ރައީސްގެ ސިޓީ އާއެކު ސާވޭގެ ހަރަދު ހޯދަން ކުރި ދައުވާ މޮރިޝަސްއިން އަނބުރާ ގެންދިޔަ

މީގެ ކުރިން ބޭއްވި ހަފްލާއެއްގައި ރައީސް ސޯލިހު ވާހަކަ ދައްކަވަނީ. -ފޮޓޯ: ރައީސް އޮފީސް

މީގެ ކުރިން ބޭއްވި ހަފްލާއެއްގައި ރައީސް ސޯލިހު ވާހަކަ ދައްކަވަނީ. -ފޮޓޯ: ރައީސް އޮފީސް

ޗާގޯސް ޖަޒީރާގައި މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ކަމަށް ޒަމާނުއްސުރެ ނަގަމުން އައި ސްޓޭންޑު ބަދަލުކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީއާއެކު، އިން ވަކިކުރުމަށް ޓަކައި މޮރިޝަސްއިން ކުރި ސާވޭގެ ހަރަދު ހޯދަން ހުށަހެޅި ހުށަހެޅުން އަނބުރާ ގެންދިޔަ ކަން ހާމަވެއްޖެ އެވެ.

ޗާގޯސް ޖަޒީރާއާއި ރާއްޖޭގެ ދެކުނުގެ ސަރަހައްދެއް ފުށުއަރާ ކަމަށް ބުނެ، މޮރިޝަސްއިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް މައްސަލަ ހުށަހެޅި އެވެ.

އެ މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ދަނިކޮށް، އދ.ގައި ދެން ނެގޭ ވޯޓެއްގައި ޗާގޯސް ޖަޒީރާގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާކަމަށް ރާއްޖޭން ތާއީދުކުރާނެ ކަމަށް ވިދާޅުވެ، ސަރުކާރުގެ ސްޓޭންޑް ބަދަލުކުރި ކަން އަންގައި މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސް ސޯލިހު ސިޓީއެއް ފޮނުއްވި އެވެ.

އެ ސިޓީގެ އެއްވެސް ތަފްސީލެއް ހާމަކޮށްފައިނުވާއިރު، އެކަން ކުރަންޖެހުނު މަގުސަދާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން އިސްވެ ދަނީ އެތަކެއް ސުވާލުތަކާއި ސީރިއަސް ތުހުމަތުތަކެއް ސަރުކާރަށް އަމާޒުކުރަމުންނެވެ.

އިން ވަކިކުރުމުގެ މައްސަލަ ރާއްޖޭން ބޭނުންވި ގޮތަށް ރާއްޖެއަށް ބޮޑު ބައެއް ލިބޭ ގޮތަށް އިޓްލޮސްއިން މިއަދު ހުކުމްކޮށްފައިވާއިރު، ރައީސް ސޯލިހު ފޮނުއްވި ސިޓީގައި ހުރި ބައެއް ވާހަކަތަކާއި އެއިން ހާސިލުވި ކަމަށް ހިމަނާފައިވެ އެވެ.

އިޓްލޮސްއަށް މައްސަލަ ހުށަހެޅުމަށްފަހު، އިން ފާހަގަކުރުމަށްޓަކައި ކަނޑުގެ ދިރާސާއެއް މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި މޮރިޝަސްއިން ހެދި އެވެ. އެ ދިރާސާ ކުރުމަށްޓަކައި، ގަން ޕޯޓުގައި މަޑުކުރުމުގެ އިތުރުން ޓީމަށް ފުރުސަތު ދިނުމަށް މޮރިޝަސް އިން ދިވެހި ސަރުކާރުގައި އެދުނު ކަން ހުކުމުން އެނގެ އެވެ.

އެކަމަކު އެ ދިރާސާ ކުރުމަށްޓަކައި ދިވެހި ސަރުކާރުން އެތަކެއް ދަތިތަކާއި އުނދަގޫތައް ކުރިމަތި ކުރުވިކަމަށް ތުހުމަތުކޮށް، މޮރިޝަސް އިން ވަނީ އެ ދިރާސާ އެހެން ދިމާއަކަށް ބަދަލުކޮށްފަ އެވެ. އަދި އެކަމުގެ ސަބަބުން އިތުރު ހަރަދުތަކެއް ކުރަންޖެހުނު ކަމަށްބުނެ، އެ ހަރަދު ދިވެހި ސަރުކާރުގެ ކިބައިން ނަގައިދިނުމަށް އިޓްލޮސްގައި އޮތީ އެދިފަ އެވެ.

އިޓްލޮސްގެ މިއަދުގެ ހުކުމް އެނގޭ ގޮތުގައި، މޮރިޝަސްއިން އެދިފައިވަނީ އެ ދިރާސާ ކުރުމަށް އިތުރަށް ހިނގި 460،000 ޔޫރޯ ދިވެހި ސަރުކާރުގެ ކިބައިން ނަގައިދިނުމަށެވެ.

