އިންޑިއާގެ ޑިފެންސް މިނިސްޓަރު، ޝްރީ ރާޖްނާތު ސިންގް ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންފި އެވެ.
ރާޖްނާތު ސިންގް ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ޑިފެންސް މިނިސްޓަރު، މާރިޔާ އަހުމަދު ދީދީ އެވެ. މާރިޔާގެ އަރިހުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވެސް ވަޑައިގަތެވެ.
ތިން ދުވަހުގެ މުއްދަތަކަށް ސިންގް ކުރައްވާ މި ރަސްމީ ދަތުރުފުޅުގައި ދެ ގައުމުގެ ޒަމާންވީ ބަދަހި ގުޅުން އިތުރަށް ހަރުދަނާކޮށް، ދިފާއީ ދާއިރާއިން އެހީތެރިކަމާއި އެއްބާރުލުން އިތުރުކޮށް ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް ޑިފެންސް މިނިސްޓަރީން ބުނެ އެވެ.
އޭގެއިތުރުން، މި ދަތުރުފުޅުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް، ހުރަވީގެ ބަދަލުގައި އިންޑިއާ ސަރުކާރުން ދިނުމަށް ހަމަޖެހިފައިވާ އުޅަނދު ރަސްމީގޮތުން ދިވެހި ސަރުކާރާ ހަވާލު ކުރުމާއި، އުތުރުތިލަފަޅުގައި ގާއިމުކުރާ އެމްއެންޑީއެފް ކޯސްޓްގާޑުގެ ބަނދަރާއި ޑޮކްޔާޑުގެ މަޝްރޫއު އިފްތިތާހު ކޮށްދެއްވުމުގެ އިތުރުން އެމްއެންޑީއެފްއަށް ލޭންޑިން ކުރާފްޓަކާއި އަސްކަރީ ބައެއް ސާމާނު ހަދިޔާކުރުމަށް ވެސް ހަމަޖެހިފައި ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓަރީން މައުލޫމާތު ދެއެވެ.
މިއީ އިންޑިއާގެ ޑިފެންސް މިނިސްޓަރުގެ މަގާމާ ހަވާލުވެލެއްވުމަށްފަހު ރާޖްނާތު ސިންގު ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ދަތުރުގެ ސަބަބުން ދެ ގައުމުގެ ޒަމާންވީ ދިފާއީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޑިފެންސް މިނިސްޓަރީން ބުނެ އެވެ.
އިންޑިއާއަކީ ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ގާތް އެކުވެރި ގައުމެކެވެ. ފަހުގެ ތާރީހުގައި ރާއްޖެއަށް ކުރިމަތިވި އެންމެ ނުރައްކާތެރި ހާދިސާ، 3، ނޮވެމްބަރު، 1988، ގައި ވެސް ރާއްޖެއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނީ އިންޑިއާގެ އަސްކަރިއްޔާއިންނެވެ.
މިޝަން ކެކްޓަސްގެ ނަމުން މަޝްހޫރު އެ އޮޕަރޭޝަނުގައި ރާއްޖެއަށް ހަމަލާދިނުމަށްފަހު ފިލައިގެން ދިޔަ ތަމަޅައިން ހިފަހައްޓައި، ރަހީނުންގެ ގޮތުގައި ގެންދިޔަ އެތައް ބަޔަކު ސަލާމަތް ކޮށްދީފައިވެ އެވެ.












