ކޮމްޕެނީ/ އޮފީސްތަކުގެ މެދުގައި ކުރިއަށްދާ ފޯރިގަދަ ވޮލީބޯޅަ މުބާރާތް މާދަމާ ހުޅުމާލޭގައި ފަށަން ނިންމާފައިވާއިރު، މި މުބާރާތުގައި ގައުމީ ބީޗްވޮލީބޯޅަ ޓީމުގައި ހިމެނޭ ދެ ކުޅުންތެރިން ކަމަށްވާ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް) ކުޅޭ ގޮތަށް ހަމަޖެހިއްޖެ އެވެ.
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ބުނެފައިވަނީ ޔޫތު މިނިސްޓްރީގެ "އަރުތަ" ޕްރޮގްރާމްގެ ދަށުން ބީޗްވޮލީބޯޅަ އަށް އެޑަމް އާއި ކުޑަކާއްޓެ ހާއްސަކޮށްފައިވީ ނަމަވެސް، ވީއޭއެމްގެ ޓެނިކަލް ޓީމާ މަޝްވަރާ ކުރުމަށް ފަހު ނިންމާފައިވަނީ އޮފީހުން ގައުމީ ޓީމަށް އެ ކުޅުންތެރިންނަށް ރިލީސް ދިނުމާއި މި ހުރިހާ ކަމަކަށް ބެލުމަށް ފަހު، އުސޫލެއްގެ ތެެރެއިން އޮފީހަށް އެއް މުބާރާތް ކުޅެން ފުރުސަތު ދިނުމަށެވެ.
މިދިޔަ އަހަރުގެ ވޮލީބޯޅަ މުބާރާތްތަކުގައި ވެމްކޯ އަށް ކުޅުނު ކުޑަކާއްޓެ މި ފަހަރު ފެންނާނީ އާބަންކޯ އިންނެވެ. މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގައި މަސައްކަތް ކުރަމުން އަންނަ އެޑަމް ފެންނާނީ ކުރިން ވެސް އޭނާ ވަޒީފާ އަދާކުރަމުން އަންނަ އެމްއެންޑީއެފްގެ ޓީމުންނެވެ.
އެހެން ޓީމުތަކުން ވެސް ވަނީ އޮފީސް މުބާރާތަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ގައުމީ ޓީމުގެ ކުޅުންތެރިން ގެންގޮސްފަ އެވެ.
އެ ގޮތުން، ގައުމީ ޓީމުގެ ކެޕްޓަން، އަލީ ހުޒާމް (ހުޒަންޓެ) ފެންނާނީ ވެމްކޯ އިންނެވެ. ވެމްކޯ ޓީމުން ދެން ފެންނަ ފާހަގަކޮށްލެވޭ އެހެން ކުޅުންތެރިންނަށް ބަލާއިރު، ހުސެއިން ޔޫސުފް (ޓޯއި)، މުހައްމަދު މިމްރާހު ހަަސަން (މިންމި) އަދި އަހުމަދު ޝިމާއު ހިމެނެ އެެވެ. ވެމްކޯގެ ކޯޗަކީ ގައުމީ އަންހެން ވޮލީ ޓީމުގެ ކޯޗަކަށް ދާދި ފަހުން މަސައްކަތްކުރި، ކުރީގެ މަޝްހޫރު ކުޅުންތެރިޔާ، އިބްރާހިމް ނިޒާރު (ބޮޑޭ) އެވެ.
މިދިޔަ އަހަރުގެ ވޮލީ ސީޒަނުގައި ވެމްކޯ އަށް ކުޅުނު ގައުމީ ޓީމުގެ އާދަމް ފައިރޫޒް އާބަންކޯ އަށް ބަދަލުވެފައިވާއިރު، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ސެޓަރު، ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އިޝާން މުހައްމަދު (ބަޓިސް) ވެސް ވަނީ އާބަންކޯ ޓީމުގައި ހިމަނައިފަ އެވެ. އާބަންކޯގެ ކޯޗަކީ މުހައްމަދު ސާޖިދު (ބޮޑުކާއްޓެ) އެވެ.
