އިނގިރޭސި ރަސްގެފާނު ޗާލްސްގެ ތާޖުކޮޅު އެޅުއްވުމުގެ ރަސްމިއްޔާތަށް އަމީރު ހެރީ ވަޑައިގަންނަވާނީ އެކަނި ކަމަށް ޝާހީ ގަނޑުވަރު ބަކިންހަމް ޕެލެސްއިން އިއުލާންކޮށްފި އެވެ.
އެ ހަފުލާ ކުރިއަށްދާ އިރު ހެރީގެ އަނބިކަނބަލުން މޭގަން އާއި ދެ ދަރިކަލުން ތިއްބަވާނީ އެމެރިކާގަ އެވެ. ހަފުލާ ބާއްވަން ހަމަޖެހިފައި އޮތީ މޭ ހަ ވަނަ ދުވަހު އެވެ.
ވެސްޓްމިންސްޓާ އަބޭގައި އޮންނަ ހަފުލާގައި 2000 އަށް ވުރެ ގިނަ މެހެމާނުން ބައިވެރިވާނެ އެވެ.
މިއީ ޝާހީ އާއިލާ އާއި ޒާތީ ކަންކަމާ ގުޅޭ ވާހަކަތައް ހިމެނޭ ހެރީގެ އެޮޓޯބަޔޮގްރަފީ "ސްޕެއާ" ނެރުނު ފަހުން އާއިލާއާ އެކު ހެރީ ފެނިވަޑައިގަންނަވާނެ ފުރަތަމަ ފަހަރެވެ.
އެ ފޮތް ނެރުނު ފަހުން ނެޓްފްލިކްސްގައި ރިލީޒްކުރި ޑޮކިޔުސީރީޒް "ހެރީ އެންޑް މޭގަން" ގައި ވެސް ވަނީ ޝާހީ އާއިލާއަށް ގިނަ ތުހުމަތުތަކެއް ކޮށްފަ އެވެ.
އެ ތުހުމަތުތަކަށް ޝާހީ އާއިލާއިން ރައްދު ދީފައެއް ނުވެ އެވެ. އަދި ތާޖުކޮޅު އެޅުއްވުމުގެ ހަފުލާގައި ހެރީ އާއި މޭގަން ފެނިވަޑައިގަންނަވާނެ ކަމާ މެދު ސުވާލު އުފެދުނެވެ.










