މިއުނިކް (އޭޕްރީލް 23) - ޖަރުމަނު ލީގުގައި ރޭ ބަޔާން މިއުނިކް ކުޅުނު މެޗުން މައިންޒް އަތުން 3-1 އިން ބަލިވުމުގެ ފައިދާނަގައި، އައިންޓްރަކްޓް ފްރޭންކްފާޓް އަތުން 4-0 އިން މޮޅުވެ، ބޮރޫޝިއާ ޑޯޓްމަންޑުން ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.
ލީގުގެ އެއް ވަނައިގައި ޑޯޓްމަންޑް އޮތީ 29 މެޗުން 60 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ބަޔާން މިއުނިކަށް ވަނީ 29 މެޗުން 59 ޕޮއިންޓް ލިބިފަ އެވެ.
ބަޔާނުން ރޭ ކުޅުނު މެޗުގެ 29 ވަނަ މިނިޓްގައި އެ ޓީމުން ލީޑުނެގީ ޔޮއާއޯ ކަންސޭލޯ ނެގި ހުރަހަކުން ސަޑިއޯ މާނޭ ބޮލުން ޖެހި ގޯލުންނެވެ. ބަޔާންގެ ލީޑުފުޅާކުރަން ޖަމާލް މުސިއާލާ އަށް ލިބުނު ފުރުސަތުގެ ބޭނުން ނުހިފުނުއިރު، މި މެޗުގައި ބަޔާންގެ މާނޭ ޖެހި ގޯލެއް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ އެހީގައިބަލައި، ނިންމީ އޮފްސައިޑް ކަމަށެވެ.
މައިންޒް އިން ނަތީޖާ އަނބުރާލީ ދެ ވަނަ ހާފުގައި 14 މިނިޓް ތެރޭ ތިން ގޯލު ޖަހައިގެންނެވެ.
މެޗުގެ 65 ވަނަ މިނިޓްގައި ބަޔާންގެ ކީޕަރު ޔެން ސޮމާ އަތުގައި ޖެހިފައި ނުކުތް ރީބައުންސް ބޯޅަ ބޮލުން ގޯލަށް ވައްދާލައިގެން މައިންޒްގެ ލުޑޮވިކް އަޖޯކް ވަނީ އެ ޓީމަށް އެއްވަރުކޮށްދީފަ އެވެ. އޭރިއާތެރެއިން ލިބުނު ޖާގަ އަކަށް ދުވެ، މެޗުގެ 73 ވަނަ މިނިޓްގައި ލެއަންޑްރޯ ބަރިއޭރޯ ވަނީ ތިރިތިރިން ގޯލަށް ބޯޅަ ފޮނުވާލައި، މައިންޒް ކޮޅަށް ނަތީޖާ އަނބުރާލައިފަ އެވެ. އަދި އޭގެ ހަތަރު މިނިޓް ފަހުން، އޭރިއާ ރޮނގުކައިރިން ލިބުނު ފުރުސަތަކުން އާރޮން ކަރީކޯލް މާޓީން ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައި އެ ޓީމަށް ތިން ޕޮއިންޓް ޔަގީންކޮށްދީފަ އެވެ.

މައިންޒްގެ ކީޕަރު ޒެންޓްނާ (ވ) ކައިރިން ބަޔާންގެ މާނޭ ގޯލަށް ބޯޅަ ފޮނުވާލަނީ.
ބަޔާންގެ އާ ކޯޗު ތޯމަސް ޓުޗެލް އަށް އެ ޓީމުގައި ނަތީޖާ ނެރުމުގެ މައްސަަލަތަކެއް ދިމާވަމުން އަންނައިރު، މައިންޒް އަކީ އޭނާ ކުރިން ކޯޗުކޮށްދިން ޓީމެކެވެ. ބަޔާނަށް މި ސީޒަނުގައި މިހާތަނަށް ބޮޑުބައި ކޯޗުކޮށްދިން ހޫލިއަން ނާގަލްސްމަންގެ ކޯޗުކަމުގައި އެ ޓީމުން ކުޅުނު 37 މެޗުގެ ތެރެއިން ބަލިވީ ތިން މެޗުންނެވެ. އެކަަަމަކު، ޓުޗެލް ހަވާލުވި ފަހުން ކުުޅުނު ހަތް މެޗުގެ ތެރެއިން ތިން މެޗުން ވަނީ ބަލިވެފަ އެވެ.
އައިންޓްރަކްޓް ފްރޭންކްފާޓް ކޮޅަށް ރޭގެ މެޗުގައި ޑޯޓްމަންޑްގެ ފުރަތަމަ ގޯލު ޖެހީ ހޫލިއަން ބްރަންޑްޓް ދިން ބޯޅައަކުން މެޗުގެ 18 ވަނަ މިނިޓްގައި ޖޫޑް ބެލިންހަމް ޖެހި ގޯލުންނެވެ. އޭރިއާތެރެއިން ޖާގައެއް ހޯދުމަށް ފަހު ބެލިންހަމް ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.
ލީޑުނެގިތާ ހަތަރު މިނިޓް ފަހުން ޑޯޓްމަންޑްގެ ކަރީމް އަޑިޔޭމީ ދިން ބޯޅައަކަށް އޭރިއާތެރެއިން އަރައި، ޑޮންޔެލް މާލެން ވަނީ އެ ޓީމަށް ދެ ވަނަ ގޯލު ޖަހައިދީފަ އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ރަފައެލް ގަރޭރޯ ނެގި ހުރަހަކަށް އަރައި، މެޓް ހަމެލްސް ވަނީ ބޮލުން ގޯލަށް ބޯޅަ ފޮނުވާލައިގެން އެ ޓީމުގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ. ޑޯޓްމަންޑްގެ ހަތަރު ވަނަ ގޯލުގައި ވެސް ފެނުނީ އަޑިޔޭމީ އާއި މާލެންގެ ކޮމްބިނޭޝަން އެވެ. އަޑިޔޭމީ ރަނގަޅު ވަގުތު ހުސްކޮށްލާފައި ދިން ބޯޅަ މާލެން ވަނީ ހަމަޖެހިލައިފައި ގޯލަށް ފޮނުވާލައިފަ އެވެ.












