ބާސެލޯނާ (އޭޕްރީލް 27) - ސްޕެނިޝް ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާ އިން އިތުރަށް ލީޑުފުޅާކުރަން ނުކުތް މެޗުގައި، އެ ޓީމު އަތުން ރޭ ރަޔޯ ވަޔެކާނޯ އިން 2-1 އިން މޮޅުވެއްޖެ އެވެ.
ލީގުގައި އަންގާރަ ދުވަހުގެރޭ ރެއާލް މެޑްރިޑް ވަނީ 4-2 އިން ޖިރޯނާ އަތްދަށުވެފަ އެވެ. އެހެންވެ، ބާސެލޯނާ އަށް ރޭގެ މެޗުން މޮޅުވެ، 14 ޕޮއިންޓަށް ލީޑުފުޅާކުރުމުގެ ފުރުސަތު އޮތެވެ. އެކަމަކު، ވަޔެކާނޯ އަތުން ބަލިވުމުން ބާސެލޯނާ އެއް ވަނައިގައި އޮތީ 11 ޕޮއިންޓުގެ ލީޑަކާ އެކު، 31 މެޗުން 76 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ރެއާލަށް ވަނީ 31 މެޗުން 65 ޕޮއިންޓް ލިބިފަ އެވެ.
ލީގުގައި ބާސެލޯނާ އަށް ބާކީ އޮތް ހަތް މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެގެން އެ ޓީމަށް 2019 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދޭނެ އެވެ.
ރޭގެ މެޗަށް ފަހު ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނީ ލީގު ޗެމްޕިއަންކަން ލިބޭނެ ކަމަށް މާ ބޮޑު ޔަގީންކަމާ އެކު އެ ޓީމުގެ ކުޅުންތެރިން ކުޅުނު ކަމަށާއި އެކަމަކު، އެކަން ކަށަވަރުވަންދެން ވެސް ފޯކަސް ގެއްލުވައިނުލައި ކުޅުން މުހިންމު ކަމަށެވެ. އަދި މި މެޗުގައި ދެއްކި ކުޅުމަށް ބަލާއިރު، ބަލިވިޔަސް ނަތީޖާ އިންސާފުވެރިކަމަށް ޒަވީ ގަބޫލުކުރެ އެވެ.
އަމިއްލަ ދަނޑުގައި ކުޅުނު ރަޔޯ އިން ރޭގެ މެޗުގައި ލީޑުނެގީ 18 ވަނަ މިނިޓްގައި އޭރިއާތެރެއިން ތިރިތިރިން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެން އަލްވާރޯ ގާސިއާ ޖެހި ގޯލުންނެވެ. އޭގެ ތިން މިނިޓް ފަހުން ބާސެލޯނާ އަށް އެއްވަރުކޮށްދޭން ރޮބަޓް ލެވަންޑޯސްކީ އަށް ލިބުނު ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ލެވަންޑޯސްކީ ޖެހި ގޯލެއް ވަނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައި، އޮފްސައިޑް ކަަމަށް ނިންމައިފަ އެވެ.
މެޗުގެ 53 ވަނަ މިނިޓްގައި ބާސެލޯނާ މެދު ތެރެއިން ގެއްލުނު ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ، ވަޔެކާނޯގެ ފްރާން ގާސިއާ ވަނީ ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ. ބާސެލޯނާގެ ފްރެންކީ ޑި ޔޯން ޓެކަލް ކުރި ބޯޅައެއް ހޯދައި، ގާސިއާ ވަނީ ރަނގަޅު ވަގުުުތު އޭރިއާތެރިން ހޯދި ޖާގައިގެ ބޭނުންހިފައި ގޯލަށް ބޯޅަ ވައްދާލައިފަ އެވެ.
ބާސެލޯނާ އަށް މެޗުގައި ޖަހައިދިން ހަމައެކަނި ލަނޑު ކާމިޔާބުކުރީ 83 ވަނަ މިނިޓްގައި ލެވަންޑޯސްކީ އެވެ. މިއީ އޭރިއާތެރެއިން ދޫވި ބޯޅައެއް ހޯދައި، ގޯލުގެ ދުރު ކަނަށް ބޯޅަ އަމާޒުކޮށްލައިގެން ލެވަންޑޯސްކީ ޖެހި ގޯލެކެވެ.
އެތުލެޓިކޯ މެޑްރިޑްގެ 120 ވަނަ އަހަރީ ދުވަހާ ދިމާވި މެޗުން އެ ޓީމު ވަނީ 3-1 އިން މަޔޯކާ ބަލިކޮށްފަ އެވެ. އެތުލެޓިކޯ ލީގުގެ ތިން ވަނައިގައި އޮތީ 31 މެޗުން 63 ޕޮއިންޓާ އެކު އެވެ. މަޔޯކާގެ މަޓީއާ ނަސްޓާސްޓިޗްގެ ގޯލުން އެ ޓީމުން ލީޑުނެގިއިރު، އެތުލެޓިކޯ އިން ވަނީ ފަހަތުން އަރައި ތިން ގޯލު ޖަހައިފަ އެވެ. އެ ޓީމުގެ ލަނޑުތައް ޖެހީ ޔަނިކް ކަރާސްކޯ، ރޮޑްރީގޯ ޑެ ޕޯލް އަދި އަލްވާރޯ މޮރާޓާ އެވެ.












