ފައިނަލުގައި ފުވައްމުލަކުގެ ޒުވާން ޓީމު ހަ ލަނޑުގެ ތަފާތުން ބަލިކޮށް، 23 އަހަރުން ދަށުގެ ޓީ20 ކްރިކެޓް މުބާރާތުގެ ޗެމްޕިއަންކަން މާލޭ އޭ ޓީމުން ހޯދައިފި އެވެ.
ތޭވީސް އަހަރުން ދަށުގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މުބާރާތުގެ ފައިނަލުގައި އިއްޔެ ހަވީރު ވާދަކުރީ ލީގު އުސޫލުން ކުޅެ ކުރި ހޯދި ދެ ޓީމެވެ. ތިން ޓީމު ވާދަކުރި މުބާރާތުގެ ފައިނަލުން ފުވައްމުލަކު ޓީމުން ޖާގަ ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. މާލޭ އޭ ޓީމު ބަލިވީ ލީގު ބުރުގައި ފުވައްމުލަކު ޓީމު އަތުން އެކަންޏެވެ. ދެން ކުޅުނު ދެ މެޗުގައިވަނީ މާލޭ ބީ ޓީމު ބަލިކޮށްފަ އެވެ. ފުލަށް ދިޔަ މާލޭ ބީ ޓީމު ކުޅުނު ހުރިހާ މެޗަކުން ބަލިވީ އެވެ.
ފައިނަލު މެޗުގެ ޓޮސް ދިމާވުމުން މާލޭ އޭ ޓީމުން ނިންމީ ބެޓު ކުރާށެވެ. އެ ޓީމު ކުޅެން އަރައި 20 އޯވަރުގައި ހަތަރު ކުޅުންތެރިން ނުބައިވެގެން 135 ލަނޑު ހެދި އެވެ.
މި އިނިންގްސްގައި އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 44 ބޯޅައިން 45 ލަނޑު ހެދި ޝިއުސް ފަރީދު އާއި ނުބައިނުވެ 20 ބޯޅައިން 32 ލަނޑު ހެދި އަލީ އިމްއާން އެވެ. އަދި އެޓީމްގެ މުހައްމަދު ރަޔާން ތޮލާލް ވަނީ 39 ބޯޅައިން 31 ލަނޑު ހަދައިފަ އެވެ.
ޖަވާބުގައި ފުވައްމުލަކު ޓީމު ކުޅެން އަރައި 20 އޯވަރުގައި ހަތް ކުޅުންތެރިން ނުބައިވެގެން ހެދުނީ 129 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 39 ބޯޅައިން 61 ލަނޑު ހެދި އާޒިން ރަފީއު އެވެ. ފުވައްމުލަކު ޓީމަށް މި މެޗުން މޮޅުވުމަށް އެންމެ ބޮޑު ހުރަހަކަށްވީ ޓީމްގެ ކެޕްޓަން ޝައުފް ހަސަން އެއް ލަނޑަށް ނުބައިވުމެވެ. ފައިނަލާ ހަމައަށް ޝައުފް ވަނީ ފުވައްމުލަކު މޮޅުވި ހުރިހާ މެޗެއްގައި މޮޅެއް ކުޅެފަ އެވެ.
ފުވައްމުލަކަށް ޓާގެޓަށް ހާސިލް ނުވުމުގައި މާލޭ އޭ ޓީމްގެ ބޯލަރުން މުހިންމު ދައުރެއް އަދާކުރި އެވެ. މިގޮތުން މާލޭ ޓީމްގެ ރަޔާން ހަތަރު އޯވަރުގައި 20 ލަނޑަށް ތިން ވިކެޓު ނެގިއިރު، ތަރުޝަ ކަވިންދަ ވަނީ ހަތަރު އޯވަރުގައި 10 ލަނޑަށް ދެ ވިކެޓު ނަގާފަ އެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޗެމްޕިއަންކަން ހޯދީ މާލޭ އޭ ޓީމްގެ ޝިއުސް އެވެ. ހަތް މެޗުގައި 1045 ލަނޑު ހަދައިގެން އެންމެ މޮޅު ބެޓްސްމަނަކަށް ވެސް ހޮވުނީ ޝިއުސް އެވެ.
އެންމެ މޮޅު ފީލްޑަރަކީ ހަތް މެޗުގައި ފަސް ކެޗު ނެގި މާލޭ އޭ ޓީމްގެ ނާއިލް އިސްމާއިލް ނަސީރު އެވެ. އެންމެ މޮޅު އުކުންތެރިޔަކީ ހަތް މެޗުގައި 15 ވިކެޓު ނެގި މާލޭ އޭ ޓީމްގެ ކަވިންދަ އެވެ.
މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔަކީ ފުވައްމުލަކު ޓީމްގެ މަބްސަރު އަބްދުﷲ އިބްރާހިމް އެވެ. މަބްސަރު ވަނީ ހަތް މެޗުގައި އަށް ވިކެޓު ނަގައި އޭނާ ކުޅެން އެރި ފަސް އިނިންގްސްގައި 115 ލަނޑުވެސް ހަދާފަ އެވެ.












