ވައްތީނިއަކީ، އެތެރޭގައި ކުދި އޮށްތަކެއް ހުންނަ މޭވާއެކެވެ. އަރަބި ބަހުން އެޔަށް ތީން ކިޔަސް ދިވެހި ބަހުން އެ މޭވާއަށް ކިޔަނީ ވައްތީނިއެވެ. އެހެންވީމާ އަޅުގަނޑު ކިޔާނީ ވައްތީނި އެވެ. ތަގުވާވެރި އިލްމުވެރިޔާ މާލިކް ބިން ދީނާރު އެއް ދުވަހެއްގައި ބާޒާރުމަތީގައި ހިންގަވަމުންދަނިކޮށް، ވައްތީނި ވިއްކާ މީހަކާ ދިމާވި އެވެ. އޭނާ ވިއްކަމުންދާ ވައްތީނިތަކުގެ ތާޒާކަން ފެނި މާލިކް ބިން ދީނާރު، ވަރަށް ބޮޑަށް ވައްތީނި ފަރިއްކުޅުއްވާ ހިތްޕުޅުވެއްޖެ އެވެ. ނަމަވެސް އެއިން އެއްޗެއް ގަންނާނެ އެއްވެސް ފައިސާއެއް މާލިކް އަތްޕުޅުގައި ނެތެވެ. އެހެންވެ ފަހުން އަގު އަދާކުރާ ގޮތަށް، ވައްތީނި ކޮޅެއް ވިއްކުމަށް އެ މީހާ ކައިރިން މާލިކް އެދިވަޑައިގަތެވެ. ވިއްކާ މީހާ އެކަމާ އެއްބަސްނުވުމުން އެ ކަލޭގެފާނުގެ ފައިވާން ޖޯޑުކޮޅު ރަހުނެއްގެ ގޮތުގައި ބާއްވާފައި ނަމަވެސް ވައްތީނިކޮޅެއް ދެއްވުމަށް މާލިކް ބިން ދީނާރު އެދިވަޑައިގަތެވެ. ވިއްކާ މީހާ އެކަމާ ވެސް ކުރީ އިންކާރެވެ. މާލިކް އެނބުރި ވަޑައިގަތުމުން، މީސްތަކުން އެއްވެފައި އޭނާ ގާތުގައި ބުންޏެވެ. ކަލޭ ވައްތީނި ނުދޭން އުޅުނީ މާލިކް ބިން ދީނާރަށެވެ.
މާލިކް ބިން ދީނާރަކީ ދީންވެރިކަމާއި ތަގުވާވެރިކަމުގެ ބޮޑުކަމުން ރަށުތެރެ އާއި ކައިރި ހިސާބުތަކާއި ސަހަރުތަކަށް ނަން މަޝްހޫރު ބޭކަލަކެވެ. ޒަމާނަކީ ޓީވީއާއި ވީޑިއޯގެ ޒަމާނަށް ނުވުމާއެކު އޭރުގެ ހަބަރުފެތުރުމުގެ ވަސީލަތްތައް ނިޔާކުރާ ގޮތުން، މީސްމީހުންގެ ނަން މަޝްހޫރުވެ ދުނިޔޭގެ އެކިބިތަށް މީސްމީހުންގެ ހަބަރު ފޯރާފައި އޮތަސް، އެމީސްމީހުންގެ ފޮޓޯއާއި ވީޑިއޯ ފެތުރިފައި ނުހުންނާތީ، މަޝްހޫރު ބޭބޭފުޅުން ފެނުނަސް އާންމުންނަށް އެނގޭ ގޮތެއް ނޯވެއެވެ. ވައްތީނި ވިއްކާ މީހާއަށް ވެސް ދިމާވީ މި ކަހަލަ ގޮތެކެވެ. މާލިކް ބިން ދީނާރަކީ ކޮންފަދަ ތަގުވާވެރި އަޅުވެރި ބޭކަލެއްކަން އޭނާއަށް އެނގެ އެވެ. އެހެން ނަމަވެސް އޭނާއަށް ނޭނގުނީ އޭނާއާ މާލިކް ދިމާވިއިރު، އެއީ މާލިކް ކަމެވެ.
