އިންޑިއާގައި މިހާރު ކުރިއަށްދާ އިންޑިއަން ގްރޯން ޕްރީގެ ތިން ވަނަ މުބާރާތުގައި ވާދަކޮށް ހަސަން ސާއިދު ދެ ބްރޮންޒް މެޑަލް ހޯދިއިރު އުއްމީދީ ދުވުންތެރިޔާ ޒިވާ މޫސާ ޝަފީއު ވެސް ބްރޮންޒް މެޑަލެއް ހޯދައިފި އެވެ.
އިންޑިއާގެ ބެންގަލޫރުގައި މި މަހުގެ 10 ވަނަ ދުވަހު ފެށި މުބާރާތުގައި އިއްޔެ ސާއިދު ދެ ބްރޮންޒް މެޑަލް ހޯދިއިރު ގްރޯން ޕްރީގެ ފުރަތަމަ މުބާރާތުގައި ދެ ރަން މެޑަލް އަދި ދެ ވަނަ މުބާރާތުގައި ރިހި މެޑައްޔަކާއި ލޯ މެޑަލް އެއް ހޯދި އެވެ.
އިއްޔެ އޭނާ 100 މީޓަރު ދުވުމުން ބްރޮންޒް މެޑަލް ހޯދީ 10.61 ސިކުންތުން ރޭސް ނިންމައިގެންނެވެ. ރިހި މެޑަލް ހޯދީ 10.52 ސިކުންތުން ރޭސް ނިންމި އޮޑީސާގެ އަމިޔާ ކުމާރު މަލިކް އެވެ. އަދި އެއްވަނަ އަށްދިޔަ އައްސާމްގެ އަމްލާން ބޯގޮހޭން ރޭސް ނިންމީ 10.50 ސިކުންތެވެ. އިންޑިއަން ގްރޯން ޕްރީގައި ވަނަތައް ހޮވަނީ ހުރިހާ ހީޓެއްގެ ޓައިމިން އަށް ބަލައިގެންނެވެ. އާންމުކޮށް އޮންނަ ގޮތަށް ފައިނަލަށް ކޮލިފައިވާ ހީޓުތަކެއް ކުރިއަށް ނުގެންދެވެ.
200 މީޓަރު ދުވުމުން ސާއިދު ބްރޮންޒް މެޑަލް ހޯދީ 21.72 ސިކުންތުން ރޭސް ނިންމައިގެންނެވެ. ސާއިދަށްވުރެ ކުރިން ރޭސް ނިންމައި ޗަތިސްގަރުގެ އަނިމޭޝް ކުޖުރު ދެވަނަ ހޯދިއިރު، އެއް ވަނަ ހޯދީ 21.20 ސިކުންތުން ރޭސް ނިންމި އައްސާމްގެ އަމްލާން ބޯގޮހޭން އެވެ.
އެ ގޮތުން، 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުމުގައި ރާއްޖޭގެ އާދަމް ރިފްއަތު ވެސް ވާދަކުރި އެވެ. ސަތޭކަ މީޓަރު ދުވުމުގައި ރިފްއަތުގެ ޓައިމިން އަކީ 11.55 ސިކުންތެވެ. އަދި 200 މީޓަރު ދުވުމުގައި އޭނާ ވަނީ 22.96 ސިކުންތުން ރޭސް ނިންމާފަ އެވެ.
ސީނިއާ ކެރިއަރުގެ ފުރަތަމަ ބައިނަލްއަގްވާމީ މެޑަލް ޒިވާ ހޯދީ އަންހެނުންގެ 200 މީޓަރު ދުވުމުންނެވެ. ޒިވާ ރޭސް ނިންމީ 26.84 ސިކުންތުންނެވެ. ޒިވާއަށްވުރެ ބާރަށް ދުވެ ރޭހުން އެއް ވަނަ ހޯދީ 23.77 ސިކުންތުން ރޭސް ނިންމި އިންޑިއާގެ ގައުމީ ޓީމުގެ އެއް ވަނަ ސްޕްރިންޓަރު އައްސާމްގެ ހިމާ ދާސް އެވެ. ދެވަނަ އަށް ދިޔައީ 24.88 ސިކުންތުން ދުވި ކަރްނާޓަކާގެ ޖޯތިކާ އެވެ.
ރާއްޖޭގެ ރިފާ މުހައްމަދު 200 މީޓަރު ދުވުމުގައި ވާދަކުރި އެވެ. 28.35 ސިކުންތުން ދުވި ރިފާ ދިޔައީ ރޭހުގެ ހަތަރު ވަނަ އަށެވެ.
އިންޑިއަން ގްރޯން ޕްރީގެ ތިން ވަނަ މުބާރާތުގެ 100 މީޓަރު ދުވުމުގައި ރާއްޖޭގެ މަރިޔަމް އަލްހާ ހުސެއިން އާއި އައިޝަތު ޝަބާ ސަލީމް ވާދަކުރި އެވެ. އެ ގޮތުން، 12.85 ސިކުންތުން ދުވެ އަލްހާ ރޭހުގެ ހަ ވަނަ އަށް ދިޔައިރު، 13.05 ސިކުންތުން ރޭސް ދުވި ޝަބާ ދިޔައީ ރޭހުގެ އަށް ވަނަ އަށެވެ.
ރާއްޖެއިން ދެން ވާދަކުރި 800 މީޓަރު ދުވުމުގަ އެވެ. މި ގޮތުން މި އިވެންޓުގެ އަންހެން ރޭހުގައި ވާދަކޮށް ރާއްޖޭގެ އައިޝަތު ޖާއިޝާ ޖުނީޒް ރޭސް ނިންމީ 2 މިނެޓު 32.42 ސިކުންތުންނެވެ.
ފިރިހެން 800 މީޓަރު ދުވުމުގައި ވާދަކުރި ހުސެއިން ރިޒާ (ކުޑަ ރިޒާ)ގެ ޓައިމިން އަކީ އެއް މިނިޓު 54.64 ސިކުންތެވެ. ހުސެއިން ފަޒީލް ހާރޫން (ފްލޭޝް)ގެ ޓައިމިން އަކީ އެއް މިނިޓާއި 57.92 ސިކުންތެވެ.
އިންޑިއަން ގްރޯން ޕްރީގެ ފުރަތަމަ އަދި ދެ ވަނަ މުބާރާތުގައިވެސް މި އަހަރު ރާއްޖޭގެ އެތުލީޓުން ވާދަކޮށްފައިވާއިރު، އަންނަ ހޮނިހިރު ދުވަހު ފަށާ ގްރޯން ޕްރީގެ ހަތަރު ވަނަ މުބާރާތުގައިވެސް ރާއްޖޭގެ އެތުލީޓުން ވާދަކުރާނެ އެވެ.











