ރަޝިއާއިން ހިފާފައިވާ ޔޫކްރެއިންގެ ހާސަންއަށް ރަޝިއާގެ ރައީސް ލެޑިމިއަ ޕުޓިން ދަތުރު ކުރައްވައިފި އެވެ.
ރިޕޯޓުތައް ބުނާ ގޮތުން ޕުޓިން ދަތުރު ކުރެއްވީ އެ ތަނުގައި އޮތް އަސްކަރީ ކޮމާންޑު ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.
އޭގެ އިތުރުން ޔޫކްރެއިންގެ ލުހާންސް ސަރަހައްދަށް ވެސް ޕުޓިން ވަޑައިގެންނެވި ކަމަށް ބެލެވެ އެވެ. ލުހާންސްކް އާއި ހާސަންއަކީ ރަޝިއާގެ ބަޔެއްގެ ގޮތުގައި އިއުލާން ކުރީ މިދިޔަ އަހަރު އެވެ.
ރަޝިއާގެ ސިފައިން ހިފާފައިވާ ސަރަހައްދުތަކަށް ޕުޓިން ދަތުރު ކުރައްވަނީ ވަރަށް މަދުންނެވެ. އެކަމަކު މިދިޔަ މާޗް މަހު މަރިޔުޕޯލް ސިޓީއަށް ކުއްލި ދަތުރެއް ކުރެއްވި އެވެ.
ޕުޓިން ހާސަންއަށް ދަތުރު ކުރެއްވީ ކޮން އިރަކު ކަމެއް ސާފެއް ނޫނެވެ. އެކަމަކު އަސްކަރީ ކޮމާންޑަރުންނާ ބައްދަލުކޮށް މަޝްވަރާ ކުރެއްވި އެވެ.
އެގޮތުން ޒަޕޮރިއްޒިޒިއާ ސަރަހައްދުގެ ހާލަތު ސާފުކުރަން ޕުޓިން ޝައުގުވެރިކަން ފާޅުކުރެއްވި އެވެ. އެ ތަނަކީ ވެސް ރަޝިއާގެ ބަޔެއްގެ ގޮތުގައި މިދިޔަ އަހަރު ކަނޑައެޅި ހިސާބެކެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު ރަޝިއާގެ ސިފައިން ހާސަން ސިޓީ ދޫކޮށް ދިޔަ ނަމަވެސް، އަދިވެސް ބައެއް ހިސާބުތަކުގެ ކޮންޓްރޯލް އޮތީ ރަޝިއާއަށެވެ.










