މެޑްރިޑް (އޭޕްރީލް 20) - މި ސީޒަނަށް ފަހު ކުޅުން ހުއްޓާލާނެކަން ސްޕެއިން އާއި ރެއާލް ބެޓިސްގެ ލެޖެންޑް ވަކީން ސަންޗޭޒް އިއުލާންކޮށްފި އެވެ.
ހުއާކީން، 41، ކުޅުން ހުއްޓާލާނެ ކަމަށް އިއުލާންކުރިއިރު، އޭނާ އަކީ ސްޕެނިޝް ލަ ލީގާ ތާވަލްގެ ފަސް ވަނައިގައި އޮތް ބެޓިސް ކެޕްޓަނެވެ.
ލަ ލީގާގައި ވަކީން ވަނީ މިހާތަނަށް 615 މެޗު ކުޅެފަ އެވެ. ސްޕެއިންގެ ކުރީގެ ގޯލްކީޕަރު އެންޑޯނީ ޒުބިޒަރެޓާގެ ރެކޯޑާ އެއްވަރުކުުރުމަށް ވަކީން މިހާރު ބޭނުންވަނީ ހަތް މެޗެވެ.
"ވަގުތު މި އޮތީ އައިސްޖެހިފައި. މި ސީޒަން އަކީ އަހަރެން ބެޓިސްގައި ފެންނާނެ އެންމެ ފަހު ސީޒަން،" ބެޓިސްގެ ސޯޝަލް މީޑިއާގައި އާންމުކުރި ވީޑިއޯއެއްގައި ވަކީން ބުންޏެވެ.
ދެހާސް ވަނަ އަހަރުގައި ބެޓިސްގެ ސީނިއާ ޓީމަށް ވަކީން ކުޅެން ފެށިއިރު އޭނާގެ އުމުރަކީ 19 އަހަރެވެ.
ބެޓިސް އަށް ކުޅުމަށް ފަހު، ވަކީން، އެ ޓީމު ދޫކޮށް ވެެންސިއާގައި ފަސް ސީޒަން ހޭދަކުރިއެވެ. އަދި އޭގެ ފަހުން ސްޕެއިންގެ މަލާގާ އާއި އިޓާލީގެ ފިއޮރެންޓީގައި ވެސ ދުވަސްތަކެއް ހޭދަކުރިއެވެ.
ވަކީން ސްޕެއިންގެ ގައުމީ ޓީމަށް 51 މެޗު ކުޅެފައިވެ އެވެ. އޭގެ ތެރޭގައި 2002 ވަނަ އަހަރު ދެކުނު ކޮރެއާ އާއި ޖަޕާންގައި ބޭއްވި ފީފާ ވޯލްޑް ކަޕާއި 2004 ވަނަ އަހަރު ޕޯޗުގަލްގައި ހޯސްޓްކުރި ޔޫރޯ ފުޓްބޯޅަ މުބާރާތް ހިމެނެ އެވެ.