ޓީމު އެފްއެސްއެމް އިން ވެސް ގައުމީ ޓީމުގެ މުހިންމު ދެ ކުޅުންތެރިއަކު ފެންނާނެ އެވެ. އެ ގޮތުން، ގައުމީ ޓީމުގެ ސެޓަރު، ހުސެއިން ވިޝާމް (ބުޅިކެ) އާއި އެޓޭކަރު، ހަސަން ނިލާމް (ޕާޓޭ) ކުޅެނީ އެފްއެސްއެމް ޓީމަށެވެ. ބިދޭސީ ކުޅުންތެރިން ގެނެވޭ ގޮތަށް މުބާރާތުގެ ގަވާއިދު އޮތްއިރު، އެފްއެސްއެމް އިން ބިދޭސީ ކުޅުންތެރިއެއްގެ ގޮތުގައި ހިމަނާފައިވަނީ ޕާކިސްތާން ގައުމީ ޓީމުގެ މުބައްޝަރު ރަޒާ އެވެ. އޭނާ އަކީ ކުރިން ރާއްޖޭގެ އެކި ޓީމުތަކަށް ކުޅެފައިވާ ކުޅުންތެރިއެކެވެ.
އާންމު ގޮތެއްގައި އޮފީސް މުބާރާތްތަކުގައި އެންމެ ވަރުގަދަކޮށް ފެންނަ ދެ ޓީމަކީ ޕޮލިހާއި ސިފައިންނެވެ. މި ފަހަރުގެ މުބާރާތަށް ވެސް އެ ދެ ޓީމު ވަނީ ރަނގަޅަށް ތައްޔާރުވެފަ އެވެ. އެ ދެ ޓީމުގައި ވެސް ތަޖުރިބާ އާއި ލެވަލަށް ބަލާއިރު ރަނގަޅު ކުޅުންތެރިން ހިމެނެ އެވެ. މުބާރާތުގެ ގުުރުއަތުލުން ކުރިއަށްދިޔައީ ވަރުގަދަ ޓީމުތައް ސީޑްކުރުމަށް ފަހު ކަމަށް ވީއޭއެމް އިން ވަނީ ބުނެފަ އެވެ.
ހުޅުމާލެ ވޮލީ ކޯޓުގައި ކުރިއަށްދާ މި މުބާރާތް ރޭވިފައި އޮތީ ބައިވެރިވި ނުވަ ޓީމު ދެ ގްރޫޕަކަށް ބަހާލުމަށް ފަހު، ގްރޫޕް ސްޓޭޖެއް ކުޅެ، ކޮންމެ ގްރޫޕަކުން އެންމެ ރަނގަޅު ނަތީޖާ ނެރޭ ދެ ޓީމެއް ހިމެނޭ ގޮތަށް ސެމީ ފައިނަލް ކުޅުމަށް ފަހު، ތިން ވަނަ ހޮވާ މެޗާއި ފައިނަލް ކުޅުމަށެވެ.
ގްރޫޕް އޭގައި ހިމެނެނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)، ސްޓެލްކޯ، އާބަންކޯ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަދި މޯލްޑިވްސް ޕޮލިސް ސާވިސް އެވެ. ގްރޫޕް ބީގައި އޮތީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)، ވޭސްޓު މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އަދި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އެވެ.
މާދަމާ މުބާރާތް ފެށޭއިރު، ހަވީރު 16:30 ގައި ކުޅޭ މެޗުގައި އެމްއޭސީއެލް ކުޅޭނީ ސްޓެލްކޯއާ އެވެ. އަދި މާދަމާރޭ 20:30 ގައި ކުޅޭ މެޗުގައި އާބަންކޯ ބައްދަލުކުރާނީ އެމްޕީއެލްއާ އެވެ.












