގައި މީހުން ހަރުލެއްވުމަށް ގޮންޖެހުންތައް ދިމާވުމަކީ އެކަށީގެންވާ ކަމަކަށްވާތީ އެވެ. އޭރުން ޕްރައިވެޓް ސެކްޓަރު ޖެހޭނީ މިނިމަމް ވޭޖަށް މުސާރަތައް ހިފެހެއްޓުމުގެ އިތުރަށް، ސަރުކާރާ ވާދަވެސްކުރާށެވެ. އަދި މި ވާދަކުރުމުގެ ތެރެއިން އަސްލު ވޭޖް އިންފްލޭޝަނެއް އުފެދުމަކީ އެކަށީގެންވާ ކަމެކެވެ. އަދި މިއީ އުފެއްދުންތެރިކަމަށްވެސް އަސަރުކުރުވާނޭ ކަމެކެވެ. ސަރުކާރުގެ އަމާޒަކަށް އަބަދުވެސް ވާންވާނީ ޕްރައިވެޓް ސެކްޓަރު ވަރުގަދަ ކުރުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox