ގާސިމަށް ކުރިމަތިވާނީ ދެރަ ގޮތެއް، ވެރިކަމަށް އާދެވޭނެ އެއްވެސް ފޯމިއުލާއެއް ނުދެއްކޭ

ރޯދަ މަހަށް ހާއްސަކޮށްގެން "އަދަދު" އިން ގެނެސްދޭ "ކުޅިކޮށް" ޕްރޮގްރާމްގައި ސަމީރު ވާހަކަ ދައްކަވަނީ. --ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ރޯދަ މަހަށް ހާއްސަކޮށްގެން "އަދަދު" އިން ގެނެސްދޭ "ކުޅިކޮށް" ޕްރޮގްރާމްގައި ސަމީރު ވާހަކަ ދައްކަވަނީ. --ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ނަމަވެސް، އެމަނިކުފާނަށް ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވޭނެ އެއްވެސް ފޯމިއުލާއެއް އޮތް ކަމަށް ގަބޫލުނުކުރައްވާ ކަމަށް އެ ޕާޓީން ދާ ދިފަހުން އިސްތިއުފާ ދެއްވި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ވިދާޅުވެއްޖެ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާއެކު ކޯލިޝަން ހެދުމުގެ ބަދަލުގައި ޖުމްހޫރީ ޕާޓީ އިސްވެ އޮވެ އުފައްދާ ކޯލިޝަނަކުން ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމުމާއެކު، ޖޭޕީގެ އެއް ފައުންޑިން މެމްބަރުގެ ގޮތުގައި ހުންނެވި ސަމީރު ވަނީ ޕާޓީން އިސްތިއުފާ ދެއްވައިފަ އެވެ. އޭނާއަކީ އެ ޕާޓީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލެވެ.

މި ރޯދަ މަހަށް ހާއްސަކޮށްގެން "އަދަދު" އިން ގެނެސްދޭ "ކުޅިކޮށް" ޕްރޮގްރާމްގެ ރޭގެ އެޕިސޯޑުގައި ވާހަކަ ދައްކަވަމުން ސަމީރު ވިދާޅުވީ ކުރީގެ ތިން ސަރުކާރުން ވެސް ވެރިކަންކޮށްފައިވަނީ ރާއްޖޭގައި ހުރި އެންމެ ބޮޑު އެއް މަހުޖަނު، ގާސިމްގެ މުދާ ނަގައި، އޭނާ ޖަލަށްލައި، އާއިލާއަށް އެތަކެއް ދުއްތުރާތައް ކޮށްގެން ކަމަށެވެ.

ރައީސް ސޯލިހުގެ ސަރުކާރުން ޖޭޕީ ވެސް ހިމެނޭ ކޯލިޝަން ރޫޅާނުލައި، ގައުމަށް ހަމަޖެހުން ގެނުވައި، ހުދު ގާސިމަށް ވެސް ހިތްހަމަޖެހިލައިގެން މަސައްކަތްކުރެވޭނެ ފުރުސަތު ދެއްވި ވެރިއަކާއެކު ހުންނެވުމަކީ، ސަމީރު ވިދާޅުވި ގޮތުގައި ގާސިމް އަބަދުވެސް ގެންގުޅުއްވި އުސޫލު ކަމަށެވެ.

އެ އުސޫލާ ހިލާފަށް، އިންތިހާބުގައި ރައީސް ސޯލިހާ ދެކޮޅަށް ގާސިމް ނުކުންނަވަން ނިންމެވީ، ޕާޓީގެ ތެރޭގައި އަމިއްލަ އެދުމެއްގައި މަސައްކަތްކުރާ ބައެއްގެ ސަބަބުން ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ. އަދި މިހާރުގެ ސިޔާސީ ހާލަތަށް ބަލާއިރު، ގާސިމް ވެރިކަމަށް އައުމަށް ރައްޔިތުން ފުރުސަތު ދީފާނެކަމަށް ގަބޫލުނުކުރެއްވޭ ކަމަށް ވެސް ސަމީރު ވިދާޅުވި އެވެ.

"އަޅުގަނޑު [ޖޭޕީގެ އިސް ބޭފުޅުންނާ] ވަރަށް ސުވާލުކޮށްފިން. ހަމަ އަހާއިރަށް ބުނާނެ މިއީ އެ ފަހަރޭ. އެކަމަކު ކޮންމެވެސް ފޯމިއުލާއެއް އޮންނަންވާނެތާ. ވެރިކަމަށް އައުމުގެ ފޯމިއުލާއެއް އޮތް ކަމަކަށް އަޅުގަނޑު ގަބޫލުނުކުރެވޭ،" އޭނާ ވިދާޅުވި އެވެ.

އަމިއްލަ އެދުމާއި ފައިސާގެ ދަހިވެތިކަން

ޖޭޕީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ހަ އަހަރު އަދާކުރެއްވި، ސަމީރު އިތުރަށް ވިދާޅުވީ ގާސިމަށް ލަފާދޭން އަރިހުގައި މިހާރު ތިއްބެވި ބޭފުޅުންނަކީ ކުރީ ސަރުކާރުގައި އެމަނިކުފާނު ޖަލަށްލައި، ގައުމު ދޫކޮށް އަމިއްލައަށް އަރުވާލައިގެން ހުންނަވަން މަޖުބޫރުކުރި ހިތްދަތި ހާލަތަށް ތާއީދުކޮށްގެން އެކަމަށް ހިތްވަރުދިން ބޭފުޅުން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ގާސިމަށް ވެރިކަމަށް އާދެވޭނެ އެއްވެސް ފޯމިއުލާއެއް އެބޭފުޅުންނަށް ނުދެއްކޭއިރު، އެމަނިކުފާނު ރިޔާސީ ރޭހަށް ނުކުންނަވައިގެން މާޒީގައި ލިބުނު ވަރަށް ވޯޓު ނުލިބުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.

"އެކަން ބަދަލުކުރެވޭނެ މަސައްކަތްތަކެއް ކުރެވޭނެ ބޭފުޅުން އަރިހުގައި ތިބި ތަނެއް އަޅުގަނޑަށް ނުފެނޭ،" ސަމީރު ވިދާޅުވި އެވެ.

ޖޭޕީގެ ބައެއް އިސް ބޭފުޅުން މަސައްކަތް ކުރައްވަނީ ރާއްޖޭގެ އެންމެ ބޮޑު އެއް މަހުޖަނު ރިޔާސީ ރޭހަށް ނެރުވައިގެން، މާލީ މަންފާތަކެއް ހޯދުމުގެ އިތުރުން، އެ ބޭފުޅުން 2024 ގައި އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ބޭނުންވާ ފައިސާ އާއި ފުރުސަތުތަކެއް ފަހި ކުރަން ކަމަށް ވެސް ސަމީރު ތުހުމަތު ކުރެއްވި އެވެ.

ތެލާއި ފެން އެކުވާނެ؟

ރިޔާސީ ރޭހަށް ގާސިމް ނުކުންނަވަން އެންމެ ބޮޑަށް ބާރު އަޅައި، އެމަނިކުފާނާއެކު ކޯލިޝަން ހަދަން އެންމެ އިސް ސަފުގައި ހުންނެވި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވެސް ސަމީރު ވަނީ ފާޑުވިދާޅުވެފަ އެވެ.

އެގޮތުން، 2008 ގައި ގާސިމްގެ ތާއީދާއެކު ވެރިކަމަށް ވަޑައިގެން، ނަޝީދު އަމަލުކުރެއްވި ގޮތުގެ މާޒީ އޭނާ އާ ކުރެއްވި އެވެ.

"ތެލާއި ފެނާ ދުވަހަކުވެސް އެކުވާނެ؟ އަޅުގަނޑު ދަންނަ ގާސިމް އިބްރާހިމެއް ރައީސް ނަޝީދު ފަހަތަކަށް ނާރާނެ،" ސަމީރު ވިދާޅުވި އެވެ.

ގާސިމާއެކު ކޯލިޝަން ހެދުމުގެ މަޝްވަރާގެ ތެރެއަށް ނަޝީދު ހުށަހެޅުއްވި "ޝަރުތު" ކަރުދާހެއް "އަދަދު"އިން މިދިޔަ ހަފްތާގައި ވަނީ ފަޅާއަރުވާލައިފަ އެވެ.

ނަޝީދުގެ ހުށަހެޅުއްވުންތަކުގެ ތެރޭގައި، ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބުގެ ފަހުން އެ އިންތިހާބު ކާމިޔާބު ކުރާ ކެންޑިޑޭޓު ހުވާ ކުރުމާ ދެމެދު އޮންނަ މުއްދަތުގައި ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމާ ގުޅޭ ވޯޓެއް ނަގައި, ނިޒާމު ބަދަލުކުރަން ފާސްވެއްޖެނަމަ, 2024 ގެ މަޖިލިސް އިންތިހާބު އެ ބަދަލުތަކާ އެކު ބޭއްވުން ހިމެނެ އެވެ.

"މިއުޅެނީ ކޮން ކަމެއް ކުރަންތޯ؟ ގާސިމް ބުދެއް ގޮތެއް ބަހައްޓައިގެން އެހެން މީހަކު ބޮޑުވަޒީރުކަމަށް އަންނަން،" ސަމީރު ވިދާޅުވި އެވެ.

ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދޭންޖެހޭ

ޖޭޕީއާ ދުރަށްޖެހި، ސަމީރު މިހާރު ހުންނެވީ ރައީސް ސޯލިހަށް ދެވަނަ ދައުރެއް ހޯދައި ދިނުމަށް މަސައްކަތް ކުރައްވަން ތައްޔާރަށެވެ.

