އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގު 2023 ގައި މިރޭ އަހުމަދު ރިޒްވާން (ރިޒޭ) ޖެހި ދެ ގޯލާ އެކު ފަހަތުން އަރައި 3-1 އިން ކްލަބް އީގަލްސް އިން ބުރު ސްޕޯޓްސް ކްލަބް ބަލިކޮށްފި އެވެ.
މިއީ ދެ ވަނަ ޑިވިޝަން ޗެމްޕިއަންކަން ހޯދައި، ކޮލިފިކޭޝަން ބުރެއް ކުޅެގެން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވި ބުރުން ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ މެޗެވެ. ބުރުން ވަނީ ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލުގައި އީގަލްސްއާ ދެކޮޅަށް އިތުރު ވަގުުތުގެ ދެ ހާފް ކުޅެގެން 2-1 އިން ބަލިވެފަ އެވެ.
ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗު ފަށައިގެން، އީގަލްސް އިން ކުރިއަށް ޖެހިގެން ކުޅެމުން ދަނިކޮށް، ބުރުން ވަނީ ލީޑެއް ނަގައިފަ އެވެ. މިއީ، މެޗުގެ 16 ވަނަ މިނިޓްގައި ބުރުގެ މުހައްމަދު ތަޝްމީން (ތައްތި) ކޯނަރެއްގައި ކުޅުނު އަވަސް ބޯޅައެއްގައި ޖެހި ޝޮޓަކުން ކާމިޔާބުކުރި ގޯލެކެވެ. އެ ބޯޅަ ގޯލަށް ވަނީ އީގަލްސްގެ މިޑްފީލްޑަރު އިމްރާން ނަޝީދު (އިންމަ) ފައިގައި ޖެހިފައި ގޮހެވެ.
ބުރުން ލީޑުނެގުމާ އެކު އީގަލްސް އިން ކުރިއަށް ޖެހިގެން އެޓޭކް ކުރަން ފެށި އެވެ. އެ ގޮތުން، އީގަލްސްގެ ކުރިއަށް ކުޅޭ އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އާއި ބްރެޒިލްގެ ފޯވާޑް، އިވާން ކާލޯސް އަދި ކެޕްޓަން، ރިޒޭ އަށް ކުޅޭ ބޯޅަތައް އިތުރުކުރަން ފެށި އެވެ. އޭގެ ތެރެއިން ފުރުސަތުތަކެއްގައި، ފޭދޫ އިއްބެ ޖެހި ބޯޅައެއް ބުރުގެ ކީޕަރު ޝައިހާން އަލީ މަތަކުރިއިރު، މަތިން އައި ބޯޅައެއް ޝައިހާން އަތުގައި ޖެހިފައި ދޫވި ވަގުތު ރިޒޭ އަށް ފޮނުވާލުމުން ދިޔައީ ހުރަސްދަނޑިމަތިންނެވެ. އަދި، އޭރިއާތެރެއިން ފޭދޫ އިއްބެ ޖެހި ބޯޅައެއް ބުރުގެ ޑިފެންޑަރުން ވަނީ ބްލޮކްކޮށްފަ އެވެ.
ފުރަތަމަ ހާފުގައި ބުރުން ދެ ވަނަ ގޯލެއް ޖަހަން ކުރި މަސައްކަތުގައި އޭރިއާބޭރުން ތައްތި ޖެހި ބޯޅަ އީގަލްސްގެ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) ވަނީ މަތަކޮށްފަ އެވެ. އަދި ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ބުރުން ކުރިއަށް ޖެހިގެން ކުޅެ، ގޯލެއް ޖެހޭތޯ ކުރި މަސައްކަތް ވެސް ހުއްޓުވީ ކީޕަރު ޝަފީއު އެވެ.

އީގަލްސްގެ ކެޕްޓަން ރިޒޭ (ކ) އަތުން ބޯޅަ ހޯދަން ބުރުގެ ނާއިމް މަސައްކަތް ކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
އީގަލްސް އިން ނަތީޖާ ހަމަހަމަކުރީ މެޗުގެ 66 ވަނަ މިނިޓްގައި ރިޒޭ ޖެހި ގޯލުންނެވެ. މިއީ، ދެ ވަނަ ހާފުގައި ބަދަލަކަށް ކުޅެން އެރި ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) ދިން ބޯޅައަކަށް އަރަައި، ރިޒޭ ހަމަޖެހިލައިފައި ޖެހި ގޯލެކެވެ. އޭގެ ދެ މިނިޓް ފަހުން، އީގަލްސްގެ ޒައިން ޒަފަރު ޖެހި ބޯޅަ ކީޕަރު ޝައިހާން އަތުގައި ޖެހިފައި ނުކުތް ވަގުތު ރިޒޭ ބޮލުން ގޯލަށް ބޯޅަ ވައްދާލިއިރު، ހުރީ އޮފްސައިޑްގައި ކަމަށްވާތީ އެ ގޯލު ބަލައިނުގަތެވެ.
މެޗުގެ 80 ވަނަ މިނިޓްގައި ހިލޭ ޖެހުމަކުން އޭރިއާތެރެއަށް ހުރަސްވި ބޯޅައަކުން އަހުމަދު ހަސަން (އައްމަޑޭ) ބޮލުން ފޮނުވާލި ހަމަލާ ކީޕަރު ޝައިހާން ވަނީ މަތަކޮށްފަ އެވެ. އޭގެ ތިން މިނިޓް ފަހުން، ފޭދޫ އިއްބެ ޖެހި ޝޮޓް ކީޕަރު ޝައިހާން ގައިގައި ޖެހިފައި ނުކުތް ވަގުތު ރިޒޭ ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.
އީގަލްސް އިން ތިން ވަނަ ގޯލު ޖެހީ މެޗުގެ އިތުރު ވަގުތުގަ އެވެ. ފޭދޫ އިއްބެ މި ލަނޑު ޖެހީ ކީޕަރު ޝައިހާން ކުރިއަށް އަރައި ޖަހަން މަސައްކަތް ކުރި ބޯޅަ ރަނގަޅަށް ފޮނުވައިނުލެވި، ފޭދޫ އިއްބެ އަށް ލިބުމުން ހުސްކޮށް އޮތް ގޯލެއްގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ.
އީގަލްސްގެ ހެޑް ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ބަލިވެ އުޅޭތީ ޓީމަށް އިރުޝާދުދިނުމުގައި ހަރަކާތްތެރިވީ އެސިސްޓަންޓް ކޯޗު، މުއާވިޔަތު އިލްހާމް އެވެ.











