ލަންޑަން (އޭޕްރީލް 27) - އިނގިރޭސި. ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީން 4-1 އިން އާސެނަލް ބަލިކުރިއިރު، ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑްގެ ކޯޗުކަމުގައި އެ ޓީމުން ކުޅުނު ފަސް ވަނަ މެޗުން 2-0 އިން ބްރެންޓްފޯޑް އަތުން ބަލިވިއިރު، ލިވަޕޫލުން ފަހަތުން އަރައި 2-1 އިން ވެސްޓް ހޭމް ޔުނައިޓެޑް އަތުން މޮޅުވެއްޖެ އެވެ.
ސިޓީގެ މި މޮޅާ އެކު، ލީގުގައި މެޗު ހަމަވާއިރު، އެ ޓީމަށް އެއް ވަނައިގައި ރަނގަޅު ލީޑެއް ލިބުމުގެ ފުރުސަތު އޮތީ ތަނަވަސްވެފަ އެވެ. ސިޓީ އަށް ވުރެ ދެ މެޗު އިތުރަށް ކުޅެގެން އާސެނަލް، މި ވަގުތު އެއް ވަނައިގައި އޮތީ ދެ ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އެ ގޮތުން، އާސެނަލަށް 33 މެޗުން 75 ޕޮއިންޓް ލިބިފައިވާއިރު، ސިޓީގެ އޮތީ 31 މެޗުން 73 ޕޮއިންޓެވެ.
އިއްތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ހަތް ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަގައިދިނީ އޭރިއާބޭރުން ގޯލުގެ ތިރީ ކަނަށް ބޯޅަ އަމާޒުކޮށްލައިގެން ކެވިން ޑި ބްރޭނާ ޖެހި ގޯލުންނެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުުތުގައި ޖޯން ސްޓޯންސް ވަނީ ބޮލުން ގޯލެއް ޖަހައި ސިޓީ އަށް ލީޑުފުޅާކޮށްދީފަ އެވެ. މި ގޯލު ބަލައިގަންނަން ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީގައި ވަަރަށް ރަނގަޅަށް ބެލުމަށް ފަހު އެވެ.
ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ނުވަ މިނިޓް ހިނގިތަނާ ލިބުނު ފުރުސަތަކުން ގޯލަަށް ބޯޅަ ފޮނުވާލައިގެން ޑި ބްރޭނާ ވަނީ ސިޓީގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ. ބަދަލަކަށް ކުޅެން އެރި އާސެނަލްގެ ލެއަންޑްރޯ ޓްރޮސާޑް ދިން ބޯޅައަކުން މެޗުގެ 86 ވަނަ މިނިޓްގައި ރޮބް ހޯލްޑިން ވަނީ އާސެނަލަށް ގޯލެއް ޖަހައިދީފަ އެވެ.
މެޗުގެ އިތުރު ވަގުުތުގައި ސިޓީގެ ފިލް ފޯޑެން ދިން ބޯޅައަކުން އެ ޓީމުގެ އާލިން ބްރައުޓް ހާލަންޑް ވަނީ ގޯލެއް ޖަހައިފަ އެވެ. މިއީ ސީޒަނުގެ ހުރިހާ މުބާރާތެއްގައި ހާލަންޑް ޖެހި 49 ވަނަ ގޯލެވެ. އޭގެ ތެރެއިން 34 ގޯލަކީ ޕްރިމިއާ ލީގުގައި ޖެހި ގޯލުގެ އަދަދެވެ. މިއާ އެކު ހާލަންޑް މި ވަނީ 38 މެޗުގެ ޕްރިމިއާ ލީގު ސީޒަނެއްގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ހަދައިފަ އެވެ.
ވެސްޓް ހޭމްގެ ލޫކަސް ޕަކޭޓާ މެޗުގެ 12 ވަނަ މިނިޓްގައި އޭރިއާބޭރުން ޖެހި ބޯޅައަކުން އެ ޓީމުން ލީޑުނެގި މި މެޗުގައި ލިވަޕޫލުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ކޯޑީ ގަކްޕޯ ޖެހި ގޯލުން އެއްވަރުކޮށްފަ އެވެ. ގަކްޕޯ ވެސް މި ގޯލު ޖެހީ އޭރިއާބޭރުން ފޮނުވާލި ޝޮޓަކުންނެވެ.
