މިއުނިކް (އޭޕްރީލް 16) - ޖަރުމަނު ލީގުގެ ކުރީގައި އޮތް ބަޔާން މިއުނިކުން ރޭ ކުޅުނު މެޗުން 1-1 އިން ހޮފެންހައިމާ އެއްވަރުވި ނަމަވެސް ދެ ވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑް ކުޅުނު މެޗުން ސްޓުޓްގާޓާ 3-3 އިން އެއްވަރުވެެ، ޕޮއިންޓުން އެއްވަރުކުރަން ލިބުނު ފުރުސަތުގެ ފައިދާ ނެގޭގޮތްނުވި އެވެ.
ބަޔާން އެއް ވަނައިގައި އޮތީ 28 މެޗުން 59 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޑޯޓްމަންޑަށް ވަނީ 28 މެޗުން 57 ޕޮއިންޓް ލިބިފަ އެވެ. ރޭ އޮއުސްބާގް އަތުން 3-2 އިން މޮޅުވި އާރްބީ ލައިޕްޒިގު، ލީގުގެ ތިން ވަނައިގައި އޮތީ 28 މެޗުން 51 ޕޮއިންޓާ އެކު އެވެ. ހަތަރެއްގައި އޮތް ޔޫނިއަން ބާލިން އަށް ވަނީ 27 މެޗުން 51 ޕޮއިންޓް ލިބިފަ އެވެ.
ސަޑިއޯ މާނޭ އަށް ބަޔާނުން ދިން ސަސްޕެންޝަނެއްގެ ސަބަބުން އޭނާ ރޭ ހޮފެންހައިމާ ދެކޮޅަށް ބަޔާން ކުޅުނު މެޗުގައި ނުކުޅެ އެވެ. މެޗުގެ 17 ވަނަ މިނިޓްގައި ބަޔާނަށް ލީޑުނަގައިދިނީ ކިންގްސްލީ ކޯމަން ދިން ބޯޅައަކުން ބެންޖަމިން ޕަވާޑް އެވެ. މެޗުގެ 71 ވަނަ މިނިޓްގައި ހޮފެންހައިމް އިން އެއްވަރުކުރީ ކްރޮއޭޝިއާގެ ފޯވާޑް، އަންދްރޭ ކްރަމަރިޗް ހިލޭ ޖެހުމަކުން ޖެހި ގޯލުންނެވެ.
ބަޔާންގެ ކޯޗު ތޯމަސް ޓުޗެލް ބުނީ އެ ޓީމަށް މެޗުން މޮޅުވާން ބޭނުންވާ ވަރަށް މަސައްކަތް ނުކުރެވޭ ކަމަށާއި މިއީ ބަަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ކޮންމެ ގޮތެއް ވިޔަސް ކަންކަން ރަނގަޅުކުރަން ޖެހޭނެ ކަަމަށާއި ސީޒަނުގެ މިހާ ހިސާބުން ފަރުވާ ކުޑަކޮށްލެވޭނެ ޖާގައެއް ނުދެވޭނެ ކަމަށް ޓުޗެލް ވަނީ ބުނެފަ އެެވެ.
ޑޯޓްމަންޑްގެ ސަބެސްޓިއަން އަލެއާ އާއި ޑޮންޔެލް މާލެން އެ ޓީމަށް ރޭގެ މެޗުގައި ސްޓުޓްގާޓް ކައިރިން ދެ ގޯލުގެ ލީޑެއް ނަގައިދިިނެވެ. ޑޯޓްމަންޑް ދެ ގޯލުގެ ލީޑެއްގައި އޮއްވައި، ސްޓުޓްގާޓްގެ ގްރީސް ޑިފެންޑަރު، ކޮންސްޓަންޓީނޯސް މަވްރަޕޯނަސް އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ.
އެކަަމަކު، އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެގެން ވެސް ސްޓުޓްގާޓް އިން ވަނީ ޓަންގީ ކުލިބާލީ އާއި ޔޯޝާ ވަގްނޯމަން ޖެހި ލަނޑުތަކުން އެއްވަރުކޮށްފަ އެވެ. މެޗުގެ އިތުރު ވަގުުތުގެ ތިން ވަނަ މިނިޓްގައި ޑޯޓްމަންޑްގެ ޖިއޮވާނީ ރޭނާ އެ ޓީމަށް ލީޑުނަގައިދީފައިވަނިކޮށް، އިތުރު ވަގުތުގެ ހަތް ވަނަ މިނިޓްގައި ސްޓުޓްގާޓްގެ ސިލާސް ކަޓޯމްޕާ އެމްވުމްޕާ ވަނީ ގޯލެއް ޖަހައި، އެ ޓީމަށް ޕޮއިންޓެއް ހޯދައިދީފަ އެވެ.












