ވޮޝިންޓަން، އެމެރިކާ (އެޕްރީލް 27) - އިންސާނީ ހައްގުތަކުގެ މައްސަލަތަކާ ގުޅިގެން ސްރީލަންކާގެ ޕްރޮވިންސެއްގެ ގަވަރުނަރަކަށް އެމެރިކާގެ ވިސާ ނުލިބޭނެ ކަމަށް ކަނޑައަޅައިފި އެވެ.
އެމެރިކާއިން ބްލެކްލިސްޓު ކުރީ ކުރީގެ ނޭވީ ލީޑަރު ވަސާންތަ ކަރަންނަގޮޑަ އެވެ. މުއްސަނދި އާއިލާތަކުގެ ކުދިން ރަހީނުކޮށް، ފައިސާ ހޯދުމަށް ފަހު އެ ކުދިން މެރި ކަމަށް ލަންކާގައި އޭނާ އާއި އިތުރު ބަޔެއްގެ މައްޗަށް ތުހުމަތުކޮށްފައިވެ އެވެ.
ލަންކާގެ ދާހިލީ ހަނގުރާމައިގެ ދުވަސްވަރު ހިންގި ކަމަށް ބުނާ ކަންކަމުގެ ގިނަ ތުހުމަތުތައް ހުރި ނަމަވެސް، ދައުވާ ނުކުރަން އިދާރާތަކުން ނިންމީ 2021 ގަ އެވެ. އެހެންވެ، އިންސާނީ ހައްގުތަކާ ބެހޭ ގްރޫޕުތަކުން ނުރުހުން ފާޅުކުރި އެވެ.
އޭގެ ފަހުން ހުޅަނގު އުތުރު ޕްރޮވިންސްގެ ގަވަރުނަރު ކަމަށް ކަރަންނަގޮޑަ ހަމަޖެއްސީ ކުރީގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ އެވެ.
އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން ވިދާޅުވީ އޭނާއާ ދެކޮޅަށް ކުރާ ތުހުމަތުތައް "ސީރިއަސް" ކަމަށާއި އެ ވާހަކަތަކުގައި ބުރަދަނެއް އެކުލެވޭ ކަމަށެވެ.
އެމެރިކާގައި ކަރަންނަގޮޑަގެ ނަން ބްލެކްލިސްޓު ކުރުމުން، އޭނާ އާއި އޭނާގެ އަންހެނުންނަށް އެމެރިކާއަށް އެތެރެވުން މަނާވާނެ އެވެ.
އދ. އިން އަންދާޒާ ކުރާ ގޮތުގައި ލަންކާގެ 37 އަހަރުވީ ދާހިލީ ހަނގުރާމައިގައި 40،000 އަށް ވުރެ ގިނަ އާއްމުން މަރުވެފައިވުން އެކަށީގެންވެ އެވެ.