ކޮންމެއަކަސް އެފަދަ އަޅުވެރި އިލްމުވެރި ތަގުވާވެރި ބޭކަލަކާމެދު މިގޮތަށް ކަންތައްކުރެވުނީތީ، ވައްތީނި ވިއްކާ މީހާ، ވަރަށް ބޮޑަށް ދެރަވެއްޖެ އެވެ. އަދި އޭނާގެ އަޅުކަލޭގެ ހާޒިރުކޮށްފައި، އަމުރުކުރި އެވެ. މާލިކް ބިން ދީނާރު ހުރިތާކުން ހޯދައިގެން ގޮސް ވައްތީނި ގާޑިޔާ އެއްކޮށް މާލިކްއަށް ހިބަކޮށްދޭށެވެ. ގަންނަން ހުށަހަޅައިފިނަމަ، އެންމެ ދިރުހަމަކަށްވުރެ ބޮޑުނުކޮށް މުޅި ގާޑިޔާ ވިއްކާލާށެވެ. އެމަގަށް އެކަން ކޮށްފިނަމަ، ކަލޭ މިނިވަންކޮށް ދޫވެސްކޮށްލާނަމެވެ.
އަޅުކަލޭގެ މިނިވަންކުރާނެ ކަމަށް ސާހިބު މީހާ ބުނުމުން އޭނާ ވީ އުފަލުން، ވައްތީނި ގާޑިޔާއާގެން މާލިކް ބިން ދީނާރު ހޯދުމަށް މުޅި ރަށުތެރޭގައި ބުރުޖަހަމުން ދަނިކޮށް މާލަސްތަކެއް ނުވެ އެކަލޭގެފާނާ ދިމާވެއްޖެ އެވެ. ދެން އަޅުކަލޭގެ ދެންނެވި އެވެ. ތިމަންގެ ވެރިމީހާ ވައްތީނި، ލޭންދޭނަށް ދިނުމުން މަނާވެގަތީ ކަލޭގެފާނަކީ ކޮންބޭކަލެއްކަން ނޭނގޭތީ އެވެ. ކަލޭގެފާނަކީ މާލިކް ބިން ދީނާރުކަން އެނގުމާއެކު، މުޅި ވައްތީނި ގާޑިޔާ ގެންގޮސް ކަލޭގެފާނަށް ވެދުންކުރުމަށް އަހަރެންގެ ސާހިބު އަމުރުކޮށްފި އެވެ. އަހުރެން މިއައީ އެހެންވީމާ އެ ގާޑިޔާ ހިފައިގެންނެވެ. އަވަހަށް ހިއްޕަވާށެވެ. އެހިނދު މާލިކް ބިން ދީނާރު ޖެހިލުމަކާ ނުލައި ޖަވާބުދެއްވި އެވެ. ކަލޭގެ ސާހިބު މީހާ ގާތަށް މި ގާޑިޔާ ހުރި ގޮތަށް ހިފައިގެން އެނބުރި ގޮސް ސާހިބުމީހާއަށް ދަންނަވާށެވެ. މާލިކް ބިން ދީނާރު ބުންޏެވެ. މާލިކް ބިން ދީނާރު، ދީން ވިއްކައިގެން ވައްތީނިއެއް ނުކާނެ އެވެ. އަދި ބުނަން ހެއްޔެވެ. މާލިކް ބިން ދީނާރު އޭނާގެ ނަފުސަށް ވައްތީނި ހަރާންކޮށްފި އެވެ.
އެހިނދު، އަޅުކަލޭގެ އާދޭސްކޮށް މާލިކް ބިން ދީނާރަށް ދެންނެވި އެވެ. އެހެން ނުހައްދަވާށެވެ! ކަލޭގެފާނު މިގާޑިޔާ ބައްލަވައިގެންފިނަމަ، އަހަރެން މިނިވަނަކަށް ވެސް ވާނެ އެވެ. އޭރުން އަޅަކު މިނިވަންވީކަމުގެ ސަވާބު ވެސް ކަލޭގެފާނަށް ލިބިވަޑައިގަންނަވާނެ އެވެ.