ރައީސް ސޯލިހު ވެރިކަމަށް އައުމަށް ރައްޔިތުންނަށް ވައުދުވި ގިނަ ކަންކަން ފުއްދިފައިނުވާކަމަށް ބުނެ ގިނަ ފާޑުކިޔުންތަކެއް އަމާޒުވަމުންދާއިރު، އެމަނިކުފާނަށް ދެވަނަ ދައުރެއް ދޭންޖެހޭ ސަބަބުތައް އެކަމުގެ ދިފާއުގައި އޭނާ ނެންގެވި އެވެ.

ސަމީރު ވިދާޅުވި ގޮތުންނަމަ، ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އެކި ސަރުކާރުތަކުން ރައްޔިތުންނަށް ނުކޮށްދީ ހުރި އަސާސީ ގިނަ ކަންކަން އިހުސާސްކުރެއްވުނެވެ. އެއާއެކު އެމަނިކުފާނު އެންމެ އިސްކަމެއް ދެއްވީ ފެނާއި ނަރުދަމާ، ބަނދަރާއި ދަތުރުފަތުރު ފަދަ ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ފުއްދައިދެއްވަން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ ކުރިން ކުރި ވައުދުތައް ފަހަތަށްޖެހޭނެތާ؟،" ސަމީރު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޝާހިދު ހައްޔަރުކޮށްފައި ވަނީ ކުއްޖާގެ ބަހެއް ނެތި: ވަކީލުން

ވަކީލުންގެ ބަޔާނުގައި މި މައްސަލަ ތަހުގީގު ކުރަނީ އާންމު އުސޫލުތަކާ ހިލާފަށް ކަމަށާއި، މިއީ ސިޔާސީ މަގްސަދެއްގައި ހިންގާ ކަމެއްގެ ގޮތުގައި ތުހުމަތުކޮށް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ކެރެޓު އަގުބޮޑުވި މައްސަލަ ހައްލުކުރެވިއްޖެ: ސައީދު

ބާޒާރުގައި ކެރެޓުގެ އަގު އުފުލުނީ ސަޕްލައި ކުރުމުގައި ދިމާވި މައްސަލައަކުން ކަމަށާއި، މިހާރު އެކަން ހައްލުކުރެވިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު ވިދާޅުވީ މުދާ ކްލިއާ ކުރެވިފައިވާތީ މާދަމާއިން ފެށިގެން ބާޒާރުގައި ކެރެޓުގެ އަގު ހެޔޮވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

އަސްކޮއިގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

އުމްރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ 109 މީހެއްގެ އަތުން 2.6 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަގައި، އެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލައިގައި އަސްކޮއެ ޓްރެވަލްސްގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ވަނީ އެ ކުންފުންޏަށް ދީފައިވާ އުމްރާގެ ހުއްދަ މުއްދަތެއް ނެތް ގޮތަށް ހިފަހައްޓާފައެވެ.

ރިއަލް އެސްޓޭޓް ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ޕާޓީތަކަށް

މި ބިލާ މެދު ކަންބޮޑުވުން ހުރި ފަރާތްތަކުން އަންނަ މަހުގެ 2 ވަނަ ދުވަހުގެ ކުރިން ޚިޔާލު ހުށަހެޅުމަށް އެދިފައިވާއިރު، އިދިކޮޅު ފަރާތްތަކުން ދަނީ މި މަޝްރޫއާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް ގޮވާލަމުންނެވެ.

އެމްޑީޕީން ކުރާ މުޒާހަރާއަށް އެއްބާރުލުން ދޭން ގޮވާލައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ގައުމީ ހަރަކާތުން" ބާއްވާ ބޮޑު އެއްވުން އަންނަ މަހުގެ 3 ވަނަ ދުވަހުގެ ރެއަށް އަވަސްކޮށް، އެމްޑީޕީން ހުކުރު ދުވަހު ބާއްވާ މުޒާހަރާގައި ބައިވެރިވުމަށް އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ.

ޝާހިދު ހައްޔަރުކުރި އަމުރު ހައި ކޯޓުން ދަމަހައްޓައިފި

ޝާހިދުގެ ފަރާތުން މި އަމުރު އިސްތިއުނާފު ކުރި ނަމަވެސް، ހައިކޯޓުން ނިންމީ ދަށު ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށެވެ. ޝާހިދު ވަނީ އޭނާގެ މައްޗަށް ކުރެވޭ މި ތުހުމަތުތައް ދޮގުކުރައްވައި، މިއީ ސިޔާސީ ގޮތުން ހިންގާ އަމަލެއް ކަމަށް ވިދާޅުވެފައެވެ.

ރަސްމާލެ ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ޕާޓީތަކަށް

މި ފުރުސަތު އަންނަ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށާއި، ކަމާގުޅޭ މިނިސްޓްރީތަކާއި އިދާރާތައް ކޮމިޓީއަށް ހާޒިރުކޮށްގެން ލަފާ ހޯދުމަށް ވެސް ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox