އަމީނީ މަގު، ކުޑަކުދިންގެ ބަގީޗާ ސަރަހައްދުގައި ހުރި ފެން ހިންދާ ޕަމްޕު ސްޓޭޝަނަކަށް ގެއްލުންދީފި އެވެ.
އެ މަގު ތަރައްގީ ކުރުމުގެ މަޝްރޫއު ހިންގަމުންދާ ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީ) ގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުޑަ ކުދިންގެ ބަގީޗާ ކައިރީގައި ގާއިމުކޮށްފައިވާ ފެން ހިންދާ ޕަމްޕް ސްޓޭޝަނަށް އަޅާފައިވާ ކަރަންޓު ކޭބަލް ބަޔަކު ބުރިކޮށްލާފައިވާ ކަމަށެވެ.
"މިކަން ފާހަގަ ވުމާއެކު މައްސަލަ ޙައްލުކޮށް ޕަމްޕު އޮޕަރޭޝަނަށް ގެނައުމަށް ކުރަންޖެހޭ މަސައްކަތް ދަނީ ކުރަމުން." މޫކޭ ޓުވީޓުކުރައްވާފައިވެ އެވެ.
އަމީނީ މަގަކީ މާލޭގައި އާންމުކޮށް އެންމެ ބޮޑަށް ފެން ހެދޭ އެއް މަގެވެ. އެ މަގު ތަރައްގީކޮށް ނިމޭއިރު ޒަމާންވީ މި މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ.
ރޭ ފަތިހުން ފެށިގެން މާލެއަށް ކުރަމުންދާ ވިއްސާރާގައި މިހާރު މާލޭގެ ގިނަ މަގުތަކުގައި ވަނީ ފެންބޮޑުވެފަ އެވެ. އެގޮތުން އައިޖީއެމްއެޗު ހޮސްޕިޓަލު ސަރަހައްދުގައި ވަރަށް ބޮޑަށް ފެން ހެދިފައިވާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

މާލެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ސިފައިން މިއަދު ބުނީ ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ސިފައިން މިހާރު ފެން ހިއްކުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެ މަސައްކަތް ފެށީ ހެނދުނު 6:00 ގައި ކަމަށް ވެސް ވަނީ ބުނެފަ އެވެ. މާލެއަށް އަދިވެސް ދަނީ މެދުކެނޑުމެއް ނެތި ވާރޭ ވެހެމުންނެވެ.