އެހިނދު، މާލިކް ބިން ދީނާރު ވިދާޅުވިއެވެ. "ތިޔަ ވައްތީނި ގާޑިޔާ ބަލައިގަތުމުގައި ތިބާގެ މިނިވަންކަން އޮތަސް އެކަމުގައި އޮތީ އަހަރެންގެ އަޅުވެތިކަން ނޫންތޯ އެވެ؟ އަހަރެންނަށް ވީގޮތަކީ އަހަރެންގެ ބަނޑު އަހަރެން ނިކަމެތިކޮށްލީ އެވެ. އެކަން އެނގުނު ހިސާބުން އަހަރެން އަހަރެންގެ ނަފުސު ކިޔަމަންކޮށް ތަރުބިއްޔަތުކޮށްފީމެވެ. އަދި ވައްތީނި އަބަދުގެ އަބަދަށް އަހަރެންގެ ނަފުސަށް ހަރާންކޮށްފީމެވެ."
ވާހަކައިގެ އިބުރަތް ވަރަށް ސާފެވެ. ތިމާގެ ދީންވެރިކަމުން ތިމާއަށް ލިބިފައި އޮންނަ ހައިސިއްޔަތު ތިމާގެ އަމިއްލަ ބޭނުމަށް ނުވަތަ ދުނިޔަވީ މަންފާއަށް ބޭނުންކުރުމުގައި އަހަރެމެންގެ ސަލަފުން ޖެހިލުންވީ މިންވަރަކީ އެހައިސިއްޔަތުގެ ނިވަލުގައި ލިބޭ ވައްތީނިއެއްގެ މިންވަރުވެސް ބޭނުންފުޅު ނުކުރެއްވުމެވެ. ވިޔަފާރިވެރިޔާ އާންމު މީހަކަށް ލޭންދޭނަށް ދޫނުކުރާ ވައްތީނި، މާލިކް ބިން ދީނާރަކީ މާލިކް ބިން ދީނާރުކަން އެނގުމުން މުޅި ގާޑިޔާ އެހިބަކޮށްދިނީ، އެއީ މާލިކް ބިން ދީނާރުގެ ދީންވެރިކަމުން މުޖުތަމައުގައި އޮތް ހައިސިއްޔަތަށް ކަމާމެދަކު ޝައްކެތް ނެތެވެ. މިހާރު މިޒަމާނުގައި އެކަން އޮތްގޮތަކީ، ކޮބައިކަމާމެދު ވިސްނައިފިކުރުކުރުން އަޅުގަނޑު ދޫކޮށްލާނީ، ކިޔުންތެރިންނަށެވެ. އެކަމުގައި އަޅުގަނޑުގެ އަމިއްލަ ހިޔާލު ފާޅުކުރުމަކީ ބުއްދިވެރިކަމެއް ކަމަށް ނުފެންނާތީ އެވެ. މި ވާހަކައިން އަޅުގަނޑަށް ލިބޭ އަދި އެޔަށްވުރެ މާހާއްސަ އަނެއް އިބުރަތަކީ، އޭރު އެ ޒަމާނުގެ އިލްމުވެރިންނަށް އާންމުންގެ މެދުގައި އޮންނަ ލޯތްބާއި އިހުތިރާމުގެ ބޮޑުކަމެވެ. އެހެންނާ މާލިކް ބިން ދީނާރާމެދު ވައްތީނި ވިއްކާ މީހާ އަމަލުކުރި ގޮތާމެދު މުޅި ބާޒާރުގައި ތިބި މީހުން އޭނާއަށް ފާޑުކިޔައިފި އެވެ. އަދި އޭނާއަށް ވެސް އެއީ ކޮން ބޭކަލެއްކަން ހަމަ އެނގުމާއެކު، މުޅި ވައްތީނި ގާޑިޔާ އެޔޮށްގެން ފޮނުވާލީ ދަހިވެތިކަމުގެ ކަންފުޅެއް ވެސް ނެތި އެވެ. އާދޭހެވެ! އެ ލޯތްބާއި އެ އިހްތިރާމު ލިބުނީ ކީއްވެކަން ވެސް ހަމަ އެހާ ސާފެވެ.