ނަމަވެސް، މޮރިޝަސްގެ ފަރާތުން އެ ސިޓީއާ ގުޅޭގޮތުން ދައްކާފައިހުރި ވާހަކަތަކަށް ހަވާލާދީ ހުކުމުގައި ބުނީ، ރައީސް ސޯލިހުގެ ސިޓީ ލިބުމާއެކު، މޮރިޝަސްގެ ބޮޑުވަޒީރު ވަނީ ހަރަދު ހޯދުމުގެ ހުށަހެޅުން އަނބުރާ ގެންދަން ނިންމަވާފަ އެވެ.

އެ ސިޓީއާ ގުޅޭގޮތުން މޮރިޝަސްއިން ދައްކާފައިހުރި އިތުރު ވާހަކަތަކަށް ބަލާއިރު، މުސްތަގުބަލުގައި ރާއްޖެ ސަރަހައްދުގެ ތެރެއިން މޮރިޝަސްގެ ބޮޑުވަޒީރަށް ޗާގޯސް ޖަޒީރާއަށް ދަތުރުކުރެއްވޭނެ މަގު ފަހިކޮށްދޭނެ ކަމުގެ ޔަގީންކަން ވެސް ރައީސް ސޯލިހު ވަނީ ދެއްވައިފަ އެވެ.

އިޓްލޮސްގެ ނިންމުން

ރާއްޖެ އާއި ޗާގޯސް ޖަޒީރާއާ ދެމެދު އެއްވެސް ފަރާތަކަށް 200 ނޯޓިކަލް މޭލު ހަމަނުވެ، ހާއްސަ އިގުތިސޯދީ ސަރަހައްދު ފުށުއަރާ ގާތްގަނޑަކަށް 95،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް އޮވެ އެވެ. ޗާގޯސްގެ ސިޔާދަތީ ބާރުގެ މައްސަލަ ޒަމާނުއްސުރެ ފެންމަތިވެފައިވާތީ، އެތަނުގެ އިން އެއްވެސް އިރެއްގައި ވަކިކޮށްފައެއް ނުވެ އެވެ.

ސަރަހައްދީ އިން ވަކިކުރުމުގައި ދެ ގައުމަށް އެއްބަސްނުވެވޭ ހާލަތުގައި، ބައިނަލްއަގުވާމީ ހަމަތަކުގައި ބުނަނީ އިން ވަކިކުރާނީ "އިކުއިޑިސްޓަންސް"އަށް ބަލައިގެންނެވެ. އިޓްލޮސްގައި ދެ ގައުމުގެ މެދުގައި މައިގަނޑު ގޮތެއްގައި ހިލާފު އުފެދިގެން އުޅެނީ އިން ވަކިކުރަން ފަށާ ހިސާބާ ގުޅޭގޮތުންނެވެ.

މޮރިޝަސްގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމުގައި ބޭސް ޕޮއިންޓް ކަނޑައަޅަން ފަށާނެ ހިސާބަކީ ތިލަ ދިޔަވަރުގައި ފެންނަން އޮތް ބްލެންހެމް ރީފް އިން ފެށިގެން ކަމުގައި ވަނީ ބަޔާންކޮށްފަ އެވެ. ރާއްޖޭން ދެކޮޅު ހެދީ އެވެ. ބައިނަލްއަގުވާމީ ހަމަތަކަށް ބަލާއިރު، ތިލަ ދިޔަވަރުގައި ފެންނަން އޮންނަ ފަރަކުން ބޭސް ޕޮއިންޓު ކަނޑަނޭޅޭނެ ކަމަށް ބުނެ އެވެ.

އެ މައްސަލައިގައި އިޓްލޮސްއިން މިއަދު ނިންމި ނިންމުމުގައި ވަނީ ރާއްޖޭން ފާހަގަކުރި ނުކުތާތަކަށް ތާއީދުކޮށްފަ އެވެ. އިޓްލޮސްގެ ސްޕެޝަލް ޗޭމްބަރުން އިއްވި ނިންމުމުގައި ބުނީ، ތިލަ ދިޔަވަރުގައި ފެންނަ އޮންނަ ފަރަކުން، އިން ވަކި ކުރުމަށް ޓަކައި އިކުއިޑިސްޓަންސް ރޮނގު ދެމޭނެ އެއްވެސް ހަމައެއް ނެތް ކަމަށެވެ.

އެއާއެކު، އިޓްލޮސް އިން ކުރި ހުކުމުގައި ވަނީ ދެ ގައުމުގެ މެދުގައި ފުށުއަރާ 92،563 އަކަކިލޯމީޓަރުގެ ސަރަހައްދުގެ ތެރެއިން ރާއްޖެއަށް 47،232 ކިލޯމީޓަރު އަދި މޮރިޝަސްއަށް 45،331 ކިލޯމީޓަރު ސަރަަހައްދެއް ލިބިގެންވާ ކަމަށެވެ.

އަދި އުތުރު ޗާގޯސްގެ އައުޓާ ކޮންޓިނެންޓަލް ޝެލްޕް މޮރިޝަސްއަށް ހައްގުވާ ކަމަށް ސާބިތުކޮށްދީފައިނުވާތީ، މޮރިޝަސްއިން އެދިފައިވާ ގޮތަށް، ރާއްޖެއާއި މޮރިޝަސްއާ ދެމެދުގައިވާ އައުޓާ ކޮންޓިނެންޓަލް ޝެލްފް ޑީލިމިޓުނުކުރުމަށް ވެސް ޓްރައިބިއުނަލްގެ ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ނިންމައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox