މެންޗެސްޓާ (މެއި 7) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލީޑްސް ޔުނައިޓެޑް އަތުން 2-1 އިން މޮޅުވެ، މެންޗެސްޓާ ސިޓީން ލީގުގެ އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނެގިއިރު، ބްރެންޓްފޯޑްގެ މައްޗަށް 1-0 އިން ކުރިހޯދައި ލިވަޕޫލުން ފޯމު ދަމަހައްޓައި، ގަދަ ހަތަރަކާ ގާތަށް ޖެހިލައިފި އެވެ.
ސިޓީ އެއް ވަނައިގައި އޮތީ 34 މެޗުން 82 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް އާސެނަލަށް ވަނީ 34 މެޗުން 78 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑަށް 33 މެޗުން 65 ޕޮއިންޓް ލިބިފައިވާއިރު، ހަތަރެއްގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް ވަނީ 33 މެޗުން 63 ޕޮއިންޓް ލިބިފަ އެވެ. ލީގުގައި އާސެނަލާއި ނިއުކާސަލް މިރޭ ބައްދަލުކުރާއިރު، ޔުނައިޓެޑުން ކުޅޭނީ ވެސްޓް ހޭމް ޔުނައިޓެޑާ އެވެ. ރޭގެ މޮޅާ އެކު ލިވަޕޫލުން ވަނީ 35 މެޗުން 62 ޕޮއިންޓް ހޯދައިފަ އެވެ.
އަމިއްލަ ދަނޑުގައި ރޭ ކުުޅުނު ސިޓީ އަށް ދެ ގޯލު ވެސް މެޗުގެ 27 މިނިޓް ތެރޭ ޖަހައިދިނީ އިލްކާއި ގުންޑޮގާން އެވެ. މި ދެ ގޯލަށް ވެސް ފުރުސަތު ތަނަވަސްކޮށްދިނީ ރިޔާދު މާރޭޒް އެވެ. ހެޓްރިކް ފުރިހަމަކުރަން ގުންޑޮގާން އަށް ލިބުނު ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ.
ލީޑްސްގެ ކޯޗަކަށް ސޭމް އަލަޑައިސް ހަމަޖެއްސިފަހުން ކުޅުނު ފުރަަތަމަ މެޗުގައި އެ ޓީމުގެ ހަމައެކަނި ގޯލު މެޗުގެ ފަހުކޮޅުގައި ޖަހައިދިނީ ރޮޑްރީގޯ މޮރޭނޯ އެވެ. މިއީ ލީޑްސް އިން ސިޓީގެ ފަހަތަށް ކުޅުނު ދިގު ބޯޅައެއްގެ ފައިދާނަގައި، ރޮޑްރީގޯ ޖެހި ގޯލެކެވެ. އެހެން ނަމަވެސް، އިތުރު ގޯލެއް ލީޑްސް އަށް ނުޖެހި ސިޓީން ވަނީ ލީގުގައި ޖެހިޖެހިގެން 10 ވަނަ މޮޅު ހޯދައިފަ އެވެ.
ބްރެންޓްފޯޑް އަތުން ލިވަޕޫލް މޮޅުވިއިރު، މި މެޗުގައި އެ ޓީމުގެ ހަމައެކަނި ގޯލު ޖެހީ ފުރަތަމަ ހާފުގައި މުހައްމަދު ސަލާހު އެވެ. މިއީ ވާޖިލް ވެން ޑައިކް ދިން ބޯޅައަކުން އޭރިއާތެރެއިން ސަލާހު ޖެހި ގޯލެކެވެ. މިއީ ސަލާހު ލިވަޕޫލްގެ ދަނޑުގައި އެ ޓީމަށް ޖަހައިދިން 100 ވަނަ ގޯލެވެ. އަދި މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި ކާމިޔާބުކުރި 30 ވަނަ ގޯލެވެ.
ބްރެންޓްފޯޑްގެ ބްރަޔާން އެމްބުއޭމޯ ވަނީ އެ ޓީމަށް ގޯލެއް ޖަހައިދީފަ އެވެ. އެކަމަކު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ނިންމީ އޮފްސައިޑް ގޯލެއް ކަމަށެވެ.
ލީގުގައި ރޭ ހެރީ ކޭން ޖެހި ހަމައެކަނި ގޯލުން ޓޮޓެންހަމް އިން ވަނީ 1-0 އިން ކްރިސްޓަލް ޕެލަސް ބަލިކޮށްފަ އެވެ. މި މޮޅާ އެކު ޓޮޓެންހަމް ހަ ވަނައިގައި އޮތީ 35 މެޗުން 57 ޕޮއިންޓާ އެކު އެވެ.
ރޭ ބޯންމައުތު އަތުން 3-1 އިން މޮޅުވެ، ޗެލްސީ ވެސް ވަނީ ހަ މެޗަށް ފަހު ފުރަތަމަ މޮޅު ހޯދައިފަ އެވެ. މިއީ ޗެލްސީގެ ކޯޗުކަމާ އަލުން ފްރޭންކް ލަމްޕާޑް ހަވާލުވި ފަހުން، އެ ޓީމު މޮޅުވި ފުރަތަމަ މެޗެވެ. ކޮނާ ގަލަގާ ޗެލްސީ އަށް ލީޑުނަގައިދިން މި މެޗުގައި ބޯންމައުތަށް އެއްވަރުކޮށްދިނީ ވީނިއާ އެވެ. މެޗުގެ ފަހު ކޮޅުގައި ޗެލްސީގެ މޮޅުވި ގޯލުތައް ޖަހައިދިނީ ބެނޮއި ބާޑިއަޝީލް އަދި ޖޮއާއޯ ފީލިކްސް އެވެ.