އެޔަށްވުރެ މާބޮޑަށް ފާހަގަވީ އަނެއް ކަމަކީ، މާލިކް ބިން ދީނާރު ވައްތީނި މުޅި އުމުރަށް ހަރާންކުރެއްވުމެވެ. ޝައްކެތް ނެތެވެ. އެކަލޭގެފާނުގެ މި ހާދިސާއާއެކު އެކަލޭގެފާނަށް ވައްތީނިއަކީ މީރު އެއްޗެއްކަން އެންމެންނަށް އެނގުނީ އެވެ. އެހެންވީމާ އެކަލޭގެފާނުގެ ހައިސިއްޔަތަށްޓަކައި އެމީހާ ދިން ވައްތީނި އަދި ނުކެޔަސް، ކިހާ ބަޔަކު ފަހުން އެކަލޭގެފާނަށް ވައްތީނި ދޭން އަންނާނެނޫންތޯ އެވެ. އާދޭހެވެ. އެ ކަލޭގެފާނުގެ ދީންވެރިކަމަށްޓަކައި އެރުވޭ ވެދުންތަކެވެ. މާލިކްގެފާނުގެ ނިންމެވުން އެއައީ އެއެންމެހާ ކަމަކަށް ވިސްނާފިކުރުކުރެއްވުމަށްފަހުއެވެ. ހަގީގީ ތެދުވެރިކަމާއި އިހުލާސްތެރިކަމަކީ މިއީ ނޫންތޯއެވެ.
މާލިކް ބިން ދީނާރަކީ ތާބިއީ ބޭކަލުންގެ ތެރެއިން އަރާހުންނެވި އިލްމުވެރިއެކެވެ. ކީރިތި ރަސޫލާގެ ޒަމާނުގައި އެކަލޭގެފާނާ ބައްދަލުވެފައިވާ ކޮންމެ މުސްލިމަކީ ސަހާބީއެއްކަމުގައި އިސްލާމީ އިލްމުތަކުގައި ބުނެ އެވެ. ސަހާބީގެ މާނައަކީ އެކުވެރިޔާއެވެ. އެކަލޭގެފާނުގެ ސަހާބީއަކާ (އެކުވެރިޔަކާ) ބައްދަލުވި ކޮންމެ މުސްލިމަކީ ތާބިއީއެއްކަމުގައި އިސްލާމީ ޢިލްމުތަކުގައި ބުނެއެވެ. އެހެންވީމާ މާލިކް ބިން ދީނާރަކީ ތާބިއީ ބޭކަލެކޭ ބުނެވުނު ބަހުގެ މާނައަކީ އެކަލޭގެފާނަކީ ކީރިތި މާތް ނަބިއްޔާގެ ގާތް އެކުވެރިއެއްގެ އެކުވެރިއެއްކަމެވެ.
ތާރީހު އިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި މާލިކް ބިން ދީނާރަކީ ހަޔާތުގެ ފުރަތަމަ ކޮޅުގައި ރާބުއިމާއި ރޭގަނޑުގެ މަޖަލައިގެން އުމުރު ހޭދަކުރަމުންދިޔަ ޒުވާނެކެވެ. ތައުބާވެވަޑައިގަތީ ފެނިވަޑައިގަތް ހުވަފެންފުޅަކާ ގުޅިގެންނެވެ. ކޮންމެއަކަސް މާލިކް ބިން ދީނާރަކީ ތާބިއީ ބޭކަލުންގެ ތެރެއިން ޙަދީޘް ރިވާކުރެއްވި އަދި، ކީރިތި ޤުރުއާން ވެސް އަތްޕުޅުން ލިޔުއްވުމުގައި ހަރަކާތްތެރިވި ބޭކަލެކެވެ. އެކަލޭގެފާނުގެ އަޅުވެރި ޙަޔާތްޕުޅުން މުސްލިމުންނަށް ދޫކުރެއްވި އަގުހުރި ފިލާވަޅުތައް ގިނަގުނައެވެ. އެފަދަ އަޅުވެރިން މިޒަމާނުގައި ވެސް މަދުކަމުގައި އަޅުގަނޑަކަށް ނުފެނެއެވެ. އެކަމަކު އެކަލޭގެފާނު އެގެންގުޅުއްވި، ދުނިޔަވީ އެދުމެއް ދެއްކުންތެރިކަމެއް ހައިސިއްޔަތުގެ ލާބަ ހޯދައިގަތުމެއް ނެތް، ތެދުވެރި ނިޔަތާއި އިހުލާސްތެރިކަން، މިއަދު އެލަފުޒުތަކުގައި ވެސް އޮތްކަމުގައި ހީއެއް ނުވެއެވެ.








