މި އަހަރުގެ އޮގަސްޓްގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ތައްޔާރުވާން ކްލަބްތަކުގެ ކުޅުންތެރިން ހިމެނޭ ގޮތަށް ގައުމީ ބެޑްމިންޓަން ޓީމުގެ ސްކޮޑު އެކުލަވާލައިފި އެވެ.
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން ބުނީ މި އަހަރުގެ އައިއޯއައިޖީ އާއި އޭޝިއަން ގޭމްސްގައި ވާދަކުރާ ގައުމީ ބެޑްމިންޓަން ސްކޮޑް އެކުލަވާލީ ޖުމްލަ އެކު، 14 ކުޅުންތެރިން ހިމެނޭ ގޮތަށް ކަމަށެވެ.
ގައުމީ ސްކޮޑުގެ މި ޓްރެއިނިންތައް ކުރިއަށްދާނީ މި އަހަރު ކުރީކޮޅު، ބެޑްމިންޓަން އެސޯސިއޭޝަން އިން ހަމަޖެއްސި، ދެކުނު ކޮރެއާގެ ހައި ޕާފޯމަންސް ކޯޗާ އެކު ކަމަށެވެ. އަދި އެ ކޯޗާ އެކު، ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޓްރެއިނިން ގެންދަން ނިންމާފައިވާ ކަމަށް ވެސް މައުލޫމާތު ދެ އެވެ.
އެކުލަވާލި، ގައުމީ ބެޑްމިންޓަން ސްކޮޑުގައި ހިމެނުމަށް ހުށައެޅުނު ގައުމީ ބެކްއަޕް ސްކޮޑްގެ 10 ކުޅުންތެރިންގެ ތެރެއިން ސްކޮޑުގައި ހިމެނިފައިވަނީ ދެ ކުޅުންތެރިންނެވެ. އަދި އެކަޑަމީތަކުން ހިމެނުމަށް ހުށައެޅުނު ފަސް ކުޅުންތެރިންގެ ތެރެއިން މި ސްކޮޑުގައި ހިމެނިފައިވަނީ ދެ ކުޅުންތެރިންނެވެ. އެއީ ރިވައިވަލް ސްޕޯޓްސް ކްލަބްގެ ޒަޔާން ޒަކީ އާއި އަހުމަދު ތޯއިފް މުހައްމަދު އެވެ.
ބީއޭއެމްގެ އެންމެ ބޮޑު އަމާޒަކީ ކުރިއަށްއޮތް އައިއޯއައިޖީ އާއި އޭޝިއަން ގޭމްސް އިން ރަނގަޅު ނަތީޖާއެއް ހާސިލްކުރުމެވެ. އެ ގޮތުން، 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ހޯދި ކާމިޔާބަށް ވުރެ ބޮޑު ކާމިޔާބެއް މި ފަހަރު ވެސް ހޯދުމަކީ އެ އެސޯސިއޭޝަންގެ އިސް އަމާޒެވެ.
އެންމެ ފަހުން ބޭއްވި އައިއޯއައިޖީގައި ބެޑްމިންޓަނުން ހޯދި މެޑަލްތަކަށް ބަލާއިރު، ބެޑްމިންޓަން ވިމެންސް ސިންގަލްސް ބައިން އައިމިނަތު ނަބީހާ ވަނީ ރަން މެޑަލް ހޯދައިފަ އެވެ. ވިމެންސް ޑަބަލްސް އިން ނަބީހާ އާއި ފާތިމަތު ނަބާހާ ރިހި މެޑަލް ހޯދިއިރު، މިކްސް ޑަބަލްސް އިވެންޓުން މުހައްމަދު އަޖުފާން ރަޝީދާއި މައިސާ ފަތުހުﷲ ވަނީ ލޯ މެޑަލް ހޯދައިފަ އެވެ. އަދި ބެޑްމިންޓަނުގެ އަންހެން ޓީމު އިވެންޓުންނާއި ފިރިހެން ޓީމު އިވެންޓުން ރާއްޖެ އަށް ލޯ މެޑަލް ލިބުނެވެ.
ބެޑްމިންޓަން އެސޯސިއޭޝަނުން މިދިޔަ އަހަރު ޖެނުއަރީ މަހު ކްލަބްތަކާ އެކު ބޭއްވި ބައްދަލުވުމަށް ފަހު، ކްލަބް ކުޅުންތެރިން ހިމެނޭ ގޮތަށް ގައުމީ ޓީމު ސްކޮޑު އެކުލަވާލަން ނިންމި އެވެ. އެ ގޮތުން، މިދިޔަ އަހަރު ޖުލައި/އޮގަސްޓް މަހު އިނގިރޭސިވިލާތުގައި ބޭއްވި ކޮމަންވެލްތު ގޭމްސްގައި ރާއްޖޭން ވާދަކުރީ ކްލަބްތަކުގެ ކުޅުންތެރިން ހިމެނޭ ގޮތަށް އެކުލަވާލި ސްކޮޑަކުންނެވެ. މި އަހަރުގެ އައިއޯއައިޖީ އާއި އޭޝިއަން ގޭމްސް އަށް ވެސް ކްލަބްތަކުގެ ކުޅުންތެރިން ހިމެނޭ ގޮތަށް ސްކޮޑު އެކުލަވާލި ނަމަވެސް، ސެލެކްޝަން ޕްރޮސަސް އެއް ނެތި ސްކޮޑު ނެގުމުން ބައެއް ކުޅުންތެރިން އަންނަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.












