ބާސެލޯނާ (އޭޕްރީލް 24) - ސްޕެނިޝް ލީގުގައި ރޭ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗަށް ނެގި ސްކޮޑުގައި އުމުރުން 15 އަހަރުގެ ލަމީން ޔަމާލް އަށް ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ފުރުސަތު ދީފި އެވެ.
ޔަމާލް އަކީ ބާސެލޯނާގެ ތާރީހުގައި ވެސް އެ ކްލަބުގެ ސީނިއާ ޓީމުން ރަސްމީ މެޗަކަށް ނެގި ސްކޮޑުން ޖާގަ ހޯދި އެންމެ އުމުރުން ހަގު ކުޅުންތެރިޔާ އެވެ. ބާސެލޯނާގެ އެކެޑަމީގެ ކުޅުންތެރިއެއް ކަމަށްވާ ޔަމާލްގެ އުމުރުން 16 އަހަރު ވާނީ ޖުލައި މަހުގެ ތެރޭގަ އެވެ.
ބާސާގެ ކޯޗު ޒަވީ ބުނީ ޔަމާލް އަށް ސްކޮޑުން ފުރުސަތު ދިނީ އޭނާ އަކީ ހުނަރުވެރި ކުޅުންތެރިއަކަށްވާތީ ކަމަށެވެ.
"މޮޅު ކުޅުންތެރިއެއް އެއީ. އަހަރަމެންނަށް އޭނާގެ ބޭނުން ހިފޭނެ. ހުނަރު އެބަހުރި، ވަރުގަދަ، ޖެހިލުމެއްނުވޭ. މި ދައްކަނީ ކުރިއަށް އޮތް ތަނުގައި ތަފާތު ދައްކާނެ ކުޅުންތެރިއެއްގެ ވާހަކަ،" ޒަވީ ބުންޏެވެ.
ޔަމާލްގެ ބައްޕަ ނިސްބަތްވަނީ އީކުއެޓޯރިއަލް ގިނީ އަށެވެ. ޔަމާލްގެ މަންމަ ނިސްބަތްވަނީ މޮރޮކޯ އަށެވެ. ބާސެލޯނާގެ އެކެޑަމީއާ އޭނާ ގުޅުނީ އުމުރުން ފަސް އަހަރުގަ އެވެ.
ޒަވީ ބުނީ ޔަމާލް އެހެން ކުޅުންތެރިޔަކާ އަޅުވާ ކިޔަން އުނދަގޫ ކަމަށެވެ.
"އަހަރަމެން ކުޅުނުއިރު ނުކުންނަ ޒުވާން ކުޅުންތެރިންނާޢި މިހާރު މި ނުކުންނަ ޒުވާން ކުޅުންތެރިންގެ ތަފާތަކީ ޖެހިލުންނުވާކަން،" ޒަވީ ބުންޏެވެ.
އެތުލެޓިކޯ އަތުން 1-0 އިން މޮޅުވެ، ބާސެލޯނާ އިން ވަނީ 2019 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު ބޮޑުކޮށްފަ އެވެ.












