ދެކުނު ކޮރެއާއިން ޔޫކްރެއިނަށް ހަތިޔާރު ފޯރުކޮށްދިނުމާ ދެކޮޅަށް ރަޝިއާއިން އިންޒާރު ދީފި އެވެ.
މީގެ ކުރިން ދެކުނު ކޮރެއާއިން ވަނީ އިންސާނީ އެހީ އާއި ބައެއް އެހެނިހެން އެހީ ޔޫކްރެއިނަށް ފޯރުކޮށްދީފަ އެވެ. އެކަމަކު މިހާތަނަށް އަސްކަރީ އެހީ ފޯރުކޮށްދީފައެއް ނުވެ އެވެ.
އެހެން ނަމަވެސް ބުދަ ދުވަހު ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔެއޯލް ރޮއިޓާޒް ނޫހަށް ވިދާޅުވީ ހަތިޔާރު ފޮނުވަން ޖެހޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެ ގައުމަށް އެކަން ކުރަން މަޖުބޫރު ވާނެ ކަމަށެވެ.

ރައްދުގައި ރަޝިއާއިން ބުނީ ހަތިޔާރު ފޮނުވުމަކީ ހަނގުރާމައިގައި ނުސީދާކޮށް ބައިވެރިވުން ކަމަށާއި އެ ފިޔަވަޅުން ނިކުންނާނެ ނަތީޖާ ގޯސްވާނެ ކަމަށެވެ.
އޭގެ އިތުރުން ރަޝިއާގެ ކުރީގެ ލީޑަރު ޑިމިޓްރީ މެޑްވެޑޭވް ވެސް ވިދާޅުވީ އެ ހާލަތުގައި ދެކުނު ކޮރެއާއާ ދެކޮޅަށް އެޅޭނެ ގިނަ ފިޔަވަޅުތަކެއް އެބަ ހުރި ކަމަށެވެ.
އެގޮތުން އުތުރު ކޮރެއާއަށް ރަޝިއާގެ ހަތިޔާރު ފޯރުކޮށްދިނުމަކީ ރަޝިއާއިން ވިސްނާނެ ކަމެއްގެ ގޮތުގައި މެޑްވެޑޭވް އިންޒާރު ދެއްވި އެވެ.