ދެ ވަނަ ހާފުގެ ކުރީކޮޅުގައި ވެސްޓް ހޭމްގެ ޖެރޮޑް ބޮވެން ވަނީ ގޯލެއް ޖަހައިފަ އެވެ. އެކަމަކު، ވީއޭއާރް އިން ބަލާފައި ނިންމީ އޮފްސައިޑް ކަމަށެވެ. ލިވަޕޫލް މޮޅުވި ގޯލަކީ ކޯނަރެއްގައި އެންޑީ ރޮބަޓްސަން ނެގި ބޯޅައަކުން ޖޮއެލް މަޓިޕް ބޮލުން ޖެހި ގޯލެކެވެ. މެޗުގެ ފަހު ކޮޅުގައި ލިވަޕޫލްގެ ތިއާގޯ އަލްކަންޓާރާ އަތުގައި ބޯޅަ ޖެހުނު ކަމަށް ބަލައި، ޕެނަލްޓީ އަކަށް ވެސްޓް ހޭމް އިން އެޕީލް ކުރި ނަމަވެސް ރެފްރީ ކްރިސް ކަވަނާ ނިންމީ ޕެނަލްޓީއެއް ދޭން ނުޖެހޭ ކަމަށެވެ.
ލިވަޕޫލުން 32 މެޗުން 53 ޕޮއިންޓް ހަމަކުރިއިރު، އެ ޓީމު ވަނީ ލީގުގެ ހަ ވަނަ އަށް ޖެހިލައިފަ އެވެ. ލީގުގެ ހަ ވަނައިގައި ކުރިން އޮތް ޓޮޓެންހަމަށް ވެސް 32 މެޗުން 53 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން ކުރި ލިބެނީ ލިވަޕޫލް އަށެވެ. ތިނެއްގައި އޮތް ނިއުކާސަލް ޔުނައިޓެޑާއި ހަތަރެއްގައި އޮތް މެންޗެސްޓާ ޔުނައިޓެޑްގެ ވެސް އޮތީ 59 ޕޮއިންޓެވެ.
ލީގުގެ 11 ވަނައިގައި އޮތް ޗެލްސީ އަތުން ރޭ ބްރެންޓްފޯޑް މޮޅުވިއިރު، އެ ޓީމުން ލީޑުނެގި ގޯލަކީ ޗެލްސީގެ ކެޕްޓަން، ސެޒާ އަޒްޕިލިކުއޭޓާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މިއީ ކޯނަރަކުން ހުރަސްވެގެން އައި ބޯޅަ އަޒްޕިލިކުއޭޓާ އަތުގައި ޖެހިފައި ބައިކޮޅަށް ވަދެފައިވާ ގޯލެކެވެ. ދެ ވަނަ ހާފުގައި ބްރެންޓްފޯޑް އިން އަނެއް ގޯލު ޖެހިއިރު، މިއީ އެ ޓީމުގެ ބްރަޔާން އެމްބުއޭމޯގެ އިންޑިވިޖުއަލް ހުނަރު ފެނިގެންދިޔަ މޮޅު ގޯލެކެވެ.
ޗެލްސީ ލީގުގެ 11 ވަނައިގައި އޮތީ 32 މެޗުން 39 ޕޮއިންޓް ހޯދައިގެންނެވެ. ބްރެންްޓްފޯޑް މި މޮޅާ އެކު، ލީގުގެ ނުވަ ވަނައިގައި އޮތީ 33 މެޗުން 47 ޕޮއިންޓް ހޯދައިގެންނެވެ.
ލީގުގެ ރެލިގޭޝަން ޒޯނާ ގާތުގައި އޮތް ނޮޓިންހަމް ފޮރެސްޓުން ވަނީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބްރައިޓަން އަތުން 3-1 އިން މޮޅުވެފަ އެވެ. ލީގުގެ 17 ވަނައިގައި އޮތް ފޮރެސްޓް އަށް ވަނީ 33 މެޗުން 30 ޕޮއިންޓް ލިބިފަ އެވެ. ބްރައިޓަން މި މެޗުން ބަލިވިއިރު، އެ ޓީމު އޮތީ 30 މެޗުން 49 ޕޮއިންޓާ އެކު ލީގުގެ އަށް ވަނައިގަ އެވެ.












